ޑާކް ރެއިންގެ "ދައުވަތު" މިހާރު ބެލޭނެ

ޑާކް ރެއިން އެންޓަޓައިންމަންޓުން "ޝޯޓްސް" ގެ ނަމުގައި ގެނެސްދޭން ނިންމި ކުރު ފިލްމުތަކުގެ ތެރެއިން ފުރަތަމަ ފިލްމު "ދައުވަތު" އާންމުންނަށް ދޫކޮށްލައިފި އެވެ.


އެ ސްޓޫޑިއޯގެ ޔޫޓިއުބް ޗެނެލުން ބަލައިލެވޭނެ މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) ލިޔެ، ޑައިރެކްޓްކުރި އެއްޗެކެވެ. ސަސްޕެންސް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ދައުވަތު" ގެ ކާސްޓުންނަކީ އަހުމަދު ސުނީ އާއި މަރިޔަމް ޝިފާ އާއި ހޫދު އިބްރާހީމެވެ.

ޑާކް ރެއިނުން ބުނިގޮތުގައި މި ފިލްމަކީ 15 އަހަރުން މަތީގެ މީހުންނަށް ހާއްސަ އެއްޗެކެވެ. "ދައުވަތު" އަކީ ޑާކް ރެއިންގެ "ޝޯޓްސް" ގެ ފެށުމެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެ ސްޓޫޑިއޯގެ އުފެއްދުންތަކަށް ލޯބިކުރާ ވަފާތެރި ފޭނުންނަށް މިފަދަ ގިނަ އުފެއްދުންތަކެއް ގެނެސްދޭނެ ކަމަށް ބުނެ އެވެ.

މީގެ 14 އަހަރު ކުރިން ފިލްމު ހަދަން ފެށި އެ ސްޓޫޑިއޯ އިން ކުރިން ވެސް ގިނަ އަދަދެއްގެ ކުރު ފިލްމުތައް ގެނެސްދީފައިވެ އެވެ. މީގެ އިތުރުން ޓީވީ ސިލްސިލާތަކެއް ވެސް ގެނެސްދިފައިވާ އިިރު މިހާރު ޑާކް ރެއިނަކީ ފީޗާ ފިލްމުތައް ގެނެސްދިނުމުގައި ރާއްޖޭގެ އެންމެ ކާމިޔާބު ސްޓޫޑިއޯ އެވެ.

އެތަނުހެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މާމުއި" އެވެ.