"ބިގް ބޮސް 14" ފެށުން މިރޭ

ރިއަލިޓީ ޝޯތަކަށް ލޯބިކުރާ މީހުން ކެތްތެރިކަމެއް ނެތި އިންތިޒާކުރަމުން އަންނަ ކަލާޒްގެ "ބިގް ބޮސް" ސީޒަން 14 މިރޭ ފަށާނެ އެވެ.


ވަރަށް ފޯރި ގަދަކޮށް ޝޯ ލޯޗްކުރާނީ ރާއްޖެ ގަޑިން 8:30 ގަ އެވެ. ޝޯގެ ހޯސްޓް ސަލްމާން ޚާނާ އެކު މިރޭ ގިނަ ފަންނާނުންތަކެއް އެކި އައިޓަމްތަކުން ފެންނާނެ އެވެ. އޭގެ ތެރޭގައި ކުރިން "ބިގް ބޮސް" އެކި ސީޒަންތަކުގައި ވާދަކޮށް، އާންމުންގެ ލޯބި ހޯދި ފަންނާނުންތަކެއް ވެސް ހިމެނޭނެ އެވެ.

"ބިގް ބޮސް 14" މިރޭ ފަށާ އިރު އެންމެ ހާއްސަ ކަމަކަށްވާނީ މި ފަހަރުގެ ސީޒަންގައި ވާދަކުރާ ސެލެބްރިޓީންތައް ކަށަވަރުވެގެން ދިއުމެވެ.

މިހާތަނަށް ކަށަވަރު ބައިވެރިންނަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ދަރިފުޅު ޖާން ކުމާރު ސާނޫ އާއި ޓީވީ އިންޑަސްޓްރީގައި މަޝްހޫރު ދެމަފިރިން ކަމަށްވާ ރުބީނާ ދިލައިކާއި އަބިނާބް ޝުކްލާ އާއި އިޖާޒް ޚާނާއި ރާދޭ މާ އެވެ.

"ބިގް ބޮސް 14" މިރޭ ފެށުމަށް ފަހު ތިން މަސް ނުވަތަ 15 ހަފުތާ އަށް ގެނެސްދޭނެ އެވެ. އަދި ހަފުތާގެ ހުރިހާ ރެއެއްގައި ޝޯގެ އެޕިސޯޑްތައް އެއް ގަޑިއިރަށް ގެނެސްދޭނެ އެވެ. ހޯމަ ދުވަހުގެ ރެއިން ހުކުރު ދުވަހުގެ ރެއަށް ކުރިއަށް ގެންދާ އެޕިސޯޑްތައް ދައްކާނީ ރާއްޖެ ގަޑިން 10:00 ގަ އެވެ. އަދި ސަލްމާނާ އެކު ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭ "ވީކެންޑް ކާ ވާރު" ގެ އެޕިސޯޑްތައް ގެނެސްދޭނީ ރާއްޖެ ގަޑިން 8:30 ގަ އެވެ.

"ބިގް ބޮސް 14" މި ފަހަރު ގެނެސްދެނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށްވާތީ ޝޯއިން ކުރީގެ ސީޒަންތަކާ ހިލާފަށް ބޮޑެތި ބަދަލުތަކެއް ވެސް ފެންނާނެ އެވެ. ހާއްސަކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކީފަ އެވެ.