ބިގް ބޮސް 14: ގެއަށް 11 ބައިވެރިން

ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަން 11 ބައިވެރިންނާ އެކު ރޭ ފަށައިފި އެވެ.


ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާ ޝޯ ވަރަށް ކުލަގަދަކޮށް ލޯންޗްކުރި އިރު ޝޯއިން ފުރުސަތު ދީފައި ވަނީ އާންމުންގެ މެދުގައި މަގުބޫލު 11 ސެލެބްރިޓީއަކަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ޓީވީ ފިލްމުތަކުން ވެސް ފެންނަ އެކްޓަރެއް ކަމަށްވާ އިޖާޒް ޚާނާއި ޒީޓީވީން ގެނެސްދިން ސިލްސިލާ "ގުއްޑަން: ތުމް ސެ ނަހޯ ޕާއެގާ" ގެ ބަތަލު ނިޝާންތު ސިންގް މަލްކާނީ އާއި ޓީވީ އާއި ފިލްމުތަކުން ވެސް ފެންނަ އެކްޓަރު އަބިނާވް ޝުކްލާ އާއި އޭނާގެ އަންހެނުން ޓީވީ ބަތަލާ ރުބީނާ ދިލައިކާއި ޓީވީ ބަތަލާ ޖޭސްމިން ބާސިނާއި ޓީވީ ބަތަލާ ޕަވިތުރާ ޕުނިއާ އާއި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ނިކީ ޓަމްބޯލީ އާއި މިއުޒިޝަމުން ކަމަށްވާ ރާހުލް ވައިދިއާ އާއި ޖާން ކުމާރު ސާނޫގެ މޮޑެލް ޝެހެޒާދު ޑިއޯލްގެ އިތުރުން ޕަންޖާބީ ބަތަލާ/ލަވަކިޔުންތެރިޔާ ސާރާ ގުރްޕަލް އެވެ.

"ބިގް ބޮސް 14" ގެ ބައިވެރިން ހޮވުމުގައި މި ފަހަރު ކުރީގެ ސީޒަންތަކުގައި ވާދަކުރި ތިން ބައިވެރިއެއް ބޭނުންކޮށްފައިވެ އެވެ. އެއީ ސީޒަން 13 ކާމިޔާބުކުރި ސިދާތު ޝުކްލާ އާއި ސީޒަން 12 ގައި ފިނާލޭގައި ވާދަކުރި ހީނާ ޚާންގެ އިތުރުން ސީޒަން ހަތެއް ކާމިޔާބުރި ގޯހަރް ޚާނެވެ.

މި ތިން ފަންނާނުން ކުރިއަށް އޮތް 14 ދުވަހު "ބިގް ބޮސް 14" ގެ ބައިވެރިންގެ ޖާގަ އިތުރަށް ކަށަވަރުކޮށް ދިނުމުގައި މުހިއްމު ރޯލްތަކެއް އަދާކުރާނެ އެވެ. އެހެންވެ ބައިވެރިންނަށް ހަވާލުކުރެވޭ ޓާސްކްތައް ފުރިހަމަކުރުމުގައި ސިދާތާއި ހީނާ އާއި ގޯހަރްގެ ރުހުން ހޯދަން ޖެހޭނެ އެވެ.

އެ ބާރާ އެކު ބިގް ބޮސްގެ ގޭގައި ތިން ބައިވެރިން ހިއްސާވާނީ "ތޫފާނީ ސީނީއާޒް" ގެ ނަމުގަ އެވެ. މީގެ އިތުރުން ތިން ފަންނާނުން ވެސް ގޭގެ މުހިއްމު ޒިންމާތަކެއް ނަގާނެ އެވެ. އެގޮތުން ސިދާތު ހަވާލުވެފައި ވަނީ ކޮޓަރީގެ ކަންތައްތަކާ އެވެ. މޯލް ހަވާލުކޮށްފައި ވަނީ ހީނާއާ އެވެ. އަދި ބަދިގޭގެ ކަންކަން ކޮންޓްރޯލްކުރާނީ ގޯހަރެވެ.

ކުރިއަށް އޮތް 14 ދުވަސްވެގެން ދާނީ ގެއިން ތިން މަސް ދުވަހުގެ ޖާގައެއް ކަށަވަރުކުރަން ހުރިހާ ބައިވެރިން ވެސް ވަރަށް މަސައްކަތްކުރަން ޖެހޭނެ މުއްދަތަކަށެވެ. ހުރިހާ ބައިވެރިން ވެސް މި ވަގުތު ތިބީ ޓު ބީ ކޮންފާމްޑް (ޓީބީސީ) ސްޓޭޓަސްގަ އެވެ.

"ބިގް ބޮސް 14" އެގާރަ ބައިވެރިންނާ އެކު ތިން ދުވަހުގެ ފޯރިގަދަ އަދި ޝައުގުވެރި ދަތުރަކަށް ފެށި އިރު ބައިވެރިން ތިބޭ ގެ މި ފަހަރު ވަކިން ފުރިހަމަވެފައިވާ ޗާލެވެ. އަދި ކުރިއާ ހިލާފަށް އިތުރު ވަސީލަތްތައް ވެސް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ސްޕާ އާއި މޯލާއި ތިއޭޓަރު ހިމެނެ އެވެ.

"ބިގް ބޮސް 14" ހަފުތާގެ ހުރިހާ ރެއެއްގައި ގެނެސްދޭނެ އެވެ. އެގޮތުން ހޯމަ ދުވަހުގެ ރެއިން ހުކުރު ދުވަހުގެ ރެއަށް ކުރިއަށް ގެންދާ އެޕިސޯޑްތައް ދައްކާނީ ރާއްޖެ ގަޑިން 10:00 ގަ އެވެ. އަދި ސަލްމާނާ އެކު ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭ "ވީކެންޑް ކާ ވާރު" ގެ އެޕިސޯޑްތައް ގެނެސްދޭނީ ރާއްޖެ ގަޑިން 8:30 ގަ އެވެ.

މި ފަހަރުގެ ސީޒަން ގެނެސްދެނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށްވާތީ ބައިވެރިން ގޭގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި ރައްކާތެރިކަމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައި ހުންނާނެ އެވެ. މިކަންކަމާ އެކު "ބިގް ބޮސް 14" އަކީ ބެލުންތެރިންނަށް ކިހާ ކަމުދާ އެއްޗެއްތޯ ކުރިއަށް އޮތް ދުވަސްތަކުގައި އެނގިގެންދާނެ އެވެ.

މި ޝޯ އަކީ މިހާތަނަށް އިންޑިއާގައި ގެނެސްދޭ ރިއަލިޓީ ޝޯތަކުގެ ތެރެއިން އަބަދު ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭ ޝޯއެކެވެ. އަދި ބައެއް ސީޒަންތަކަކީ އެކި ކަހަލަ ކަންކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވާ ސީޒަންތަކެކެވެ.

މިހާތަބށް ގެނެސްދިން "ބިގް ބޮސް" ގެ ސީޒަންތަކުގެ ތެރެއިން އެންމެ ކާމިޔާބު ސީޒަނަކީ މި އަހަރުގެ ފެބްރުއަރީގައި ނިންމާލި 13 ވަނަ ސީޒަނެވެ. އަދި އެ ސީޒަންވެގެން ދިޔައީ މަގުބޫލުކަން ބޮޑުވެގެން ގޮސް މުއްދަތު ވެސް ހަތަރު މަހަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ސީޒަނަކަށެވެ.

"ބިގް ބޮސް 14" އަކީ ސަލްމާން ހޯސްޓްކުރާ 11 ވަނަ ސީޒަނެވެ.