ޑްރަގްސް މައްސަލާގައި މުޅި ބޮލީވުޑް ގޯހެއް ނުކުރެވޭނެ: އަކްޝޭ

ބޮލީވުޑަކީ މިހާރު މަސްތުވާތަކެތީގެ ހާއްޔެއްގެ ގޮތުގައި އިނގިލި ދިއްކުރެވުނަސް އެކަމާ ގުޅުވައިގެން މުޅި އިންޑަސްޓްރީގެ ނަން ހަރާބު ނުކުރުމަށާއި މައްސަލަތައް ހުރި ނަމަ ގާނޫނީ ގޮތުން ހައްލު ހޯދަން މަސައްކަތް ކުރުމަށް އެކްޓަރު އަކްޝޭ ކުމާރު ގޮވާލައިފި އެވެ.


އަންނަ އަހަރު ރިލީޒްކުރާ އޭނާގެ ފިލްމު "ބެލް ބޮޓަމް" ގެ ޝޫޓިން ސްކޮޓްލެންޑްގައި އެނބުރި އިންޑިއާ އަށް ގޮސް އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި އަކްޝޭ ވަނީ ބޮލީވުޑާ ގުޅޭ ގޮތުން މިހާރު ދެކެވޭ ބައެއް ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަކްޝޭ ބުނީ ބޮލީވުޑަކީ ވެސް އެކި ކަހަލަ މީހުން މަސައްކަތްކުރާ ތަނަކަށްވުމާ އެކު، އެކި ކަހަލަ އަމަލުތައް ކުރާ ބަޔަކު ތިބޭނެ ކަމަށެވެ. އެހެންވެ ބޮލީވުޑަކީ މަސްތުވާތަކެތި ނެތް ތަނެކޭ ނުބުނެވޭނެ ކަމަށާއި އެކަމަކު އެއީ އިންޑަސްޓްރީ ހަލާލުކޮށްލުމުގެ ބޭނުމުގައި ދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށް ބުންޏެވެ.

"ހަމައެކަނި މި އިންޑސްޓްރީއެއް ނޫން. ކޮންމެ އިންޑަސްޓްރީއެއްގައި ވެސް ތިބޭނެ އެކި ޒާތުގެ އެކި ކަހަލަ ކަންކަން ކުރާ މީހުން. އެއީ އިންކާރު ވެސް ކުރެވޭނެ ކަމެއް ނޫން. އެކަމަކު އޭގެ މާނައެއް ނޫން މުޅި އިންޑަސްޓްރީ ގޯހެކޭ. އަދި އެކަމާ ގުޅުވައިގެން މުޅި އިންޑަސްޓްރީގެ ނަން ހަޑިކޮށްލައިގެން ނުވާނެ،" ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ ބުންޏެވެ.

"ކޮންމެ އިންޑަސްޓްރީއެއްގައި ވެސް ތިބޭނެ އެކި ޒާތުގެ އެކި ކަހަލަ ކަންކަން ކުރާ މީހުން. އެއީ އިންކާރު ވެސް ކުރެވޭނެ ކަމެއް ނޫން. އެކަމަކު އޭގެ މާނައެއް ނޫން މުޅި އިންޑަސްޓްރީ ގޯހެކޭ."

އޭނާ ބުނީ ކޮންމެ ތަނެއްގައި ވެސް މައްސަލަތައް ހުންނާނެ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރަން ވާނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަމަށް ބުންޏެވެ. އޭނާ ބުނިގޮތުގައި ބޮލީވުޑާއި ޖުމްލަކޮށް އިންޑިއާގެ މުޅި ފިލްމު އިންޑަސްޓްރީ އަކީ އެ ގައުމުގެ ސަގާފަތާއި އިގުތިސާދުގެ ވަރަށް މުހިއްމު ބައެކެވެ. އެހެންވެ އެ ދާއިރާ އަށް ލިބޭ ކޮންމެ ގެއްލުމަކީ ގައުމަށް ލިބޭ ގެއްލުމެއް ކަމަށް ބުންޏެވެ. އަކްޝޭ ބުނިގޮތުގައި ފިލްމު އިންޑަސްޓްރީގެ އަގާއި ގަދަރު ހިފަހައްޓަން މަސައްކަތްކުރަން ވާނީ އެ އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނެވެ. އަދި ފިލްމު ކުޅޭ މީހުންނަށް ތަރިންނަށް ވަނީ އާންމުން ދޭ ލޯތްބާއި ސަޕޯޓާ ހެދި ކަމަށްވާތީ އެ ޝަރަފު ހިފަހެއްޓުމަކީ މުޅި އިންޑަސްޓްރީގެ ޒިންމާއެއް ކަމަށް ބުންޏެވެ.

އަކްޝޭ ބުނިގޮތުގައި މީޑިއާ އަކީ ވެސް ވަރަށް ބާރު ގަދަ ވަސީލަތަކަށްވާތީ މީޑިއާތަކުން ވެސް ވަރަށް ޒިންމާދާރުކަމާ އެކު މަސައްކަތްކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ މީޑިއާ އަދާކުރާ ދައުރެއްގެ ސަބަބުން އެތައް ބަޔަކު އިންސާފު ނުލިބި ހައްގުގެ މަގުން ކަސިޔާރުވެދާނެ ކަމަށް ބުންޏެވެ.

"އެހެންވެ އަހަރެން އިލްތިމާސް ވެސް ކުރަން މީޑިއާތަކަށް ހައްސާސް މައްސަލަތަކުގައި މީޑިއާގެ ރޯލް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް. މީޑިއާ އަބަދު ވެސް އޮންނަން ޖެހޭނީ ހައްގު ބަސް ބުނަން ޖެހޭ ހާލަތުގައި މަސައްކަތްކުރަން ތައްޔާރުވެގެން،" އަކްޝޭ ބުންޏެވެ. "ހައްގު ބަސް ބުނަން ޖެހޭ ހިނދުކޮޅުތަކުގައި މީޑިއާ ފަހަތަށް ޖެހޭ ލިބޭ ގެއްލުން ވަރަށް ބޮޑު ވާނެ."

އޭނާ ބުނި ގޮތުގައި މީޑިއާ ޒިންމާދާރުކަމާ އެކު މަސައްކަތް ނުކުރާ ނަމަ މުޖުތަމައުގެ ތެރޭގައި ހަމަނުޖެހުން އިތުރުވެ، މީސްމީހުންގެ އަބުރާއި ގަދަރު ވެއްޔާ މޮޑެވިގެން ދިއުން ނޫން ކަމެއް ނުވާނެ އެވެ.

"ކަމުގެ ދެކޮޅު ބަލާނުލައި ފަތުރާލެވޭ ކިތަންމެ ކުޑަކުޑަ ޚަބަރަކުން ވެސް މީހެއްގެ މުޅި ދިރިއުޅުން ހަލާކުވެދާނެ. އެހެންވީމަ މިކަހަލަ ކަންކަމަށް މީޑިއާތަކުން އެބަޖެހޭ ރައްކާތެރިވާން،" އަކްޝޭ ބުންޏެވެ.

ޖޫން މަހު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވި ހާދިސާގެ ތަހުގީގުގެ ތެރެއިން ބޮލީވުޑާ ގުޅުން ހުރި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް ފެންމަތިވެ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މިހާރު އަންނަނީ އެ މައްސަލަތައް ބަލަމުންނެވެ. މަސްތުވާކެތީގެ ތުހުމަތު ވަނީ ބޮލީވުޑްގެ އޭ-ލިސްޓްތަރިންތަކެއްގެ ބޮލުގައި ވެސް އެޅުވިފަ އެވެ.