ކަންގަނާ ރަނާވަތުގެ "ތަލައިވީ" ގެ ކްލައިމެކްސްގެ ޝޫޓިން އަންނަ މަހަށް ފަސްކޮށްފި

ބަތަލާ ކަންގަނާ ރަނާވަތު މިހާރު ކުޅެމުން އަންނަ ފިލްމު "ތަލައިވީ" ގެ ޝޫޓިން ބޮޑުބައި ނިމުނު ނަމަވެސް ކޮވިޑް-19 އާ ހެދި އިޖުތިމާއީ ގައިދުރުކަން ބަހައްޓަން މަޖުބޫރު ކަމަކަށްވާތީ، ގިނަ ބަޔަކު ބައިވެރިކޮށްގެން ނަގަން ޖެހޭ ފިލްމުގެ ކްލައިމެކްސް ޝޫޓިން އަންނަ މަހަށް ފަސްކޮށްފި އެވެ.


ކޮވިޑާ ހެދި ޝޫޓިން މެދުކެނޑުނު މި ފިލްމުގެ މަސައްކަތް އަލުން ހައިދަރުއާބާދުގައި ފެށީ މި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް "ތަލައިވީ" ގެ ފަހު ޝެޑިއުލްގެ ޝޫޓިންގެ ބާކީ އަދި 15 ދުވަހުގެ މަސައްކަތް އެބައޮތެވެ. އެކަމަކު އެ މަންޒަރުތައް ނެގެން އޮތީ ކޮވިޑްގެ އުސޫލުތަކަށް ލިބޭ ލުއިތަކާ އެކީގަ އެވެ.

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމުގެ ކްލައިމެކްސްގެ އެންމެ މުހިއްމު އެއް މަންޒަރަކީ އެ ކަމަނާ ގާނޫނު ހަދާ މަޖީލިހުގެ އިދާރާ އިން ނުކުންނަވާ އިރު، ގިނަ އަދަދެއްގެ ބަޔަކު މަރުހަބާކިޔަން ނުކުމެފައިވާ މަންޒަރު ދައްކުވައިދޭ މަންޒަރެކެވެ.

ނަމަވެސް ފިލްމުތަކުގެ ޝޫޓިން މި ވަގުތު ކުރިއަށް ގެންދަން ހުއްދަ ދީފައި ވަނީ ރައްކާތެރިކަމުގެ ގޮތުން ވަރަށް މަދު އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ކަމަށްވާތީ މި ދަ ދަނޑިވަޅުގައި އެފަދަ މަންޒަރެއް ނެގެން ނެތީ އެވެ. "ތަލައިވީ" ގެ ކްލައިމެކްސްގެ މަންޒަރުގައި މަދުވެގެން 350 މީހުންގެ ކްރައުޑެއް ބައިވެރިކުރަން ޖެހެ އެވެ.

އެހެންވެ ފިލްމުގެ ޓީމުން މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ ތެރޭގައި ކޮވިޑްގެ އުސޫލުތަކަށް އިތުރު ލުއިތަކެއް ލިބޭނެ ކަމަށް ބެލެވޭތީ ޝޫޓިން ފަސްކުރުމަށެވެ. އެކަން ކަށަވަރުކޮށް ދެމުން ޕްރޮޑިއުސަރު ޝައިލޭޝް އާރް ސިންގް ބުނީ ފިލްމުގެ ބާކީ ހުރި މަންޒަރުތަކުގެ ޝޫޓިން ކުރިއަށް ގެންދާނީ އަންނަ މަހުގެ މެދުތެރޭގައި ކަމަށެވެ.

އޭނާ ބުނި ގޮތުގައި ހަތް މަސް ފަހުން "ތަލައިވީ" ގެ ޝޫޓިން އަލުން ފެށި އިރު ވެސް މަސައްކަތްތައް ކުރިއަށް ގެންދަން ޖެހުނީ ވަރަށް ދަތިކޮށެވެ. ސަބަބަކީ ރައްކާތެރިކަމުގެ ގޮތުން މި ފަހަރު ކްރޫގެ އެންމެ 30 ޕަސަންޓް މީހުން މަސައްކަތަށް ބޭނުންކުރަން ޖެހުމެވެ. އެހެން ވިޔަސް "ތަލައިވީ" މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. ކްލައިމެކްސް ޝޫޓްކޮށްލެވުމުން ދެން އޮންނާނީ ޕޯސްޓް-ޕްރޮޑަކްޝަން ފުރިހަމަކޮށް، ރިލީޒްކުރަންދެން ފިލްމު ޕޮލިޝްކުރުމެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތި ނުވި ނަމަ އޭއެލް ވިޖޭ ޑައިރެކްޓްކުރާ "ތަލައިވީ" އަކީ މިދިޔަ ޖޫން މަހުގެ 26 ގައި ރިލީޒްކުރާނެ ފިލްމެކެވެ. ނަމަވެސް މަސައްކަތްތައް ހުއްޓި، ފިލްމު ނިންމުން ދިގުލައިގެން ދިއުމުން މިހާރު އަދި ރިލީޒްކުރާނެ އާ ތާރީހެއް ވެސް ނެތެވެ. އެހެންވެ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ.

އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހަކުން ގެނެސްދޭނެ "ތަލައިވީ" ގެ ކާސްޓުންގެ ތެރޭގައި ބަގިޔާޝްރީ އާއި މަދޫ އާއި އަރްވިންދު ސްވާމީ އާއި ޕްރަކާޝް ރާޖާއި ޕޫރްނިމާ ހިމެނެ އެވެ.