"އާރްއާރްއާރް" ގެ ސެޓެލައިޓް/ޑިޖިޓަލް ރައިޓްސް އަށް 27 މިލިއަން ޑޮލަރު؟

އަންނަ އަހަރުގެ އެންމެ އުންމީދީ އަދި އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ވެސް ހަދާނެ ކަމަށް ބެލެވޭ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމު "އާރްއާރްއާރް" ގެ ސެޓެލައިޓްސް އާއި ޑިޖިޓަލް ރައިޓްސް ހޯދަން ސްޓާ ނެޓްވޯކުން 200 ކްރޯޑް ރުޕީސް (27.3 މިލިއަން ޑޮލަރު) ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ކުރިން "ބާހްބަލީ" ގެ ދެ ފިލްމު ގެނެސްދިން ބެލުންތެރިން ހައިރާންކޮށްލި ޑައިރެކްޓަރުގެ އާ ފިލްމުގެ ރައިޓްސް ސްޓާ ނެޓްވޯކަށް "އާރްއާރްއާރް" ގެ ޓީމުން ވިއްކައިލާނެ އެވެ. ސަބަބަކީ އެ ނެޓްވޯކަކީ އިންޑިއާގައި ވާހަކަ ދައްކާ މައިގަނޑު ހުރިހާ ބަހުރުވަތަކުން ޗެނެލްތައް ހިންގާ ތަނަކަށްވުމާ އެކު، ފިލްމު ސިނަމާތަކުގައި ދެއްކުމަށް ފަހު، އެންމެ ބޮޑު އޯޑިއަންސަކަށް ދޫކޮށްލެވޭނީ ސްޓާ ނެޓްވޯކަށް ކަމަށްވާތީ އެވެ.

އަނެއްކޮޅުން ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ސްޓާގެ ދަށުން ހިންގާ ޑިޒްނީ ޕްލަސް ހޮޓްސްޓާ އަކީ މިހާރު އިންޑިއާގައި ސްޓްރީމިންގެ އެންމެ މަގުބޫލު އެއް ޕްލެޓްފޯމެވެ.

އިންޑިއާގެ ފިލްމީ ވިޔަފާރި ދިރާސާކުރާ މީހުން ބުނާ ގޮތުގައި "އާރްއާރްއާރް" ހިންދީ، ތެލެގޫ، ކަންނާޑާ، މަލަޔާޅަމް އަދި ތަމަޅަ ބަހުން ގެނެސްދޭން ނިންމާފައިވާ އިރު ހަމައެކަނި ހިންދީ ވާޝަނުން އެކަނި ވެސް ބޮކްސް އޮފީހުގައި މަދުވެގެން 510.99 ކްރޯޑް ރުޕީސް (69.66 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދާނެ އެވެ.

މި ފިލްމަކީ އިންޑިއާގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން ވެސް ހަދާ ފިލްމެވެ. އެގޮތުން ފިލްމަށް ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (54.4 މިލިއަން ޑޮލަރު) ހަރަދުކުރެ އެވެ. ލޮކްޑައުންއާ ހެދި މާޗް މަހުން ފެށިގެން ޝޫޓިން ހުއްޓިފައި އޮތުމަށް ފަހު، މިދިޔަ ހަފުތާގައި "އާރްއާރްއާރް" ގެ ޝޫޓިން އަލުން ފަށާފައިވާ އިރު މި ފިލްމަކީ 1920 ގައި ހިނގާ ހިޔާލީ ހަނގުރާއެއްގެ ވާހަކަ ކިޔައިދޭނެ ޕީރިއަޑް ޑްރާމާ އެކްޝަން ފިލްމެކެވެ.

"އާރްއާރްއާރް" ގެ ބަތަލުންނަކީ އިންޑިއާގެ ތެލެގޫ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. ބަތަލާ އަކީ ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަޖޭ ދޭވްގަނާއި ޝްރިޔާ ސަރަން ވެސް ހިމެނެ އެވެ.

"އާރްއާރްއާރް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 8 ގަ އެވެ.