އާމިރު ޚާންގެ ކޮއްކޮ ފައިސަލްގެ ފުރަތަމަ ޑައިރެކްޝަން "ފާކްޓަރީ" ގެ ޕޯސްޓަރު ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ކޮއްކޮ ފައިސަލް ޚާން ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ފާކްޓަރީ" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.


މި ފިލްމަކީ 54 އަހަރުގެ ފައިސަލް ލީޑް ރޯލުން ވެސް ފެންނަ ފިލްމެކެވެ. އޭނާއާ އެކު "ފާކްޓަރީ" ގެ މުހިއްމު ރޯލްތަކުން ރާޖްކުމާރު ކަނޯޖިއާ އާއި ރޯލީ ރަޔަން ވެސް ފެނިގެންދާނެ އެވެ. ފައިސަލް، 54، ފިލްމެއް ޑައިރެކްޓްކޮށް، އަލުން ސްކްރީނުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެފައި ވަނީ އެކްޓަރެއްގެ ގޮތުގައި ބެލުންތެރިން އޭނާ ބަލައިނުގަނެ، ފިލްމީ ދާއިރާއާ އެކަހެރިވެފައިވާތާ ވެސް ގިނަ ދުވަސްތަކެއް ފަހުންނެވެ.

ފިލްމުތަކުން ފުރުސަތު ނުލިބޭ ވާހަކަ އާއި އާމިރުގެ ކޮއްކޮއަކަށް ވުމަކުން ލިބުނު އެއްވެސް ފައިދާއެއް ނެތް ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވެސް ފައިސަލް ބުނެފައިވެ އެވެ. އޭނާގެ ނާކާމިޔާބު އެކްޓިން ކެރިއަރުގައި ބޭބެ އާމިރާ އެކު ވެސް ފިލްމެއް ކުޅުނެވެ. އެއީ 2000 ވަނަ އަހަރު ރިލީޒްކުރި "މޭލާ" އެވެ.

ފައިސަލް "ފާކްޓަރީ" އާ އެކު ޑައިރެކްޓަރެއްގެ ގޮތުގައި ނުކުންނަ އިރު އޭނާ ވަނީ 1990 ގައި އާމިރާއި ޖޫހީ ޗާވްލާ ކުޅުނު "ތުމް މެރޭ ހޯ" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އެ ފިލްމު ޑައިރެކްޓްކުރީ އޭނާގެ ބައްޕަ ތާހިރު ހުސައިނެވެ.

ފައިސަލް ބުނެފައިވާ ގޮތުގައި އެކްޓިން އަށް ވުރެ ބޮޑަށް އޭނާގެ ފޯކަސް މިހާރު ހުރީ ޑައިރެކްޝަނަށެވެ. އެހެންވެ "ފާކްޓަރީ" އާ ބެހޭ ގޮތުން ބެލުންތެރިން ބުނާ އެއްޗެއް ބަލަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ބުންޏެވެ

މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވެނީ ޑިޖިޓަލް ޕްލެޓްފޯމަކުންނެވެ. އެކަމަކު އެއީ ކޮން އިރަކު، ކޮން ޕްލެޓްފޯމަކުން ކަމެއް އަދި އިއުލާނެއްނުކުރެ އެވެ.

ފައިސަލް ފިލްމެއް ޑައިރެކްޓްކުރި އިރު، އާމިރަކީ ވެސް ފިލްމެއް ޑައިރެކްޓްކޮށްފައިވާ އެކްޓަރެކެވެ. އެއީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2007 ގެ "ތާރޭ ޒަމީން ޕަރް" އެވެ.