ވަރުންގެ ވައުދު ފުއްދައި، ދަރިވަރެއްގެ ޚަރަދާ ހަވާލުވެއްޖެ

މީގެ ދެ އަހަރު ކުރިން ވައުދުވި ގޮތަށް ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން، ދަރިވަރަކު ސްޕޮންސަކޮށް ކިޔެވުމުގެ ހަރަދު ހަމަޖައްސައިދޭން ފަށައިފި އެވެ.


ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ވަރުން ސްޕޮންސަކުރި ދަރިވަރަކީ 2018 ގައި ސޮނީ ޓީވީގެ "ސުޕަ ޑާންސާ "ޗެޕްޓާ 2 ގައި އޭނާގެ ފިލްމު "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ޕްރޮމޯޓްކުރަން މެހުމާނެއްގެ ގޮތުގައި ގޮސް އެތަނުން ދިމާވި ޝޯގެ ބައިވެރިޔާ ރިތިކް ދިވާކަރެވެ.

އޭނާގެ ކިޔެވުމުގެ ހަރަދު ހަމަޖައްސައިދޭނެ ވާހަކަ ވަރުން ބުނީ އެ ކުއްޖާގެ އާއިލާގެ މާލީ ތަނަވަސްކަން ކުޑަކަމުން އެ ވާހަކަ ދެއްކުމުންވެ. އެގޮތުން މިހާރު ވަރުންގެ ހަރަދުގައި ރިތިކް އަންނަނީ ކާންޕޫރްގެ ކޭޑީއެމްއޭ އިންޓަނެޝަނަލް ސްކޫލްގައި ކިޔަވަމުންނެވެ. އޭނާ މި ވަގުތު ކިޔަވަނީ ގްރޭޑް 8 ގަ އެވެ.

ވަރުންގެ ފަރާތުން ލިބުނު އެހީއާ ބެހޭ ގޮތުން ރިތިކް ބުނީ ވައުދު ފުއްދައި ދިނުމަކީ ވަރުންގެ ދީލަތިކަމުގެ މިސާލެއް ކަމަށެވެ.

"ކިޔެވުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަރުންގެ ފަރާތުން އެއްވެސް ދައްޗެއް ނެތި ލިބޭ. މިއީ އަހަންނަށް ލިބުނު ރަނުގެ ފުރުސަތެއް. މި ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނަން. އަދި ވަރުން އަށް އަބަދު ވެސް ޝުކުރު އަދާކުރާނަން،" ރިތިކް ބުންޏެވެ. "އަހަރެން ކަހަލަ ފަގީރު އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށް ފެންވަރު ރަނގަޅު އިންޓަނެޝަނަލް ސްކޫލަކުން ކިޔަވަން ލިބުމަކީ ވަރަށް ބޮޑު ނަސީބެއް."

އޭނާ ބުނީ "ސުޕަ ޑާންސާ" ޗެޕްޓާ ދޭކުން ދިމާވި ފަހުން ވަރުން އަބަދު ވެސް ގާތް ގުޅުމެއް ބާއްވައި، ފޯނުން ގުޅައި ހާލު އަހުވާލު ވެސް ބަލާ ކަމަށެވެ.

"ހޯލީ އާއި ދިވާލީ ފަދަ ފެސްޓިވަލްތަކާ ދިމާކޮށް ވެސް ވަރުން ބެއްޔާ އަބަދު ވެސް މަރުހަބާ ކިޔަން ގުޅާނެ. ވަރަށް އުފާވޭ އެހާ ގާތް ގުޅުމެއް ބާއްވާތީ." ރިތިކް ބުންޏެވެ.