ޖެފް ބްރިޖެސް އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަނީ

އޮސްކާ އެވޯޑް ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެފް ބްރިޖެސް އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.


އުމުރުން 70 އަހަރުގެ އެކްޓަރު އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ އޭނާ އަށް ޖެހިފައި ވަނީ ކެންސަރުގެ ބާވަތެއް ކަމަށްވާ ލިމްފޯމާ ކަމަށެވެ. އަދި އެއީ ސީރިއަސް ބައްޔަކަށްވި ނަމަވެސް ފަރުވާދޭން ޑޮކްޓަރުންގެ ވަރުގަދަ ޓީމެއް އެބައޮތް ކަމަށް ބުންޏެވެ. ޖެފް ބުނީ ފަރުވާ ހޯދަމުން އަންނަ އިރު އޭނާގެ ހާލަތާ ބެހޭ މައުލޫމާތު ފޭނުންނާ ހިއްސާކުރަމުން ދާނެ ކަމަށެވެ.

ހޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ޖެފް އަށް އެންމެ މޮޅު ބަތަލުގެ އޮސްކާ އެވޯޑް ލިބުނީ 2009 ގެ "ކްރޭޒީ ހާޓް" އިންނެވެ. އޭގެ ފަހުން ވެސް އޮސްކާ އަށް އޭނާ ނޮމިނޭޓްވެފައިވެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޖެފް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2018 ގެ "ބޭޑް ޓައިމްސް އެޓް ދި އެލް ރޯޔޭލް" އިންނެވެ. އޭނާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "ދަ ލާސްޓް ޕިކްޗާ ޝޯ" އާއި "ކިންކޮން" އާއި "ދަ ބިގް ލެބޯޒްކީ" އާއި "ޓްރޯން" ގެ އިތުރުން "ދަ ފެބިއުލަސް ބޭކާ ބޯއިޒް" ފަދަ ފިލްމުތައް ހިމެނެ އެވެ.

ތިން ކުދިން ތިބި ޖެފް އަކީ ގިނަ އަދަދެއްގެ ސިލްސިލާތައް ވެސް ކުޅެފައިވާ އެކްޓަރެކެވެ. އޭނާގެ ކުރިއަށް އޮތް ސިލްސިލާ އަކީ ހޫލޫ އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ "ދި އޯލްޑް މޭން" އެވެ.

އެމެރިކާގެ ކެލިފޯނިއާ އުފަމް ޖެފަކީ އެކްޓަރެއްގެ އިތުރުން ލަވަކިޔުންތެރިއެއް ވެސް މެ އެވެ.