ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ 2" ގެ ޝޫޓިން ފަށައިފި އެވެ.


ކުރިން މި މަހު ރިލީޒްކުރާ ގޮތަށް މިދިޔަ އަހަރު އިއުލާންކުރި އެ ފިލްމުގެ ޝޫޓިން ނުފެށި، ރޭވި ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެވެ. އެހެންވެ މިހާރު ތާވަލުކޮށްފައިވާ ގޮތުން "ސަތިޔަމޭވް ޖަޔަތޭ 2" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެއި މަހުގެ 12 ގަ އެވެ.

މި ފިލްމަކީ 2018 ގައި ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ޖޯންއާ އެކު ގެނެސްދިން "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައެވެ. ފިލްމުގެ ޝޫޓިން އަންގާރަ ދުވަހު ފެށީ ލަކްނޫއިންނެވެ. އަދި މީގެ މަސައްކަތް އަންނަ ޖެނުއަރީ މަހާ ހަމައަށް ކުރިއަށް ގެންދަން ރާވާފައިވާ އިރު، ބައެއް މަންޒަރުތައް މުމްބާއީގެ ސްޓޫޑިއޯއްގައި ވެސް ޝޫޓްކުރާނެ އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒާއި ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓުން ހަދާ "ސަތިޔަމޭވް ޖަޔަތޭ 2" ގެ ބަތަލާ އަކީ ބުޝަންގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ.

މިލަޕް ބުނެފައިވާ ގޮތުގައި މި ފިލްމުވެގެންދާނީ ފިލްމުގެ ފުރަތަމަ ބަޔަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ފިލްމަކަށެވެ. އެގޮތުން ޖޯންގެ ވަރުގަދަ އެކްޝަންތަކެއް ފެންނާނެ ކަމަށް ބުންޏެވެ.

ނޯރާގެ އާ ވީޑިއޯއެއް

ނެށުމުގެ ހުނަރު ދައްކާލައިގެން މިހާރު ބޮލީވުޑްގައި އެންމެ ވިދާ އައިޓަމް ގާލް ނޯރާ ފަތެހީގެ އާ ވީޑިއޯ ލަވައެއް ނެރެފި އެވެ.

"ދިލްބަރު" އާއި "އޮ ސާކީ ސާކީ" އާއި "ގަރްމީ" ފަދަ މަގުބޫލު ލަވަތަކުން ފެނިފައިވާ ނޯރާގެ އާ ލަވަ އަކީ ޓީ ސީރީޒްގެ ތައްގަނޑުގައި ނެރެފައިވާ "ނާޗް މޭރީ ރާނީ" އެވެ. މި ލަވަ އަކީ ކުރިން ވެސް ނޯރާއާ އެކީގައި ވީޑިއޯ ލަވައެއް ކުޅެފައިވާ މިއުޒިޝަން ގުރޫ ރާންދަވާ އާއި ނިކިތާ ގާންދީ ކިޔާފައިވާ ލަވައެކެވެ. މީގެ މިއުޒިކާއި ޅެން ހެދީ ތަނިޝްގް ބަގްޒީ އެވެ.

ބޮސްކޯ ނެށުން ތައްޔާރުކޮށް ދީފައިވާ ލަވައިގައި ކިޔައި ދެނީ ލެބެއްގައި ރޮބޮޓަކަށް ފުރާނަ އެޅިގެން ނަށާ ތަނެވެ.

ސަނީ އާއި ކަރިޝްމާގެ "ބުލެޓްސް" ގެ ޓްރެއިލާ

ސަނީ ލިއޯނީ އާއި ކަރިޝްމާ ތަމަންނާގެ ވަރުގަދަ އެކްޝަންތަކެއް ފެނިގެންދާނެ ވެބް ސީރީޒް "ބުލެޓްސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި މަހުގެ 30 ގައި އެމްއެކްސް ޕްލެޔާ އިން ސްޓްރީމްކުރާ މި ސީރީޒް ޑައިރެކްޓްކޮށްފައި ވަނީ ދީޕަކް ތިޖޯރީ އެވެ.

ކަރިޝްމާ އަކީ ދާދި ފަހުން ކަލާޒް ޗެނެލުން ނިންމައިލި "ހަތުރޯން ކޭ ކިލާޅީ" ގެ 10 ވަނަ ސީޒަން ކާމިޔާބުކުރި ބަތަލާ އެވެ. "ބުލެޓްސް" އަކީ އޭނާ ސަނީއާ އެކު މަސައްކަތްކުރި ފުރަތަމަ ޕްރޮޖެކްޓެވެ.

ވާނީ އާއި އަޔޫޝްމަން ޝޫޓިން ފަށައިފި

އަބީޝެކް ކަޕޫރް ޑައިރެކްޓްކުރާ ލޯބީގެ ފިލްމުގެ ޝޫޓިން އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރް ފަށައިފި އެވެ.

ވާނީ ވަނީ ފިލްމުގެ ޝޫޓިން އަށް ތައްޔާރުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. މިދިޔަ އަހަރު "ވޯ" ކުޅުނު ބަތަލާ އަބީޝެކްގެ ފިލްމުގެ ޝޫޓިން ފެށި މިދިޔަ މަހު އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ގެ މަސައްކަތް ސްކޮޓްލެންޑްގައި ނިންމައިލުމަށް ފަހު އެވެ.

ވާނީ އާއި އަޔޫޝްމަންގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމުގެ ޝޫޓިން ފެށި އިރު، އަދިވެސް މީގެ ނަމެއް އިއުލާނެއްނުކުރެ އެވެ. ފިލްމުގެ މަންޒަރުތައް ނަގަނީ ޗަންދީގަޅްގަ އެވެ. މި ފިލްމުގައި އަޔޫޝްމަން ފެނިގެންދާނީ އެތުލީޓެއްގެ ރޯލުންނެވެ. އެގޮތުން ކެރެކްޓާ އަށް ތައްޔާރުވާން އޭނާ ހަށިގަނޑަށް ބައެއް ބަދަލުތައް ވެސް ގެނެސްފައިވެ އެވެ.

"ކައި ޕޯ ޗޭ" އާއި "ރޮކް އޮން" އަދި "ފިތޫރު" ގެނެސްދިން އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ކޭދަރުނާތު" އެވެ.