އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ އާ ޓީޒާއެއް

އަންނަ އަހަރު އިންޑިއާގެ ސިނަމާތަކަށް އަންނާނެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ އެސްއެސް ރާޖަމޯލީގެ އާ ފިލްމު "އާރްއާރްއާރް" ގެ އާ ޓީޒާއެއް ދައްކާލައިފި އެވެ.


ފިލްމުގެ ލީޑް ދެ ބަތަލުންގެ ތެރެއިން ރާމް ޗަރަންއާ އެކު ކުރިން ޓީޒާއެއް ދައްކާލުމަށް ފަހު، މި ފަހަރު ދައްކައިލީ އެންޓީއާރް ޖޫނިއާގެ ކެރެކްޓާ ތައާރަފުކޮށްދޭ ޓީޒާއެކެވެ. އޭނާ "އާރްއާރްއާރް" ގައި ފެނިގެން ދާނީ ކޯމަރާމް ބީމްގެ ރޯލުންނެވެ. ޗަރަންގެ ކެރެކްޓާ އަކީ އައްލޫރީ ސިތާރާމް ރާޖޫ އެވެ.

އާ ޓީޒާއިން ވަނީ އެންޓީއާރް ޖޫނިއާގެ ކެރެކްޓާ އަކީ ކިހާ ވަރުގަދަވާނެ ކެރެކްޓާއެއްކަން ދައްކުވައި ދީފަ އެވެ. ރާޖަމޯލީގެ ފިލްމުތަކުން އަބަދު ވެސް ވަރަށް ވަރުގަދަ ކެރެކްޓާތައް ގެނެސްދޭ އިރު، އޭގެ އެއް މިސާލަކީ އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމު "ބާހްބަލީ" ގެ ދެ ބައިގައި ޕްރަބާސް އާއި ރާނާ ދަގޫބަތީ ކުޅުނު ރޯލްތަކެވެ.

"އާރްއާރްއާރް" އަކީ 1920 ގެ އަހަރުތަކުގައި ހިނގާ ހިޔާލީ ހަނގުރާމައެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. މި ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ ބަޓާއި އަޖޭ ދޭވްގަން ވެސް ފެނިގެންދާނެ އެވެ. ޔަގީނުން ވެސް މިހާރު ދެން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާނީ އެ ދެ ތަރިން ފިލްމުން ފެންނާނެ ގޮތް ދައްކައިލާނެ އިރަކަށެވެ.

އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހުރުވައަކުން ގެނެސްދޭން ނިންމާފައިވާ "އާރްއާރްއާރް" އަކީ ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (54.3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެކެވެ. ރިޕޯޓްތައް ބުނާގޮތުން މީގެ ސެޓެލައިޓް/ޑިޖިޓަލް ރައިޓްސް ހޯދަން ސްޓާ ނެޓްވޯކުން ވަނީ 200 ކްރޯޑް ރުޕީސް (27.3 މިލިއަން ޑޮލަރު) ހުށަހަޅައިފަ އެވެ.

"އާރްއާރްއާރް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ. އެންމެ ފަހުން އިއުލާންކުރި ގޮތުން އެއީ ޖެނުއަރީ 8 ގަ އެވެ. ނަމަވެސް މިހާރު ތާރީހު ބަދަލުކޮށްފައިވާ ކަމަށްވެ އެވެ. އެކަމަކު އެކަން އަދި ރަސްމީކޮށް އިއުލާނެއްނުކުރެ އެވެ.