ނޭހާ ކައްކަރާއި ރޯހަންޕްރީތު ސިންގް ކައިވެނިކޮށްފި

އިންޑިއާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި ރޯހަންޕްރީތު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުކޮށްދިިންތާ ހަފުތާއެއް ވެސް ނުވަނީސް ހޮނިހިރު ދުވަހު ކައިވެނިިކޮށްފި އެވެ.


ވަރަށް ކުލަގަދަކޮށް ނިއު ދިއްލީގައި ބޭއްވި ކައިވެނީގެ ހަފުލާގައި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިން ބައިވެރިވެ އެވެ. ނޭހާ އާއި ރޯހަންޕްރޫތަކީ ވެސް ޕަންޖާބަށް ނިސްބަތްވާ ދެ ފަންނާނުންނަށްވާތީ ކައިވެނީގެ ހަފުލާ ދިޔައީ ވަރަށް ފޯރިގަދަކޮށެވެ.

ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދޭ އަންހެން ފަންނާނުންގެ ތެރެއިން މި ވަގުތު އެންމެ މަގުބޫލު އަދި އެންމެ ޑިމާންޑް ބޮޑު އެކަކަކީ ނޭހާ، 32، އެވެ. އޭނާ ކައިވެނިކުރި ރޯހަންޕްރީތު، 29، އަކީ އަރަމުން އަންނަ ޕަންޖާބީ ފަންނާނެކެވެ. އޭނާ ވަނީ މި އަހަރުގެ ކުރީކޮޅު ކަލާޒުން ދެއްކި ރިއަލިޓީ ޝޯ "މުޖްސޭ ޝާދީ ކަރޯގޭ" ގައި ވެސް ވާދަކޮށްފަ އެވެ.

އެ ޝޯ އަކީ "ބިގް ބޮސް" ގެ ސީޒަން 13 ގެ ތިން ވަނަ އަށް ދިޔައީ ޕަންޖާބީ ލަވަކިޔުންތެރިޔާ ޝެހެނާޒް ގިލް (ސަނާ) ހަޔާތުގެ ބައިވެރިޔަކު ހޯދަން ކުރިއަށް ގެންދިޔަ ޝޯއެކެވެ. އެކަމަކު ވަކި ހިސާބަކުން ޝޯ އަށް ސަނާގެ ޝައުގުވެރިކަން ގެއްލި އޭގެ މަގުބޫލުކަން ވެސް ވަރަށް ބޮޑަށް ދަށްވުމުން ކޮޅެއްގައި ނުޖެހި އެ ޝޯ ވަނީ ނިންމާލައިފަ އެވެ.

ނޭހާ އާއި ރޯހަންޕްރީތު ކައިވެނި މި ކުރީ ދެ މީހުން އެކީގައި ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ "ނޭހޫ ދާ ވިއާ" ވެސް މި މަހުގެ 21 ގައި ދައްކާލާފައި ވަނިކޮށެވެ. ނޭހާ ބުނެފައިވާ ގޮތުގައި ރޯހަންޕްރީތު ދެކެ ލޯބިވެވުނީ ފުރަތަމަ ނަޒަރުންނެވެ.

ނޭހާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 2014 ގެ ފިލްމު "ޔާރިޔަން" ގެ ބަތަލު ހިމާންޝް ކޯލީއާ އެވެ. އަދި ގުޅުން ނިމުމަކަށް އައީ މިދިޔަ އަހަރު އެވެ.

"ދިލްބަރު" އާއި "އޮ ސާކީ ސާކީ" އާއި މާހީ ވޭ" އާއި "ދީމީ ދީމީ" އާއި "އާނކް މާރޭ" އަދި "ގަރްމީ" ފަދަ ހިޓް އެތައް ލަވައެއް ކިޔާފައިވާ ނޭހާ އަކީ ސޮނީ ޓީވީން ގެނެސްދޭ "އިންޑިއަން އައިޑޮލް" ގެ އެންމެ ފަހު ދެ ސީޒަނުގައި ހިމެނުނު ހަމައެކަނި އަންހެން ޖަޖް ވެސް މެ އެވެ.

އެ ޝޯގެ 12 ވަނަ ސީޒަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ޝޯގެ ޖަޖުންގެ ޕެނެލުން ވެސް ނޭހާ ފެންނާނެ ކަމަށް ބެލެވެ އެވެ.