ސެލީން ޑިއޯންއާ އެކު ޕްރިޔަންކާ އަށް ފިލްމެއް

ބެލުންތެރިންގެ ހިތްތައް ފަތަހަކުރި ފިލްމު "ޓައިޓޭނިކް" ގެ ތީމް ލަވަ "މައި ހާޓް ވިލް ގޯ އޮން" ކިޔައިގެން މަޝްހޫރުވި އަންހެން ލަވަކިޔުންތެރިތާ ސެލީން ޑިއޯންއާ އެކު ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ހޮލީވުޑްގައި މިހާރު މަސައްކަތްކުރާ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަށް ލިބިއްޖެ އެވެ.


މި ފިލްމުގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުން ޕްރިޔަންކާ ބުނީ ސެލީން އާއި ނެޓްފްލިކްސްގެ ސީރީޒް "އައުޓްލޭންޑާ" ގެ ބަތަލު ސޭމް ހިއުގަންއާ މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމަކީ 2016 ގައި ރިލީޒްކުރި ޖަރުމަންގެ ރޮމޭންޓިކް ޑްރާމާ "އެސްއެމްއެސް ފޫރް ޑީޝް" ގެ ރިމޭކެކެވެ. ރިޕޯޓްތައް ބުނާގޮތުން ޕްރިޔަންކާ އާއި ސެލީން އާއި ސޭމްއާ އެކު ހަދާ ފިލްމުގެ ވޯކިން ޓައިޓްލް އަކީ ޖަރުމަންގެ ފިލްމުގެ ނަން އިނގިރޭސި ބަހަށް ތަރުޖަމާކޮށް "ޓެކްސްޓް ފޯ ޔޫ" އެވެ.

ސޮނީ ޕިކްޗާޒް އާއި ސްކްރީން ޖެމް ގުޅިގެން ހަދާ މި ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ ޖިމް ސްޓްރައުޒެވެ. އޭނާ އަކީ "ގްރޭސް އިޒް ގޯން" އާއި "ޕީޕަލް، ޕްލޭސެސް އެންޑް ތިންގްސް" ގެ އިތުރުން "ދި އިންކްރެޑިބަލް ޖެސިކާ ޖޭމްސް" ގެ ޑައިރެކްޓަރެވެ.

އޭބީސީގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން 2015 ގައި ހޮލީވުޑަށް ފުންމައިލި ޕްރިޔަންކާ ފެނިގެން ދިޔަ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "ބޭވޮޗް" އާއި "އަ ކިޑް ލައިކް ޖޭކް" ގެ އިތުރުން "އިޒިންޓް އިޓް ރޮމޭންޓިކް؟" ހިމެނެ އެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްގެ އަންހެނުންގެ ދެން އެންމެ އަވަހަށް ފެނިގެންދާނެ ހޮލީވުޑްގެ ފިލްމަކީ ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ "އަ ވައިޓް ޓައިގާ" އެވެ. ޕްރިޔަންކާ، 39، ގެ ކުރިއަށް ހުރި ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި "ވީ ކޭމް ބީ ހީރޯސް" އާއި "މެޓްރިކްސް 4" ހިމެނެ އެވެ.

ދެހާސް ވަނަ އަހަރުގެ ރީތީގެ ރާނީގެ ތާޖު ވެސް ހާސިލުކުރި ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އިންނެވެ.