"ޝޮޓްގަން ވެޑިން" ގައި ޖެނިފާ ލޮޕޭޒާއި އާމީ ހެމާ

ޖެނިފާ ލޮޕޭޒާއި އާމީ ހެމާ އެކީގައި ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.


ޑެޑްލައިނުން ބުނި ގޮތުގައި މި ދެ ތަރިންގެ ޖޯޑު އެކީގައި ފެންނާނެ ފިލްމަކީ އެކްޝަން-ކޮމެޑީ "ޝޮޓްގަން ވެޑިން" އެވެ. މީގައި ކިޔައިދޭނީ ޑެސްޓިނޭޝަން ވެޑިންއެއްގެ ތެރޭގައި ހިނގާ ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ދިމާވާ ހެއްވާ މަޖާ ހާޖާނުގަނޑެކެވެ. ފިލްމުގައި ލޮޕޭޒް ފެންނާނީ ޑާސީ ކިޔާ ކެރެކްޓާއަކުންނެވެ. އާމީ އަކީ ޓޮމް އެވެ.

އަންނަ އަހަރު ކުރީކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ "ޝޮޓްގަން ވެޑިން" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މާކް ހެމާ އާއި ލިޒްމެރިވެދާ އެވެ. އަދި ފިލްމު ޑައިރެކްޓްކުރާނީ ބެލުންތެރިންގެ މެދުގައި މަގުބޫލުވި ފްރެންޒައިޒް "ޕިވް ޕާފެޓް" ގެނެސްދިން ޖޭސަން މޯ އެވެ.

"ޝޮޓްގަން ވެޑިން" ގެ އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި، މަޝްހޫރު އެކްޓަރު ރަޔަން ރެނޮލްޑްސް ވެސް ހިއްސާވާ އިރު ލަޔަންސްގޭޓުން ގެނެސްދޭ ފިލްމުގައި ހިއްސާވާ ޕްރޮޑިއުސަރުންގެ ތެރޭގައި ޖޭމް މިއާޒް އާއި ސްކޮޓް އޯ ބްރީން ހިމެނެ އެވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރު ލޮޕޭޒް، 51، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ހަސްލާޒް" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މެރީ މީ" ހިމެނެ އެވެ.

އޮސްކާ އެވޯޑްސްގައި ވާދަކޮށް އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭގެ އެވޯޑް ހޯދި 2017 ގެ ފިލްމު "ކޯލް މީ ބާއި ޔޯ ނޭމް" ގެ ރޯލެއް ކުޅުނު އާމީ، 34، އެންމެ ފަހުން ފެނިފައި ވަނީ "ރެބެކާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑެތު އޮން ދަ ނައިލް" އާއި "ޑްރީމްލޭންޑް" އަދި "ނެކްސްޓް ގޯލް ވިންސް" ހިމެނެ އެވެ.