އަޖޭ އަނެއްކާ ވެސް ޑައިރެކްޝަނަށް؛ މި ފަހަރު "މޭ ޑޭ"

އަޖޭ ވަނީ ކުރިން ދެ ފިލްމެއް ޑައިރެކްޓްކޮށްފައި

ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަން އަނެއްކާ ވެސް ފިލްމެއް، ޑައިރެކްޓްކުރަން ނިންމައި، އޭގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.


އަމިއްލަ ފިލްމު ކުންފުނި އޭޑީ ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމުގެ ނަމަކީ "މޭ ޑޭ" އެވެ. މީތި، ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރުމުގެ އިތުރުން ފިލްމުގެ މުހިއްމު ރޯލެއް ވެސް އަޖޭ ކުޅޭނެ އެވެ. އޭނާގެ ކެރެކްޓާ އަކީ ޕައިލެއްގެ ރޯލެވެ. "މޭ ޑޭ" ކާސްޓްގައި އަމީތާބް ބައްވަން ވެސް ހިމެނޭ އިރު، އިތުރު ކާސްޓުން ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.

ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނީ ހައިދަރުއާބާދުގަ އެވެ.

ބަތަލާ ކާޖޮލްއާ ކައިވެނިކޮށްގެން އުޅޭ އަޖޭ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2016 ގެ "ޝިވާއޭ" އެވެ. އެ ފިލްމުގެ ބަތަލަކީ ވެސް އޭނަ އެވެ. އަޖޭ އާއި ކާޖޮލް ލީޑް ރޯލް ކުޅުނު 2008 ގެ ފިލްމު "ޔޫ، މީ އޯރް ހަމް" އަކީ އަޖޭގެ އަލަތު ޑައިރެކްޝަނެވެ.

މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "ތާނާޖީ: ދި އަންސަންގް ވޮރިއާ" އަށް ފަހު، އަޖޭ، 51، ދެން އެންމެ އަވަހަށް ފެންނާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް" އާއި "މައިދާން" އާއި "ތޭންކް ގޯޑް" އަދި ތަމަޅަ ފިލްމު "ކައިތީ" ގެ ރިމެކް ހިމެނެ އެވެ.