09 ނޮވެމްބަރ 2020 - 08:01
ޝާހްރުކް ޚާނާ އެކު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އަލަށް ހަދަން ފަށާ ފިލްމު "ޕަތާން" ގެ ބަތަލާގެ ރޯލަށް ދީޕިކާ ޕަދްކޯން ސޮއިކުރީ 15 ކްރޯޑް ރުޕީސް އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންނަކީ މި ވަގުތު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އަގެއް ލިބޭ އެކަކެވެ. ދީޕިކާ މިހާތަނަށް އެންމެ ބޮޑު އަގަކަށް ކުޅުނީ 2018 ގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ގެނެސްދިން "ޕަދުމާވަތު" އެވެ. އެ ފިލްމު އޭނާ ކުޅުނީ 13 ކްރޯޑް ރުޕީސް (1.8 މިލިއަން ޑޮލަރު) އަށެވެ. އެއީ ފިލްމުގެ ދެ ބަތަލުން ކަމަށްވާ ރަންވީރާއި ޝާހިދު ކަޕޫރަށް ލިބުނު އަގަށް ވުރެ ވެސް ބޮޑު އަގެކެވެ.
ރަންވީރަށް "ޕަދުމާވަތު" އިން ލިބުނީ 11 ކްރޯޑް ރުޕީސް (1.5 މިލިއަން ޑޮލަރު) އެވެ. ޝާހިދަށް ލިބުނީ 8 ކްރޯޑް ރުޕީސް (1.1 މިލިއަން ޑޮލަރު) އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، މަޝްހޫރު ތެލެގޫ އެކްޓަރު ޕްރަބާސްއާ އެކު ކުޅެން ދީޕިކާ ދާދި ފަހުން ސޮއިކުރި ފިލްމަށް އެއްބަސްވީ 20 ކްރޯޑް ރުޕީސް (2.7 މިލިއަން ޑޮލަރު) އަށެވެ. އެހެންވެ "ޕަތާން" އަކީ އެ ފިލްމަށް ފަހު، އޭނާ މިހާތަނަށް އެންމެ ބޮޑު ފީއަކަށް ސޮއިކުރި ފިލްމެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުން ދީޕިކާ އަށް 15 ކްރޯޑް ރުޕީސް (2.1 މިލިއަން ޑޮލަރު) ލިބޭ އިރު، "ޕަތާން" ގެ ވިލަންގެ ރޯލަށް ޖޯން އަބްރަހަމް ސޮއިކުރީ 20 ކްރޯޑް ރުޕީސް (2.7 މިލިއަން ޑޮލަރު) އަށެވެ.
މިދިޔަ އަހަރު "ވޯ" ގެނެސްދިން ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާ އަކީ 2018 ގައި ކުޅުނު "ޒީރޯ" އަށް ފަހު ޝާހްރުކް ކުޅޭ ފުރަތަމަ ފިލްމެވެ. މި މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން މުމްބާއީގައި ފަށަން ނިންމާފައިވާ އިރު މިއަށް ވަނީ 200 ރުޕީސް (27.033 މިލިއަން ޑޮލަރު) ގެ ބަޖެޓެއް ކަނޑަޅައިފައިފަ އެވެ. "ޕަތާން" ގެ ވަރަށް ބޮޑު ބައެއް އިނގިރޭސިވިލާތުގައި ވެސް ޝޫޓްކުރާނެ އެވެ.
އަންނަ އަހަރުގެ ދިވާލީގައި ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ ފިލްމުގެ ވަރަށް ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެންނާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ ފިލްމަށް ނަގަން މަޖެހޭ ންޒަރުތަކަށް 12 ދުވަސް ހޭދަކުރާނެ އެވެ.
"ޕަތާން" ބެލުންތެރިންނަށް ވަރަށް ހާއްސަ ފިލްމަކަށް ވާނެ އެވެ. ސަބަބުތަކުގެ ތެރޭގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޝާހްރުކް ބޮޑު ސްކްރީނުން ފެންނާނެ ފިލްމަށްވުމާއި ދީޕިކާ އާއި އޭނާގެ ކެމިސްޓްރީ އަލުން ބަލައިލަން ލިބުމާއި ޝާހްރުކާއި ސަލްމާން ފަދަ ދެ ސުޕަސްޓާރަކު އެއް ފިލްމަކުން ފެނިގެން ދިއުން ހިމެނެ އެވެ.
"ޕަތާން" އަކީ ޝާހްރުކާއި ޖޯން އެކީގައި ފެންނާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy