އެންމެ ބޮޑު ދެރައަކީ އަމީތާބާ އެކު މަސައްކަތް ނުކުރެވުން: ޕްރިޔަދަރުޝަން

ސާޅީސް އަހަރުވީ ކެރިއަރުގައި ހާސިލުނުކުރެވި އޮތް ކަމަކީ އަދި އެންމެ ބޮޑު އެއް ދެރަ އަކީ އަމީތާބް ބައްޗަން އެކު މަސައްކަތް ނުކުރެވުން ކަމަށް، ކުޅަދާނަ ޑައިރެކްޓަރު ޕްރިޔާދަރުޝަން ބުނެފި އެވެ.


ހިންދީ ފިލްމުތަކަށް ވުރެ ބޮޑަށް އިންޑިއާގައި އެހެން ބަހުރުވަތަކުން ފިލްމު ހަދާ ދެކުނު ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ޑައިރެކްޓަރު ބުނީ އަމީތާބާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އެކި ފަހަރު މަތިން ލިބުނު ނަމަވެސް ކޮންމެ ފަހަރަކު ވެސް އެ ފުރުސަތުތައް ގެއްލުނީ ކަމަށެވެ.

"ކޮންމެވެސް ސަބަބަކާ ހުރެ ކޮންމެ ފަހަރަކު ވެސް، އަމީތާބާ އެކު މަސައްކަތް ކުރަން ލިބި އެ ފުރުސަތު ގެއްލުނީ،" ޕްރިޔާދަރުޝަން ބުންޏެވެ. "އެއީ އަހަރެންގެ ކެރިއަރުގައި ވަރަށް ބޮޑަށް ރިގްރެޓްކުރާ ކަމެއް،"

އޭނާ ބުނިގޮތުގައި އަދިވެސް 78 އަހަރުގެ އަމީތާބާ އެކު މަސައްކަތްކުރަން ލިބުމުގެ އުންމީދު ގެއްލުވައެއް ނުލަ އެވެ. އެހެންވެ 2016 ގައި މޯހަންލާލާ އެކު ގެނެސްދިން މަލަޔާޅަމް ކްރައިމް ތުރިލާ "އޮއްޕަމް" ގެ ހިންދީ ރިމެމަކީ އަމީތާބާ އެކު ހަދަން ވަރަށް ބޭނުންވާ ފިލްމެއް ކަމަށް ބުންޏެވެ.

"އެ ރިމޭކާ ދޭތެރޭ އަހަރެން ސީިރިއަސްކޮށް ވިސްނާ ކޮންމެ ފަހަރަކު އޭގައި އުޅޭ ލޯ އަނދިރި މައި ކެރެކްޓާ ކުޅެން އަމީތާބު ނޫން މީހަކު ވިސްނުމަކަށް ނާދޭ. އެ ފިލްމުގެ ކޮންސެޕްޓާ ވައްތަރު ފިލްމެއް އަމީތާބް ކުޅެފައި ވިޔަސް ސްކްރިޕްޓް ތަފާތު ގޮތަކަށް އެކުލަވާލައިގެން އަމީތާބާ އެކު ފިލްމެއް ހެދުމަކީ ވަރަށް ބޮޑަށް ކުރެވޭ އުންމީދެއް،" ޕްރިޔާދަރުޝަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަމީތާބާ އެކު ފިލްމެއް ހަދަން އެހާ ބޮޑަށް ބޭނުންވާ އެއް ސަބަބަކީ ބޮޑު އިންސްޕިރޭޝަނަކަށްވާތީ އެވެ.

"އުމުރުން އެހާ ދުވަސްވީ އިރު ވެސް އޭނާގެ ކެރިއަރަކަށް މާ ބޮޑު ބަދަލެއް ނާދޭ. ހަމަ ވަރަށް ބިޒީކޮށް އަދިވެސް އެ އަންނަނީ މަސައްކަތް ކުރަމުން. އެކަން އިހުސާސްކުރެވުނީމަ އަސްލު އަހަރެންގެ ބެޓެރި ވެސް ޗާޖްވޭ." ޕްރިދަރުޝަން ބުންޏެވެ.

ހިންދީ ސިނަމާއާ ދުރުގައި ހުންނަތާ ދުވަސްތަކެއް ފަހުން އޭނާ މިހާރު އަންނަނީ ހިންދީ ފިލްމެއް ގެނެސްދޭން ތައްޔާރުވަމުންނެވެ. އެއީ 2003 ގައި ގެނެސްދިން ކޮމެޑީ ފިލްމު "ހަންގާމާ" ގެ ސީކްއެލް "ހަންގާމާ 2" އެވެ. މިހާރު ޝޫޓިން ނިންމާލައި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމުގެ ތަރިންނަކީ ޝިލްޕާ ޝެޓީ އާއި ޕަރޭޝް ރާވަލާއި މީޒާން ޖެފްރީގެ އިތުރުން ޕްރަނީތާ ސުބާޝް އެވެ.

ޕްރިޔަދަރުޝަން ގެނެސްދިން ހިންދީ ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ "ކިޔު...ކީ" އާއި އަކްޝޭ ކުމާރުގެ "ބޫލްބުލައްޔާ" އާއި އަކްޝޭ ކަންނާގެ "ހަލްޗަލް" އާއި އަކްޝޭގެ "ބަގަމް ބާގް" އާއި އަކްޝޭޑ އާއި ސުނިލް ޝެޓީގެ "ހީރާ ޕޭރީ" އަދި ޝާހްރުކް ޚާންގެ "ބިއްލޫ" ފަދަ ފިލްމުތައް ހިމެނެ އެވެ.