15 ނޮވެމްބަރ 2020 - 07:49
ސާރާ އަލީ ޚާނާއި އަޔޫޝްމަން ކްރާނާ އެކީގައި ކުޅޭ ފިލްމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިޑް-ޑޭ އިން ބުނި ގޮތުގައި ނަން އަދި އިއުލާންނުކުރާ މި ފިލްމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ސާރާގެ "ލަވް އާޖް ކަލް" އާއި މިދިޔަ އަހަރު ރިލީޒްކުރި އަޔޫޝްމަންގެ "ބާލާ" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ ރޮމޭންޓިކް ކޮމެޑީއެކެވެ.
ނަމަވެސް ފިލްމު ޑައިރެކްޓްކުރާނެ މީހަކާއި މީގެ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.
މީގެ ދެ އަހަރު ކުރިން "ކޭދަރުނާތު" އިން ބޮލީވުޑަށް ނުކުތް ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ "ކޫލީ ނަމްބަރު 1" އެވެ. އެ ފިލްމުގައި ސާރާ ފެނިގެން ދާނީ ވަރުން ދަވަނާ އެކީގަ އެވެ. ސާރާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރާއި ދަނޫޝްއާ އެކު ކުޅޭ "އަތުރަންގީ ރޭ" ހިމެނެ އެވެ.
އަޔޫޝްމަން މި ވަގުތު އަންނަނީ ވާނީ ކަޕޫރާ އެކު، ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ "ޗަންދީގަޅް ކަރޭ އާޝިގީ" ގެ މަސައްކަތްކުރަމުންނެވެ. އަޔޫޝްމަންގެ ދެ ފިލްމެއް މި އަހަރު ރިލީޒްކޮށްފައިވެ އެވެ. އެއީ "ޝުބް މަންގަލް ޒާދާ ސާވްދާން" އާއި "ގުލާބޯ ސިތާބޯ" އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy