އެމެޒޯން ޕްރައިމްގެ ވެބް ސީރީޒް "މިރުޒާޕޫރު" ތިން ވަނަ ސީޒަނަކަށް

އިންޑިއާގެ ވެބް ސީރީޒްތަކުގެ ތެރެއިން ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެމެޒޯން ޕްރައިމް ވީޑިއޯގެ "މިރުޒާޕޫރު" ގެ ތިން ވަނަ ސީޒަނަކަށް ދަންމައިލަން ނިންމައިފި އެވެ.


މިކަން ކަށަވަރުކޮށް ދެމުން، އެ ސީރީޒް އުފައްދާ އެކްސެލް އެންޓަޓައިންމަންޓްގެ އެއް ހިއްސާދާރު، ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނީ "މިރުޒާޕޫރު" އަށް ބެލުންތެރިން މިހާތަނަށް ދީފައި ވަނީ ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ކަމަށެވެ. އެހެންވެ ފޭނުން ސީރީޒްގެ ވާހަކަ އިތުރަށް ކުރިއަށް ގެންގޮސް ތިން ވަނަ ސީޒަނަކަށް ދަންމައިލަދޭން އެދެމުންދާތީ އެގޮތަށް ކުރިއަށް ދާން ނިންމާފައިވާ ކަމަށް ބުންޏެވެ.

"ދެވަނަ ސީޒަނަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައި. ބެލުންތެރިން ވަރަށް ލޯބިވާ އެއްޗަކަށް މިރުޒާޕޫރް ވެފައި މި ވަނީ. އެކަން ސޯޝަލް މީޑިއާ އިން ވެސް ވަރަށް ބޮޑަށް ފާހަގަކުރެވޭ،" ރިތޭޝް ބުންޏެވެ.

"މިރުޒާޕޫރު" ގެ ތިން ވަނަ ސީޒަނެއް ހަދަން ނިންމާފައިވާތީ އޭގެ ކާސްޓްގައި ހިމެނޭ އަލީ ފަޒަލް ވެސް ވަނީ އެއީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފަ އެވެ.

ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "މިރުޒާޕޫރް" ގެ ފުރަތަމަ ސީޒަން ނުވަ އެޕިސޯޑާ އެކު ގެނެސްދިނީ 2018 ގަ އެވެ. އޭގެ ދެ އަހަރު ފަހުން މިދިޔަ މަހުގެ ފަހުކޮޅު ދެވަނަ ސީޒަން ގެނެސްދިނީ 10 އެޕިސޯޑާ އެކީގަ އެވެ.

ތިން ވަނަ ސީޒަނެއް ހަދަން ނިންމި ނަމަވެސް އެ ސީޒަން ގެނެސްދޭން ދެ އަހަރު ނުވަތަ ދޮޅު އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވެ އެވެ.

އާންމުކޮށް ސީރީޒްތަކުގެ ފުރަތަމަ ސީޒަނަށް ލިބޭ ކާމިޔާބީއާ ގުޅިގެން ދެވަނަ ސީޒަނެއް ހެދި ނަމަވެސް، ކުރީގެ ސީޒަނުން ގެނެސްދޭ ޖާދޫ އާއި ޝައުގުވެރިކަން ނުހުންނާތީ ބެލުންތެރިން ފޫހިކުރުވަ އެވެ. އެކަމަކު "މިރުޒާޕޫރު" އަކީ އޭގެ އިދިކޮޅެވެ.

ކަރަން އަންޝުމަން އާއި ގުރްމީތު ސިންގްގެ އިތުރުން މިހިރު ދެސާއީގެ ޑައިރެކްޝަނާ އެކު ގެނެސްދޭ ސީރީޒްގެ މައިގަނޑު ކާސްޓުންގެ ތެރޭގައި އަލީ އާއި ޕަންޖަކް ތުރިޕަތީ އާއި ދިވްޔެންޑޫ ޝަރުމާ އާއި ރާސިކާ ޑުއްގަލް އާއި ޝްވޭތާ ތުރިޕަތީ އާއި ކުލްބުޝަން ކަރްބަންދާ ފަދަ ތަރިން ހިމެނެ އެވެ.

އިންޑިއާގެ ވެބް ސީރީޒްތަކުގެ ތެރެއިން މި ފަހުން ބެލުންތެރިންގެ ސަމާލުކަން ހުއްޓުނު އުފެއްދުންތަކުގެ ތެރޭގައި ނެޓްފްލިކްސް އިން ގެނެސްދިން ސައިފް އަލީ ޚާންގެ "ސެކްރެޑް ގޭމްސް" އާއި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ބަތަލާ އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކުރި "ޕާޓަލް ލޯކް" ފާހަގަކޮށްލެވެ އެވެ.

ދެހާސް އަށާރައިގައި ގެނެސްދިން "ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަނެއް މިދިޔަ އަހަރު ގެނެސްދިން ނަމަވެސް މާ ކަމުދާ އެއްޗަކަށް އެ ނުވެ އެވެ. "ޕާޓަލް ލޯކް" ގެ ކާމިޔާބީ އަށް ފަހު، އޭގެ ދެވަނަ ސީޒަނެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.

"މިރުޒާޕޫރު" ގެ ޑައިރެކްޝަނުގައި ހިއްސާވާ ގުރުމީތު މިހާރު އަންނަނީ "ފޯން ބޫތު" ކިޔާ ހޮރޯ-ކޮމެޑީއެއް ހަދަން ތައްޔާރުވަމުންނެވެ. އަންނަ މަހު ޝޫޓިން ފަށާ އެ ފިލްމުގެ ތަރިންނަކީ ކެޓްރީނާ ކައިފާއި އިޝާން ޚައްތަރާއި ސިދާންތު ޗަތުރަވެދީ އެވެ.