ތާރާ އާއި އާދާރުގެ ޗުއްޓީ ވެސް ރާއްޖޭގައި

އިންޑިއާގެ ޒުވާން ލޯބިވެރިން ކަމަށްވާ ތާރާ ސުތާރިއާ އާއި އާދާރު ޖެއިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.


އެ މީހުން ރާއްޖެ އައިސްފައި ވަނީ ބުދަ ދުވަހު އެވެ. އަދި ދެ މީހުންގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް ރާއްޖޭގެ ދަތުރުގެ ބައެއް ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ. ބުރާސްފަތި ދުވަހަކީ ތާރާގެ 25 ވަނަ އުފަން ދުވަހެވެ.

މީގެ ކުރިން ވެސް ފޮޓޯޝޫޓަކަށް ރާއްޖެ އައި ތާރާ އަކީ މިދިޔަ އަހަރު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. އޭގެ ފަހުން "މަރްޖާވާ" ކުޅުނު ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހީރޯޕަންތީ 2" އާއި "ތަޅަޕް" އަދި "ދޯ ވިލަން" ހިމެނެ އެވެ. "ތަޅަޕް" އަކީ ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ.

ތާރާގެ ލޯބިވެރިޔާ އާދާރު، 26، އަކީ ކަރީނާ ކަޕޫރާއި ރަންބީރް ކަޕޫރްގެ ދެބޭންގެ ދެދަރި ކޮއްކޮއެކެވެ. މީގެ ތިން އަހަރު ކުރިން "ގައިދީ ބޭންޑް" އިން އެކްޓިން އަށް ނުކުތް އާދާރު އަންނަނީ "ހެލޯ ޗާލީ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

އާދާރު އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯއެއް.

އާދާރާއި ތާރާ ރާއްޖެ އަށް ޗުއްޓީ އަށް އައިސްފައި މި ވަނީ އެ ދެ މީހުން ވަރަށް އަވަހަށް ކައިވެނި ވެސް ކުރަން އުޅޭ ކަމަށް އަޑުތައް އަރާފައި ވަނިކޮށެވެ.