"ބޮލީވުޑް ވައިވްސް" އާ ހެދި މަދޫރް ރުޅިގަދަވެއްޖެ

މި މަހުގެ 27 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާ ކަރަން ޖޯހަރުގެ ވެބް ސީރީޒް "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ ނަމުގެ މައްސަލާގައި ޑައިރެކްޓަރު މަދޫރް ބަންޑާކަރް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.


"ފެޝަން" އާއި "ހިރޮއިން" އަދި "ޗާންދުނީ ބާ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންސްގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓުން ގެނެސްދޭ ސީރީޒްގެ ނަމުގެ މައްސަލާގައި ހިތްހަމަނުޖެހުނީ "ބޮލީވުޑް ވައިވްސް" ގެ ނަމުގައި ފިލްމެއް ހަދަން އިއުލާންކޮށްފައި ވަނިކޮށް ކަރަން އެ ނަން ބޭނުން ކުރުމުންނެވެ.

މިކަމާ ގުޅިގެން މަދޫރް ކުރި ޓްވީޓެއްގައި ކަރަން އާއި ދަރުމާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަޕޫރްވާ މެހެތާ ޓެގްކޮށް ބުނެފައި ވަނީ "ބޮލީވުޑް ވައިވްސް" އެ ނަން ހޯދަން އެ މީހުން އެދުމުން އެކަމާ އިއުތިރާޒުކޮށްފައި ވާނެ ކަމަށެވެ.

"އަހަރެން އެ ނަން ދޭން ބޭނުން ނުވީ އަހަރެން އެ ނަމުގައި ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންދާތީ. އެކަމަކު އެކަން އެހެން އޮއްވައި އެ ނަން ބޭނުންކުރުމަކީ އަހުލާގީ ގޮތުން ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން،" މަދޫރް ބުންޏެވެ. "އެހެންވެ އަހަރެންގެ ޕްރޮޖެކްޓް ހުއްޓުވާލަން ނޫޅެ، ކަރަންގެ ސީރީޒްގެ ނަން ބަދަލުކޮށް ދޭން އެދެން."

މަދޫރްގެ އެ ޓްވީޓާ ގުޅިގެން ކަރަންގެ ފަރާތުން އަދި ސީދާ ދަރުމާ ޕްރޮޑަކްޝަންގެ ފަރާތުން ވެސް އެއްވެސް އިޖާބައެއް ނުދެ އެވެ. ކަރަން އާއި މަދޫރަކީ އަބަދު ވެސް ގާތް އެކުވެރި ކަމެއް އޮންނަ ދެ މީހުންނެވެ. އެގޮތުން މަދޫރް 2008 ގައި ގެނެސްދިން "ފެޝަން" ގެ ހާއްސަ ފެނިލުމަކުން ވެސް ކަރަން ފެނިފައިވެ އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" އަކީ ބޮލީވުޑް އެކްޓަރުންތަކެއްގެ އަނބިންގެ ވާހަކަ ގެނެސްދޭ އެއްޗެކެވެ. އެގޮތުން މީގެ ފުރަތަމަ ސީޒަނުގައި ހިމެނެނީ އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ އަންހެނުން މަހީޕް ކަޕޫރާއި ސަލްމާން ޚާންގެ ކޮއްކޮ ސޮހައިލް ޚާންގެ އަންހެނުން ސީމާ ޚާނާއި ޗަންކީ ޕާންޑޭގެ އަންހެނުން އަދި ވިދަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ މަންމަ ބާވްނާ ޕާންޑޭގެ އިތުރުން ކުރީގެ މަޝްހޫރު ބަތަލާ އަދި އެކްޓަރު ސަމީރު ސޯނީގެ އަންހެނުން ނީލަމް ކޮތާރީ އެވެ.

ނަމުގެ މައްސަލާގައި މަދޫރް ކަންބޮޑުވުން ފާޅުކުރި އިރު ބޮލީވުޑަކީ އަބަދު ވެސް ޕްރޮޖެކްޓްތަކުގެ ނަމުގެ މައްސަލަ ފެންމަތިވާ އިންޑަސްޓްރީއެކެވެ.

"ބޮލީވުޑް ވައިވްސް" ގެ މައްސަލަ މަދޫރު މިހާރު ވަނީ އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަން (އައިއެމްޕީޕީއޭ) އާއި ފިލްމްސް އެންޑް ޓީވީ ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާ (ގިލްޑް) ގެ އިތުރުން ނެޓްފްލިކްސްގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.