06 ޖެނުއަރީ 2021 - 08:14
ސައުންޑް މިކްސިން އަށް ހާއްސަ ފަންނާނެ ކަމަށްވާ ރެސުލް ޕޫކްޓީ ޑައިރެކްޝަނަށް ނުކުންނަ އޮތް ފިލްމު "ޕިހާރްވާ" ޒުވާން ބަތަލާ އާލިއާ ބަޓަށް ހުށަހަޅައި، އެ ފިލްމު އޭނާ ކުޅެން އެއްބަސްވުމަށް ފަހު ފިލްމު ދޫކޮށްލައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ކޯޅުންތަކާއި ދެ ގައުމުގެ އެހާރާއި މިހާރު ހަނގުރާމައިގެ ވާހަކަތަކެއް ކިޔައިދޭ ގޮތަށް ރެސުލް ހަދަން ނިންމި ފިލްމު އާލިއާ ދޫކޮށްލީ ރެސުލް އެ ފިލްމު ޑައިރެކްޓްނުކުރަން ނިންމިކަން އެނގުމުންނެވެ. މީޑިއާތަކުން ބުނީ "ޕިހާރްވާ" ގައި ރެސުލް އަދާކުރާނީ ޕްރޮޑިއުސަރެއްގެ ޒިންމާ ކަމަށާއި ފިލްމުގެ ޑައިރެކްޓްކުރާ ގޮތަށް މިހާރު އޮތީ އޭނާގެ އެސިސްޓަންޓެއް ކަމަށެވެ.
އެހެންވެ އެކަމާ ހިތްހަމަނުޖެހޭތީ އާލިއާ ފިލްމު ދޫކޮށްލީ ކަމަށް މީޑިއާތަކުން ބުންޏެވެ. ރެސުލް އަކީ 2008 ގެ "ސްލަމްޑޯގް މިލިއަނާ" އިން ސައުންޑް މިކްސިން އިން އޮސްކާ އެވޯޑް ހޯދާފައިވާ ފަންނާނެކެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އާލިއާ ރެސުލްގެ ފިލްމު ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި އޭނާ ކުޅެން ފަށާފައި އޮތް ތިން ފިލްމެއްގެ މަސައްކަތް އަދިވެސް ކުރިއަށް ދާތީ މި ދަނޑިވަޅުގައި އެހެން ޕްރޮޖެކްޓަކަށް ވަގުތު ދެވެން ނެތުމެވެ. އެ ތިން ފިލްމަކީ އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އާއި ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ ކަތިއަވާޅީ" ގެ އިތުރުން އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އެވެ.
ބޮޑު މި ތިން ފިލްމަކީ ވެސް މި އަހަރު ގެނެސްދޭނެ ފިލްމުތަކެވެ.
އާލިއާ ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ "ތަޚުތު" އާއި ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ޑާލިންސް" ހިމެނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން "ޕިހާރްވާ" އަށް ޓީވީ ސިލްސިލާ "ކަސޯޓީ" ކުޅުނު ޕާމް ސަމްތާން ސޮއިކޮށްފައިވެ އެވެ.
މި ފިލްމުގެ ވާހަކަ މީޑިއާތަކުން ދެއްކި ނަމަވެސް ރަސްމީކޮށް ރެސުލް އަދި "ޕިހާރްވާ" ގެ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy