ޕްރިޔަންކާ ހަތަރު ފިލްމަކަށް ސޮއިކުރަނީ

ޕްރިޔަންކާ ޗޯޕްރާގެ ހިންދީ ފިލްމެއް ނުފެންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ސަބަބަކީ އޭނާ މިދިޔަ އަހަރު އެއްކޮށް ކަހަލަ ގޮތަކަށް އެމެރިކާގެ ޓީވީ ޝޯ "ކުއެންޓިކޯ"ގެ ޝޫޓީންގައި އުޅެން ޖެހުމެވެ. ނަމަވެސް ޕްރިޔަންކާގެ ފޭނުންނަށް މިހާރު ވަނީ އުފާވެރި ޚަބަރެއް ލިބިފަ އެވެ.


އަންނަ ޑިސެމްބަރު މަހު ޕްރިޔަންކާ އެނބުރި އިންޑިއާ އަށް ދާނެ އެވެ. މިފަހަރު ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގައި މަޑުކޮށް، ސޮއިކުރާނެ ފިލްމުތަކެއް ވެސް ނިންމާނެ އެވެ.

ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުން މިފަހަރު އޭނާ ސޮއިކުރާނީ އެންމެ ފިލްމެއް ދެ ފިލްމަކަށް ނޫނެވެ. ޖުމްލަ ހަތަރު ފިލްމެއް ކުޅެން ސޮއިކުރަން ވަނީ ހަމަޖެހިފަ އެވެ.

ޕްރިޔަންކާ އަކީ އަބަދުވެސް ބުރަކޮށް އުޅެން ބޭނުންވާ އެކްޓަރަކަށް ވާތީ ހަތަރު ފިލްމަކީ ވެސް އޭނާއަށް މާ ބޮޑު ކަމަކަށް ނުވާނެ އެވެ.

ޕްރިޔަންކާ އިންޑިޔާގައި ނެތަސް އޭނާ ޕްރޮޑިއުސްކުރި މަރާޓީ ފިލްމު "ވެންޓިލޭޓާ" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. އަދި ބޮލީވުޑް ފަންނާނުންނާއި އާއްމުންގެ ގިނަ ބަޔަކަށް މި ފިލްމު ވަރަށް ކަމުގޮސްފައިވެ އެވެ.

އިންޑިއާގެ ނޫހަކުން ބުނެފައިވާ ގޮތުގައި ޕްރިޔަންކާ މިފަހަރު އިންޑިއާ އަށް ދާން ހަމަޖެހިފައިވަނީ ޑިސެމްބަރު ފުރަތަމަ ހަފުތާގަ އެވެ. އަދި މިފަހަރު ތިން ހަފުތާ އިންޑިޔާގައި މަޑުކޮށް ބައެއް އިނގިރޭސި އަދި ހިންދީ ފިލްމުތަކުގެ ސްކްރިޕްޓްތައް ކިޔައި ކުޅެން ބޭނުންވާ ފިލްމުތައް ކަނޑައަޅާނެ އެވެ.