14 ފެބުރުއަރީ 2021 - 07:49
ބުދަ ދުވަހާ ގުޅޭ
"ކިހިނެއްތޯ ނިމުނީ؟" ޒިޔާން އެހިއެވެ.
ރަމީޒު ފައިލެއް ހުޅުވައިލިއެވެ. ފައިލުގެ ގަނޑުތައް ކޮޅުކޮޅަށް އުކަން ވަގުތުކޮޅެއް ހޭދަކުރިއެވެ. އެއަށް ފަހު، ކޮމިޓީގެ އެހެން މެންބަރުންގެ މޫނަށް ބަލައިލިއެވެ. އޭނައަށް ލިބިފައިވާ ބާރާއި، ބުނަން އުޅޭ އެއްޗެއްގެ ސަބަބުން އޭނަގެ މޫނުމައްޗަށް ވެރިވެފައިވަނީ އާދަޔާހިލާފު ކިބުރުވެރިކަމެކެވެ.
"އަހަރުމެންނަށް ގަބޫލުކުރެވެނީ މަނާރަތު ތުހުމަތުކޮށްފަ ހުރި ކަންކަން ޒިޔާން ކުރި ކަމަށް." ވަރަށް ފިލްމީ ގޮތަކަށް ޒިޔާނާ ދިމާއަށް ބަލައިލަމުން ރަމީޒު ބުނެލިއެވެ.
ޒިޔާންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ނުލާހިކު ސުލްހަވެރިކަމާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމެއް އެކޮޅުކޮޅުން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެ ވަގުތު ޒިޔާންގެ ބޮލުގައިރިއްސައިލިއެވެ. ބަޔާނުގައި ޒިޔާނަށް ސޮއިކުރެވުނީ ކިޔަންވާ ވަރަށް ނުކިޔައެވެ. އެއީ ވަރަށް ބޮޑު ގޯހެކެވެ.
"ނިންމުން ބަދަލުވި ސަބަބު އޮޅުންފިލުވަން އަޅުގަނޑު ބޭނުން." ޒިޔާން ބުންޏެވެ.
"ސަބަބަކީ އިތުރު ދެ އަންހެން މުވައްޒަފުން ޒިޔާނާ ދެކޮޅަށް ބަޔާންދިނުން،" މޭޒުމަތީގައި އޮތް ފައިލުގައި އަތުން ޖަހައިލަމުން ރަމީޒު ބުންޏެވެ. "އެ ދެ މުވައްޒަފުން ވެސް ބުނަނީ ޒިޔާން ގަދަކަމުން އެ މީހުންނާ ބެހުނޭ! ޖިންސީ ފުރައްސާރަކޮށް، ބްލެކުމޭލުކޮށް، މަގާމުގެ ނާޒާއިޒު ފައިދާ ވެސް ޒިޔާން ނެގިޔޭ. އެހެންވީމާ މި ކޭސް މިހާރު ވަރަށް ވަރުގަދަ ވެއްޖެ! ވަރަށް ސީރިޔަސް ވެސް ވެއްޖެ!"
ފުލުހުންނަކީ ގައުމުގެ އަމަން ރައްކާތެރިކުރަން ތިބޭ ބައެކެވެ. އިންސާފު ގާއިމުކުރަން ތިބޭ ބަޔެކެވެ. އެ ފަދަ ތަނަކުން ވަކި ކޮޅަކަށް ބުރަވެގެން ތަހުގީގެއް ނިންމަފާނެ ކަމަކަށް ޒިޔާނަކަށް ގަބޫލެއް ނުކުރެވެއެވެ.
"އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަހަރުމެން އަޅާނަން،" ރަމީޒު އިންޒާރުދިނެވެ. "މަތިން އޯޑަރު އައިއްސަ އޮތީ. މި ކަހަލަ ތަނެއްގަ އުޅެމުން އެ ކަހަލަ ކަމެއް ކުރަން ޒިޔާން ލަދުގަންނަން ޖެހޭނެ. ޖެހިލުންވާން ވެސް ޖެހޭނެ. ޒިޔާނަށް ހީވީތަ މީ ހިތުހުރިހާ ގޮތަކަށް އުޅެން އޮތް ތަނެކޭ؟"
ޒިޔާނަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. ނުކުރާ ކަންތައްތަކެއް ބަޔަކު ލައްވައި އުފައްދައި، އެ މީހުން ލައްވައި ބަޔާން ލިޔުއްވި ބަޔެއްގެ ފަރާތުން އިންސާފު ލިބޭނީ ކިހިނެއް ހެއްޔެވެ؟ މަނާރަތު ފިޔަވައި އެހެން އަންހެނަކާ އެ ކަހަލަ ގުޅުމެއް ޒިޔާން ނުބާއްވައެވެ. އޮފީހުގައި ވިޔަސް ނުވަތަ އޮފީހުން ބޭރުގައި ވިޔަސް ވެހެވެ. ވީއިރު ޒިޔާނާ ބެހޭ ގޮތުން އެހާ ބޮޑެތި ތުހުމަތުތަކެއް ކުރާނީ ކޮން ބައެއް ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟
"އެއީ ކޮން ދެ މުވައްޒަފުންނެއް ތޯ؟" ޒިޔާން ސުވާލުކުރިއެވެ.
"އެ މުވައްޒަފުންގެ ނަމެއް ނުބުނެވޭނެ،" ފައިލު މަތީގައި އަތް ބާއްވައިލަމުން ރަމީޒު ބުންޏެވެ. "އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް ނުދެވޭނެ."
"ކޮން އިރަކު ކޮން ތާކުތޯ އެ ހާދިސާތަކެއް ހިނގީ؟" ޒިޔާން އެހިއެވެ.
"އެޔެއް ވެސް ނުބުނެވޭނެ. ޒިޔާންގެ ބަޔާނުން އެބަ އެނގޭ މަނާރަތާ ވެސް ޒިޔާން ބެހުނުކަން،" ރަމީޒު ބުންޏެވެ. "މުލަކުގަ ޒިޔާންގެ ސައިކަލަށް މަނާރަތު އެރުވީ ވެސް ބިރުދައްކައިގެން، ގަދަކަމުންކަން މިހާރު ކަށަވަރު ވެއްޖެ! އަހަރުމެން އަތުގަ އެބަ އޮތް އޯޑިޔޯ ރެކޯޑިން. އަޑުއަހަން ބޭނުން؟"
ޒިޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރަމީޒު ބޮލުން އިޝާރާތް ކޮށްލުމާ އެކު ކޮމެޓީގެ އެހެން މެންބަރަކު ލެޕްޓޮޕާ ކުޅެން ފެށިއެވެ. ދެން އިވެން ފެށީ މަނާރަތުގެ އަޑެވެ.
"އަޅެ ޕްލީޒް!" މަނާރަތު ކިޔެވެ. "އައި ބެގް ޔޫ! އަޅެ ޕްލީޒް ތިހެން ނަހަދާ! އަހަރެން ދޫކޮށްލާ! ޕްލީޒްޕްލީޒް!"
އެތައް ދުވަހެއް ވަންދެން ޒިޔާންގެ ބޯމަތީގައި އެނބުރެމުންދިޔަ ވިލާގަނޑުގެ ތެރެއިން ވިދުވަރުގެ ހޮނުކަނޑައިގެންދިޔަ ކަހަލައެވެ. މަނާރަތު ދުރާލައި ތައްޔާރުވެފައިވާ ވަރާއި، ހެކި އެއްކުރަން ކޮށްފައިވާ މަސައްކަތް ޒިޔާނަށް އިހުސާސްކުރެވުނީ އެ ވަގުތުއެވެ.
"ދެން ޕްލީޒް ކިޔާނެކަމެއް ނެތް،" ޒިޔާން ބުނި އަޑުއިވެއެވެ. "އަހަރެން އޭރު ވެސް ބުނިން ތިންވަނަ ފަހަރަށް އެހެން ނުބުނައްޗޭ! ދެން ސަލާމަތެއް ނުވާނެ. ރުޔަސް، އާދޭސްކުރިޔަސް ހަމަ ބޭކާރުވާނީ."
ރިކޯޑުވެފައި ވަނީ އެ ހިސާބަށެވެ. އެ ތަންކޮޅު އެތައް ފަހަރަކު ތަކުރާރުކޮށް ޒިޔާނަށް އިއްވިއެވެ.
"އެއީ ތި ހީކުރައްވާ ކަހަލަ ކަމެއް ނޫން،" ދިފާއުގައި ޒިޔާން ބުންޏެވެ. "ތީ އޯޑިޔޯ އެޑިޓެއް. ކޮބައިތޯ ތީގެ ކުރިޔާ ފަސް؟ ދެއްކި އެހެން ވާހަކަތައް ކޮބައިތޯ؟"
"ނުޖެހޭ ބަލާކަށް،" ރަމީޒު ވަގުތުން އިންކާރުކުރިއެވެ. "ސުވާލަކީ އެއީ ޒިޔާންގެ އަޑުހޭ؟ ޒިޔާން އެހެން ބުނިންހޭ؟"
އިންކާރުކުރެވޭ ވަރަށް ވުރެ އަޑު ސާފެވެ. އެ ރޭ މަނާރަތު ފޯނު ރައްކާތެރިކުރަން އާދަޔާހިލާފަށް މަސައްކަތްކުރިކަން އެ ވަގުތު ވެސް ޒިޔާނަށް ފާހަގަކުރެވުނެވެ. އެހެނަސް އަޅާނުލެވުނީއެވެ.
"އެކަމަކު އެ ތަނަށް ދާން ސައިކަލުގެ ތަޅުދަނޑި ވެސް ދިނީ މަނާރަތޭ އިނގޭތޯ،" ޒިޔާން ބުންޏެވެ. "ގައިމު ސައިކަލު ދިން މީހަކު ވެސް ހުންނާނެ ނޫންތޯ! ސްޓޭޝަން އިންޗާޖާ ވެސް ސުވާލު ކުރެވޭނެ ނޫންތޯ!"
"ނުޖެހޭ ކުރާކަށް!" މޭޒުމަތީ ނިކަން ބާރަށް ޖަހައިފައި ރަމީޒު ބުންޏެވެ. "ތި އުޅެނީ ތަހުގީގު ކުރާނެ ގޮތް އަހަންނަށް ކިޔައިދޭންތަ؟ ސުވާލުކުރާނެ މީހުންނާ ބަޔާން ނަގާނެ މީހުން އެނގޭނީ ކޮމިޓީއަށް."
ޒިޔާން އަތަކު ހެތްކެއް ނެތެވެ. އެހެންވިޔަސް، ފަސޭހައިން ބަލި ގަބޫލުކުރާކަށް ޒިޔާން ބޭނުމެއް ނޫނެވެ.
"ރަޝީދު މަރާލި ރޭ މަސްވެރިންގެ ޕާކުގަ ހުރި ސީސީޓީވީ ފުޓޭޖު އެވިޑެންސަށް ނެގީމެއް ނޫންތޯ!" ޒިޔާން ބުންޏެވެ. "އެ ބައްލަވާލަން ވީނޫންތޯ! އޭރުން ވެސް ފެންނާނެ އަޅުގަނޑު އިސްވެ ގަދަކަމުން އެއްވެސް ކަމެއް ނުކުރާކަން. މަނާރަތު އުޅުނު ގޮތް ހުންނާނެ ކެމެރާއަށް އަރާފަ."
"ނުޖެހެއޭ ބަލާކަށް،" ވަރަށްރާގުލައިފައި ރަމީޒު ބުންޏެވެ. "ބަލަންޖެހޭނީ ކޯޗެއްކަން ޒިޔާނަކަށް ނޫނޭ އެނގޭނީ."
މައްސަލައިގެ ހުކުން މާ ކުރިން ލިޔެ ނިންމާފައިވާ ކަހަލައެވެ. ޒިޔާން ހިތަށްއެރިއެވެ. މީހުން ބުނަނީ ތެދެކެވެ. ބެދޭމަޅިއެއް ނުފެންނާނެއެވެ.
"އެހެންވިއްޔާ އަޅުގަނޑުގެ ފޯނު ބެއްލެވީމެއް ނޫންތޯ! އެއްވެސް އޮރިޔާން ފޮޓޯއެއް ހުރިތޯ؟" ޒިޔާން ސުވާލުކުރިއެވެ. "ނޫނީ އަޅުގަނޑުގެ ގެ ޗެކުކުރައްވަން ވީނޫންތޯ! އެއީ ނޫންތޯ ފުލުހުން ކަންކަން ކުރައްވާ އުސޫލަކީ. އެވިޑެންސް ހޯދަން ޖެހޭނެ ނޫންތޯ!"
"އެވިޑެންސް ހޯދަންޖެހޭ ގޮތް ވެސް ޒިޔާނަކަށް ނޭނގޭނެ. ކޮމެޓީއަށް އެނގޭނީ." ރަމީޒު ބުންޏެވެ.
"އެހެންވިއްޔާ މަނާރަތުގެ ފޯނު ބައްލަވާ!" ޒިޔާން އެދުނެވެ. "އަޅުގަނޑު އޮރިޔާން ފޮޓޯތަކެއް ފޮނުވާ ބުލެކުމޭލު ކުރިއްޔާ އޭނަގެ ފޯނުގަ ހެކި ހުންނާނެ ނޫންތޯ! ވައިބާއާ، ވަޓްސްއެޕާ، ޓެލެގްރާމާ، އެސްއެމްއެސް ބެއްލެވޭނެ ނޫންތޯ!"
"އެ ވެސް ނުޖެހޭ ބަލާކަށް." ރަމީޒު ދިނީ ކުރު ޖަވާބެކެވެ.
"ކައިރީގައި އުޅޭ ރައްޓެހިންނާ ސުވާލުކުރައްވަން ވީނުންތޯ އެ ކަހަލަ އެއްވެސް ޝައްކެއް ނަމަވެސް ވި ތޯ؟" ޒިޔާން އެދުނެވެ.
"އަޖައިބެއް ކަހަލަ ކަމެއްނު!" ތަންކޮޅެއް ބާރަށް ރަމީޒު ބުންޏެވެ. "މި ތަނުން ކޮބާ ކުށްވެރިޔަކީ؟ ކޮބާ ތަހުގީގު ކުރާ ބަޔަކީ؟ ބަލަ ކުރިން މި ބުނި ދެ އަންހެން މުވައްޒަފުންނަކީ ކައިރީގަ އުޅޭ ރައްޓެހިންނެއް ނޫންތަ؟"
ޒިޔާން ދެއްކި ހުރިހައި ވާހަކައަކަށް ކޮމިޓީން ދިނީ ބީރުކަންފަތެވެ. ފަލީހަތާއި ބަދުނާމުގެ ފެންގަނޑު ޒިޔާންގެ ކަރާ ހަމައަށް އެރި އިރު ވެސް ޒިޔާން ހިތްވަރުކުރަމުން ގެންދިޔައެވެ.
"އަޅުގަނޑު މަސައްކަތް ކުރިން އެހެން ޑިޕާޓުމަންޓެއްގަ ވެސް. އެ ތަނުގަ ކޮންމެ ފިރިހެން މުވައްޒަފަކަށް ނުވަ އަންހެން މުވައްޒަފުން ތިބޭނެ،" ޒިޔާން ބުންޏެވެ. "އައްސަވަބައްލަވަ އެ ތަނުގެ އެއްވެސް މުވައްޒަފަކާ ގަދަކަމުން ބެހެން ނޫނީ ބިރުދައްކައިގެން ކަމެއް ކުރަން އުޅުނުތޯ! އެންމެން ވެސް އަޅުގަނޑާ ރައްޓެހިވާނެ. ސަމާސާ ވެސް ކުރަން. ދެން އަޅުގަނޑުގެ އެޕްރައިޒަލް ބައްލަވާ ހަމަ އެންމެ ފަހަރަކު ވެސް ޑިސިޕްލިން މައްސަލައެއް ފާހަގަކޮށްފަ އޮތްތޯ؟ ކުޑަމިނުން އެއްވެސް މީހަކާ ދިމާއަށް ހަޑި ހުތުރު ބަހެއް ވެސް ބުނި ކަމަށް އެބަ އޮތްތޯ؟ މަނާރަތު އެ ހުރިހާ ފޯމުތަކެއް ބަލަހައްޓަނީ. އޭނަ ސޮއިކުރަނީ. ނުސީދާކޮށް ވެސް އެ ކަހަލަ ވާހަކައެއް އެބަ އޮތްތޯ ބައްލަވައިދެއްވާ! ތި ވަރުގެ ބޮޑު ބަދުނާމެއް އަޅުގަނޑުގެ ބޮލުގައަޅުވާ އިރު އަޅުގަނޑުގެ ފެމެލީ ފޭސްކުރަން ޖެހޭނެ ކަންތައްތަކާ މެދު ވެސް ވިސްނާލަން ވާނެ ނޫންތޯ!"
އެ ހިސާބަށް އައި އިރު ވެސް ޒިޔާން އިސްކުރީ ކެތްތެރިކަމެވެ. ކިޔަމަންތެރިކަމެވެ.
"ކަމެއް ސާބިތުކުރެވޭނީ ހެކި ހުރިއްޔާ ނޫންތޯ!" ޒިޔާން ހަނދާންކޮށްދިނެވެ. "ކޮބައިތޯ އަޅުގަނޑާ ދެކޮޅަށް ހުރި ހެކިތަކަކީ؟"
"އެ ވެސް ނެތް މި ތާކު ބުނެވޭކަށް،" ރަމީޒު ޖަވާބުދިނެވެ. "އެކަމަކު ބައިވަރު ހެކި އެބަހުރި."
"އެކަމަކު މަނާރަތު އެ ހަދަނީ ދޮގުކަން އަޅުގަނޑަށް ސާބިތުކުރެވިދާނެ. ހެކި ވެސް ދެއްކިދާނެ،" ޒިޔާން ބުންޏެވެ. "އޭނަ އެ ބުނަނީ ނޫންތޯ ގަދަކަމުންނޭ އޭނަޔާ ބެހުނީ. ގަދަކަމުންނޭ އަތިރިމައްޗަށް ގެންދިޔައީ. އަޅުގަނޑު އަތުގަ އެބަހުރި ދެ މީހުން އެއްކޮށް ނަގާފަ ހުރި ފޮޓޯތައް. އެ އެއްޗެހި ދައްކަންތޯ؟"
ޒިޔާން ޖީބުން ފޯނު ނެގިއެވެ. ފޮޓޯތައް ހޯދަން ފެށިއެވެ.
"ނުޖެހޭ ބަލާކަށް!" ރަމީޒު އިންކާރުކުރިއެވެ. "އިތުރަށް އެއްވެސް އެއްޗެއް ބަލާކަށް ބޭނުމެއް ނޫން."
ޒިޔާންގެ ކެތްތެރިކަން ކޮޅުންލީ އެ ހިސާބުންނެވެ. ވަޒީފާއިން ވަކިކުރާނެކަން އޭރު ޒިޔާނަށް ކަށަވަރު ވެއްޖެއެވެ. ދެން ކޮންމެހެން ހިތުގައި އެއްވެސް އެއްޗެއް ބަހައްޓާކަށް ޒިޔާން ބޭނުމެއް ނުވިއެވެ.
"ދެން ނެތެއްނޫންތޯ ބުނާނެ އެއްޗެއް،" ކުޑަކޮށް ހިތްހަމަނުޖެހިފައި ޒިޔާން ބުނެލިއެވެ. "ތި ކޮމެޓީގަ މުޅިން ވެސް ތި ތިއްބެވީ މަނާރަތުގެ ރައްޓެހިން ނޫންތޯ! އަޅުގަނޑު ކަހަލަ އާދައިގެ މީހެއްގެ ދުވަސް ދުއްވާލަން ތިހާ ގިނަ ބަޔަކު ތިހާ ބޮޑު ޖަރީމާއެއް ހިންގަފާނެކަމަކަށް އަޅުގަނޑު ދުވަހަކު ވެސް ހިތަކަށްނާރާ! ފުލުހުންގެ މުވައްސަސާގެ އަގެއް ނޫންތޯ ތި ވައްޓާލެއްވީ!"
"އަހަރުމެން މަނާރަތަކާ ރައްޓެއްސެއް ނުވާނެ،" ރަމީޒު ހެދީ ބުހުތާނު ދޮގެކެވެ. "މީ ހަމަ ވަރަށް އިންސާފުވެރިކޮށް ނިމިފަ އޮތް ކަމެއް. ދެން ނެތް އިތުރަށް ދައްކާނެ ވާހަކައެއް. ތިހިރީ ވަޒީފާއިން ވަކިކޮށްފަ!"
ނުނިމޭ
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާސްޓްފޯވަޑު
14 February 2021
މިއަށް ކިޔަނީ ދުރާލާ ވިސްނުމެއް ނޫން. އެމެރިކާގެ ނާސާއިން މީހަކު ހަނދަށް ފޮނުވިއިރުވެސް ހިއެއް ނުވޭ މިވަރަށް ހިސާބުޖަހާފަ ހުރިހެނެއް. ލޮލް. މަނާރަތު މިހިރީ ފަޅި ސިކުންތަށް ކަންކަން އެސްޓިމޭޓުކޮށް ސެޓުކޮށްލާފަ. އަނެއްކާ އެތައް ބަޔަކު ބައިވެރިކޮށް ބޮޑު އޮޕަރޭޝަން ލެވެލްއެއްގަ ކަންކަން ހިންގާލާފަ. ދެން އެކަމު މާ ސްލޯ ވާހަކަ ދާލެއް. އިންޓްރެސްޓް ގެއްލެނީ! އަވަސްކުރޭ!
ރޮނގު
14 February 2021
މަނާރަތު ފަލީހަތް ކޮށްލަންވާނެ އެހެން ނޫންނަމަ މިވާހަކަ ވަރަށް ހަޑިވާނެ
މެދު ރޮނގު
14 February 2021
ތި ކަމެއް ނުުވާނެ
ރިއަލް
14 February 2021
މިއީ ހަމަ ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑްގައި ގާތްގަނޑަކަށް ކަންހިނގާގޮތް. ވަޒީފާއިން ވަކިކުރުމަކީ ފެން ފޮދެއް ބޯލާފައި ނޭވާއެއްލުންހާ ފަސޭހަކަމެއް މޯލްޑިވްސް ޕޮލިސް ސަރވިސްގައި.
ރިޝް
14 February 2021
ވާހަކަ ވަރަށް ރީތި، ހީވަނީ އަސްލު ސީންގަ އިދެވޭހެން. ދެން ޒިޔާނަށް ފޯނު ލިބޭނީ މަނާރަތާ ގުޅޭ ހެއްކެއް ހުރިއްޔާ ޑިލީޓްކޮށްފަ. އަދި އިތުރު އިގުރާރުތައް ކުރުވާ، "ހެޔޮފުޅު ކަމުން" ބައެއްކަންކަން ލުއިވެސް ކޮށްދީފަ. މަކަރުވެރި އަންހެނެއްގެ ދަށުވެ، އިޚްލާޞްތެރި ރައްޓެއްސަކުގެ ބަސްނޭހިތާ، އެހީއަށް އެދުނު އިރުވެސް ބީރު ކަންފަތެއްދެވި އޭނާވެސް ގެއްލިގޮސް އެޢާއިލާވެސް ބިކަވީ. ދެ އަންބަށް އިންނަން ވިސްނީރު ނަޞީބެއްނު ރެޚެންދި ޚަދީޖާ ހެދިހެން މަރާނުލިކަންވެސް
ޓޮއިން
14 February 2021
މަނާރަތާ ޒިޔާނުގެ ވާހަކަ ކިޔާއިރު ހީވޭ ޖޭމްސް ބޮންޑާ ޖޮނީ ލީވާ ގެ ވަހަކައޭވެސް މީ. މިއަށްވުރެ ސަޅި ޕްލޮޓަކަށް އުއްމީދުކުރިން ވާހަކަ ފެށިއިރު އެކަމަކު މިއޮތީ ހަމަ އެއްކަލަ ކަސައުޓީ ޒިންދަގީކީ އަކަށް ބަދަލުވެފަ.
މަނާ ދަ ރަތު
14 February 2021
ކޮބާ ސީލެވި ހުންނާނީ ޒިޔާން އަށް މިހާރު. މަގޭ މަގާމް ހޯދަން އުޅެންޏާ ވާނެގޮތް ތި ފެނުނީ.
1828
14 February 2021
އެމީހެއްގެ ޝަރުތު ފުރިހަމަވުމުން މަޤާމްގެ ކުރިއެރުމާއެކު ބޮޑެތި މަޤާމްތަކަމުގެ މަސްއޫލިއްޔަތު އުފުއްލަން ޖެހޭނެ. އެއީ އަދަބު ދެވެން ޖެހޭނެ ކަމެއްނޫން.
ދީމާ2
14 February 2021
ޒިޔާން! ?
ޖަމީލާ ހަސަން
14 February 2021
މަނާރަތަށް ވަރުގަދަ ލަގާއެއް ދޭންވަނެ ޒިޔާން. ހަމަ ގައިމުވެސް މަނާރަތަށްވުރެ ޒިޔާންގެ ބޯ ބޮޑުވާނެ. ނުބައި މީހަކާ މަނާރަތަށް ތި ކުޅެވުނީ...
އަޒާން
14 February 2021
ޙަޤީޤަތުގެ ދުނިޔޭގެ ކަންހިނގާ ގޮތަކީ މިއެއް ނޫން! އޫޕްސް މީވާހަކައެކޭ ދޯ ؟
ހެޔޮއެދޭ
14 February 2021
ހަމަ މިހެން ކަންތައް ހިނގަނީ. ތިބާ އަށް މިކަހަލަ ބޭއިންސާފް ކަންތައް ކުރިމަތި ނުވާނަމަ ހަމްދު ކޮށް ގިނައިން ޝުކުރުވެރިވާށެވެ.