މުނިފޫހިފިލުވުން / ވާހަކަ

ތަރުބިއްޔަތު

ބޮކިޖަހައި ކެކެމުންދިޔަ ތެޔޮގަނޑުން ރެހިތައް ހަނާވަމުންދިޔަ އިރު، މާރިޗުގެ ހޫނުން އަހަރެން ވެސް ދިޔައީ ތެމެމުން ހަނާވަމުންނެވެ. ބަދިގޭގައި މަސް ތެއްލަން މަންމަ ހުރުމުން ފަންކާއެއް ނުޖެހެއެވެ. ބަދިގެ ނޫން ތަނެއްގައި އިނުން އަހަންނަށް މަނައެވެ. ޓެސްޓުގެ ފަހު ދުވަހެވެ. ފިލާވަޅު ދަސްކުރަންޖެހެއެވެ. ނަސީބަކުން ކިޔެވުން ނިމެނީއެވެ. ދެން އިތުރަށް ކިޔަވަންޏާ ދާންޖެހޭނީ ރާއްޖެއިން ބޭރަށެވެ. އަހަންނަށް ދެވޭނެ ހެއްޔެވެ؟ ކުރިޔަށް އޮތީ ކޮން ފަދަ ހަލަބޮލި، ބިރުވެރި ދުވަސްތަކެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ ހަޔާތުގެ ހުންގާނު އޮންނަނީ ބައްޕަ އަތުގައެވެ. ބައްޕަ ބޭނުން ނޫން ގޮތަކަށް އަހަންނަކަށް ނޭވައެއް ވެސް ނުލެވެއެވެ. ގަވައިދަށް އުޅެއުޅެ އަހަރެން ވަރުބަލިވެއްޖެއެވެ. އެއްވެސް ކަމަކަށް އަހަރެން އާދައެއް ނުވިއެވެ. އަހަރެންގެ ނަމަކީ ހިދާޔާއެވެ. މީ އަހަރެންގެ ވާހަކައެވެ.

އެނދުމަތީގައި އޮތް ފޯނު ދިއްލެން ފެށިއެވެ. އަހަންނަށް ފޯނު ފެނެއެވެ. ދަންވަރު އެކެއް ޖެހުމަށް ތައްޔާރުވެފައިވާ ގަޑި ވެސް ފެނެއެވެ. ނައުޝީން އެ ގުޅަނީ ކީއްވެގެންކަން ވެސް އެނގެއެވެ. "ކަލަރ ރަން" ގައި ބައިވެރިވާން އަހަރުމެން ނަން ނޯޓުކުރީ އެކުއެކީގައެވެ. އޭގައި ބައިވެރިވާން ބައްޕަ ހުއްދަ ނުދޭނަކަން އެނގި ހުރެއެވެ. ނޭނގެނީ ނައުޝީނަށެވެ. އޭނައަށް އަންގާކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ. ނަން ނޯޓުކުރަން ނައުޝީން އެދެން ފެށުމުން އެ ކަން ކުރުން ނޫން ގޮތެއް އަހަންނަށް ނެތުނީއެވެ. އެހެންވެ، ޓީޝާޓާއި ނަންބަރު ބަލައިދާ އިރު އަހަންނާ އެއްކޮށް ދާން އޭނަ ބޭނުންވަނީއެވެ. މެސެޖުކޮށް ފޯނުކުރަނީ އެހެންވެއެވެ. ބައްޕަގެ ސަބަބުން އަހަންނަށް އުޅެންޖެހިފައިވަނީ، އެކުވެރިން ކުރިމަތީގައި ލަދުގަންނަން ޖެހޭ ކަހަލަ ދިރިއުޅުމެކެވެ.

އިމުތިހާނު ހޯލަށް އަހަރެން ވަނީމެވެ. ފުރަތަމަ ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ނައުޝީނެވެ. އެއީ ވަރަށް އޯގާތެރި އެކުވެރިއެކެވެ. ތެދުވެރި ރަހުމަތްތެރިއެވެ. އެހެނަސް، އަހަރެން ފެނުމުން އޭނަ ހެދީ ނުފެންނަ ކަމަށެވެ. އަހަރެން ނަމަވެސް ވާނީ އެހެންނެވެ. ކިތައް ކޯލު އޭނަ ކުރި ހެއްޔެވެ؟ ކިތައް މެސެޖު ފޮނުވި ހެއްޔެވެ؟ އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. ނައުޝީން ރުޅި މަޑެވެ. އަހަރެން ނަމަ އެއްޗެއް ނުބުނެއެއް ނީނދެވުނީހެވެ. ކުރާނެ ކަމެއް ނެތެވެ. އަނެއްކާ ވެސް އެކުވެރިއެއް ގެއްލުނީއެވެ. އަހަންނަށް އާ ކަމެއް ނޫނެވެ.

އަހަރެން އުޅެން ޖެހެނީ އަހަރެންގެ މައިންބަފައިން ބުނާ ގޮތަކަށެވެ. މަންމައަކީ ބައްޕަ ޗާބީދީފައި ހުންނަ ބުދެކެވެ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެ ވެސް އަހަރެން ލާންޖެހެނީ އަތްދިގު ހެދުމާއި ހަރުވާޅެވެ. ވަންނަން ޖެހުނީ އެމީހުން ބޭނުންވާ އިސްކޫލަކަށެވެ. ކިޔަވަން ޖެހެނީ އެ މީހުން ބުނާ އެއްޗެކެވެ. ނިދައި ހޭލަން ޖެހެނީ ވެސް އެ މީހުން ބުނާ ވަގުތެއްގައެވެ. އެ މީހުންގެ ޝަރުތު ހަމަވާ ތަނަކަށް މުޅި މާލޭގައި ވެސް ހުރީ އެންމެ އިސްކޫލެކެވެ. އަހަރެން ކިޔެވީ އެ ތަނުންނެވެ. ގޭގައި ޓީވީ ހުރެއެވެ. ހަމަ އެކަނި ހުޅުވޭނީ ޚަބަރު ގަޑީގައެވެ. ދެން ޓީވީ ހުޅުވުން މަނައެވެ. މިޔުޒިކު އަޑުއެހުން މަނައެވެ. މޭކަޕުކުރުން މަނައެވެ. އިންޓަނެޓަށް ވަނުން މަނައެވެ. ރައްޓެހިންނާ އެކުގައި ބޭރަށްދިޔުން މަނައެވެ. ދީނީ ފޮތް ނޫން ފޮތެއް ކިޔުން މަނައެވެ. ބާރުހެދުން ލުން މަނައެވެ. ކަޅުކުލަ ނޫން ކުލައެއްގެ ހެދުންލުން މަނައެވެ. ބާރަށް ހުނުން މަނައެވެ. ބާރަށް ވާހަކަދެއްކުން މަނައެވެ. ރެސްޓޯރަންޓަކަށް ވަނުން މަނައެވެ. ފޮޓޯނެގުން މަނައެވެ. ވަޒީފާއަކަށް ވަނުން މަނައެވެ. ކުރުކޮށް ބުނާ ނަމަ، ނޭވާލުން ފިޔަވައި އެހެން ހުރިހައި ކަމެއް އަހަންނަށް މަނައެވެ.

އަހަރެންގެ ގޭގައި އަންހެނުން ތިބެން ޖެހެނީ ގޭގެ އެންމެ އެތެރޭގައެވެ. އަހަންނާއި މަންމައަށް އޮތް ތަނަކީ ބަދިގެއެވެ. އެ ނޫން ތަނަކަށް ނުކުތުމުގެ ހުއްދައެއް ނެތެވެ. ގޭގެ ބޮޑުކޮޓަރިއަށް ނުކުމެ އުޅެވޭނީ ފިރިހެނުންނަށް އެކަންޏެވެ. ބައްޕައާއި ބޭބެޔަށެވެ. އަންހެނުން ކާން އިށީންނަން ޖެހެނީ ފިރިހެނުން ކައިގެން ދިޔައިމައެވެ. ކެވޭނީ އެ މީހުން ކައިފައި ބާކީ ހުރި އެއްޗެކެވެ. ކޮޓަރި ނޫން ހުރިހާ ތާކު އަހަރުމެން އުޅެން ޖެހެނީ ބުރުގާ އަޅައިގެންނެވެ. އަހަރެން ދީނީ ކަންކަމާ ދެކޮޅުހަދަނީއެއް ނޫނެވެ. ބުރުގާއަޅަން ވެސް މައްސަލައެއް ނެތެވެ. އެކަމަކު ކިޔަވައި ނިމުނީމައި މޫނުބުރުގާ އަޅަން ބައްޕަ އަމުރުކުރި ހިސާބުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ.

"އަހަންނަކަށް ނޫޅެވޭނެ އަބަދު މޫނުބުރުގާ އަޅައިގެނެއް މަންމާ!" މަންމަ ގާތުގައި ކުސްތަޅަމުން އަހަރެން ބުނީމެވެ. "އެޓް ލީސްޓް ގޭތެރޭގަ މި ނާޅާ އުޅެވިދާނެއްނު! ޕްލީޒް މަންމާ!"

މަންމަ ކައިރީގައި ޝަކުވާކުރުމަކީ ބޭކާރުކަމެކެވެ. އެ ކަން އަހަންނަށް އެނގެއެވެ. އެކަމަކު ގޮތް ހުސްވުމުން ދެން އޮންނާނީ އެހެން ކޮން ގޮތެއް ހެއްޔެވެ؟ ބޮލުގައި ކުލަޖައްސަން އަހަރެން ބޭނުމެވެ. ޖިންސު ލާހިތް ވެއެވެ. ކަންފަތް ތޮރުފަން ހުއްދަ ހޯދަން މަންމަ ގާތުގައި އާދޭސްކުރެވުނު އަދަދެއް ނޭނގެއެވެ. އެއްވެސް ހުއްދައެއް ނުލިބުނެވެ.

"ނޭނގެއެއްނު ކޮން ވަގުތެއްގަ ކަމެއް ބޭރުން މީހަކު އަންނާނީ ދަރިފުޅާ!" މަންމަގެ ރާގުގައި ވެސް ހުރީ ފޫހިކަމެވެ. "މަންމަ ވެސް މި އުޅެނީނު. ދުވަސްކޮޅަކުން އާދަވެދާނެ."

"އަހަރެން ވަރަށް ސީރިޔަސް ސުވާލެއް އަހަންތަ؟" ދުވަހަކު ވެސް ނާހަން ނިންމައިގެން ހުރި ސުވާލު އަހަން އަހަރެން ތައްޔާރުވީމެވެ. "ބައްޕަޔާ މެރީކޮށްގެން އުޅެން މަންމަ ހަމަ ހެޕީތަ؟"

ބުނަން އޮތް އެތި ބޮޑުކަމުން މަންމަ އެއްޗެއް ނުބުންޏެވެ. އަހަންނާ ދިމާއަށް ލޯބޮޑުކޮށްލައިގެން ހުރީއެވެ. އަހަރެން ވެސް މަންމައަށް ބަލަހައްޓައިގެން އިނީއެވެ. ހިތަށްއެރިއެވެ. ޖަވާބު ލިބެންދެން އެހެން އިންނާނަމެވެ.

"މީހަކާ އިނީމަ އަނބިމީހާ ބޭނުންވާ ގޮތެއް ނޯންނާނެ،" ކުޑަކޮށް ފެންކަޅިވެފައި މަންމަ ބުންޏެވެ. "ދަރިފުޅު ނިކަން ރަނގަޅަށް އެ ކަން ހަނދާންބަހައްޓާތި! އަންހެނެއްގެ ބަލަދުވެރިޔަކީ ބައްޕަ، ބޭބެ، ފިރިމީހާ، ފިރިހެން ކޮއްކޮ. އެއިން މީހަކު ނެތިއްޔާ ދެން ވެސް ހުރި ފިރިހެނެއް. ދެ ލޯ މަރައިލައިގެން އެ މީހުންނަށް ކިޔަވަންވީމަ އަހަރުމެންގެ ވާޖިބު އަދާވީ!"

ދެ ލޯ މަރައިގެން ކިޔަމަންވީމައި، ހަގީގަތުގައި ވެސް އެ ނިމުނީ ހެއްޔެވެ؟ އަންހެނެއްގެ އެއްވެސް ހައްގެއް ނޯވޭ ހެއްޔެވެ؟ އިސްކޫލުގައި އަހަރެން ކިޔެވި ފޮތްތައް މަންމަ ނުކިއީ ކީއްވެގެން ހެއްޔެވެ؟ ކިޔެވި އިރު ވެސް އަދި އިސްކޫލު ނިމުނު އިރު ވެސް އަހަރެން އިސްލާމްދީނަށް ލޯބިކުރަމެވެ. އިސްލާން މާއްދާއިން ވަރަށް މަތި ހޯދަމެވެ. ފަސް ވަގުތު ނަމާދުކުރަމެވެ. ފަރިތަކޮށް ޤުރުއާންކިޔަވަމެވެ. ވަރަށް ގިނަ ސޫރަތް ހިތުދަހެވެ. އެކަމަކު މައިންބަފައިން ކަނޑައަޅައިފައިހުންނަ ގަވާއިދުތައް ގިނަކަމާއި ހަރުކަށިކަމުން އަހަރެން ހުންނަނީ ވަރަށް ފޫހިވެފައެވެ. މައިންބަފައިންގެ އުސޫލުތަކަށް ފެތޭ ގޮތަށް އުޅޭ އަހަރެންގެ ރައްޓެއްސަކު ވެސް ނެތެވެ. ވީމާ ރައްޓެހިންނާ ބައްދަލުކުރުމާއި، އެ މީހުން ގެއަށް ގެނައުން ވެސް އަހަންނަށް މަނައެވެ. އެއްވެސް ކުޅިވަރެއް ކުޅުން ނުވަތަ ބަލަން ދިޔުމާއި، ހިނގާލަން ދިޔުމާއި، ގެއަށް ކޮފީ ދަޅެއް ވެއްދުން ވެސް މަނައެވެ. އަންހެންކުއްޖަކަށް ވީތީއެވެ. ބޭބެއަށް ހާދަހާ ގިނަ ކަންތަކެއް ހުއްދައެވެ.

ކެތްތެރިކަން ކޮޅުންލުމުން ދެން ވެސް އަހަންނަށް އިތުރު ގޮތެއް އޮތީކީ ނޫނެވެ. ފޮތިގަނޑެއް ތެރޭގައި ފޮރުވިގެން އަހަރެން އުޅުނީއެވެ. އަހަރެންގެ ނަތީޖާތައް ވަރަށް ރަނގަޅެވެ. އިތުރަށް ކިޔަވަން އަހަރެން ބޭނުމެވެ. މަންމަ ގާތުގައި ބުނީމެވެ. ބައްޕަ ގާތުގައި ބުނީމެވެ. ހުއްދައެއް ނުލިބުނެވެ. އެ ދުވަހަކީ، އަހަރެން ހުއްޓައިލަން ބޭނުން ނުވެ ރުއި ދުވަހެކެވެ. ނުވެސް ކަމެވެ. މަންމަ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އަހަންނަށް ވިސްނައިދޭން އުޅުނެވެ.

"މިހާރު ދެން ކިޔެވިއްޖެއްނު ދަރިފުޅާ!" މަންމަގެ އޯގާތެރި ރާގުގައި މަންމަ ބުންޏެވެ. "ކިތަންމެ މައްޗަށް ކިޔެވިޔަސް ރަނގަޅު ވަޒީފާއެއް ލިބޭނީކީ ނޫން. ޕާޓީ މީހުންނަށް ވަޒީފާތައް ބަހާލާނީ."

"ދެން ބޭބެ ކީއްވެހޭ ކިޔަވަން ފޮނުވީ؟" އަހަރެން ސުވާލުކުރީމެވެ. "ބޭބެޔަކީ ކިޔަވާ ވެސް މީހެއް ނޫން. ކިރިޔާ ފާސްވީ."

"އެއީ ފިރިހެންކުއްޖެކޭ ދަރިފުޅާ!" މަންމަގެ ވިސްނުމުން ތިލަފަތް ކިރައިލައިފައި ބުންޏެވެ. "ދަރިފުޅު ދެން ވީ މީހަކާ އިންނަން."

އަހަރެންގެ ނޭވާ ހުއްޓުނު ކަހަލައެވެ. ކައިވެނިކުރުމަކީ އަހަރެން ކުރަން ހިތަށްއަރައިފައިވާ ކަމެއް ވެސް ނޫނެވެ. އަހަރެންގެ އުމުރުން ސަތާރަ އަހަރެވެ. އެހެނަސް، އަޑުއިވިފައިވާ ގޮތުގައި، ދެ އާއިލާއިން އެއްބަސްވެއްޖިއްޔާ އާއިލާއިން ޒިންމާނަގާ ގޮތަށް ކައިވެނި ކޮށްދެއެވެ. އެކަމަކު ފިރިޔަކަށް ކޮށްދޭން ޖެހެނީ ކީއް ހެއްޔެވެ؟ ދަރިޔަކު ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟ މަންމަޔާ ނުލައި އަހަންނަށް ނޫޅެވިގެން އުޅޭ އިރު އަހަރެން މަންމައަކަށް ވާނީ ކިހިނެއް ހެއްޔެވެ؟

"މަ ބޭނުމެއް ނޫން މެރީކުރާކަށް،" އަހަރެން އިންކާރުކުރީމެވެ. "އަޅެ އަހަރެން ކިޔަވަން ފޮނުވާ މަންމާ! ޕްލީޒް!"

މަންމަ ވަރަށް ނަސޭހަތްދިނެވެ. އަހަންނަށް އެނގުނު ގޮތުގައި އަހަރެން އިންނަން ބައްޕަ މީހަކު ހަމަޖައްސައިފިއެވެ. ރުހުމުގައި އެ ކަން ނުކޮށްފި ނަމަ، ގަދަކަމުން ވެސް އެ ކަން ކުރަން ޖެހޭނެއެވެ. އަހަރެން ހިތަށްއެރިއެވެ. އަހަރެން މި އުޅެނީ ކޮން ގައުމެއްގައި ހެއްޔެވެ؟ ކޮން ޒަމާނެއްގައި ހެއްޔެވެ؟ މި ފަދަ ޒަމާނެއްގައި، މާލޭގައި، އަހަރެން ކަހަލަ ކުދިން އުޅޭނެ ހެއްޔެވެ؟

ބައްޕަ ގާތުގައި އެ ކަހަލަ ވާހަކަދައްކާކަށް އަހަންނަކަށް ނުކުރެއެވެ. އަހަރެން ބޮޑުކުރީ ބައްޕަ ދެކެ ބިރުގަންނަވައިގެންނެވެ. އަހަންނަށް ފެނިފައި ހުރީ ބައްޕަގެ ހަރުކަށިކަމެވެ. ގޮތް ދޫނުކުރުމެވެ. ވަކި ގޮތަކަށް ބައްޕަ ނިންމައިފި ކަމެއް ދެނެއް ބަދަލެއް ނުކުރާނެއެވެ. ކަމެއްގައި ބައްޕަޔާ ދެކޮޅަށް ތެދުވަން ހިތަށްއެރުވިޔަސް އަހަރެންގެ ދެފައި ފިނިވެއެވެ. ފަހަކަށް އައިސް ބައްޕަގެ ހަރުކަށިކަން އެތައް ގުނައަކަށް އިތުރުވެއްޖެއެވެ. ނަސޭހަތްދިނުން ބައްޕަ ހުއްޓައިލައިފިއެވެ. ފުރަތަމަ ވެސް ކުރާނީ އަމުރެވެ. ބައެއް ފަހަރު އަހަރެން ހިތަށްއަރައެވެ. އަހަރެން ކުޑަ އިރު ގޭގައި އުޅުނު ބައްޕަ ކޮބައި ހެއްޔެވެ؟

ރޭގަނޑުގެ ވަގުތެވެ. ވަރަށް ހިތްވަރުކޮށްފައި ބައްޕަ ކޮޓަރީގައި ޓަކިޖަހައިލީމެވެ. ދޮރު ހުޅުވީ މަންމައެވެ. މަންމަ ކޮޓަރީގައި އުޅޭ ކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. އަހަރެން ހުރީ ވަރަށް ބިރުގެންފައެވެ. އަހަރެންގެ މޫނުމަތިން މަންމައަށް އެ ކަން އެނގުނެވެ.

ނުނިމޭ

9 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 38%
icon angry icon angry 25%
icon wow icon wow 6%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ ރަމީޒް

18 May 2021

ނޫހަށް ލިޔާނެ ރަނގަޅު ލިޔުންތެރިން ތިބި ކަން ހާމަވޭ... ބިންމާއާއެކު ރޯދަމަހު ލިޔުނު ކުއްޖާގެ ވާހަކަ ވެސް ކިޔަން ލިބުމަކީ ކުރެވޭ އުއްމީދެއް... ބަހުގެ ގޮތުން ބަލާއިރު އެ ކުއްޖާވެސް ބަހަށް ވަރަށް ކުޅަދާނަ.. މޮޅު...އެހެންވީމަ ފުރުސަތު ދިނުން ރަނގަޅު

The name is already taken The name is available. Register?

ފޫހި

17 May 2021

ކޮންކަހަލަ މެސެޖެއް ދޭން އުޅޭ ވާހަކައެއްބާ..

The name is already taken The name is available. Register?

މުނީރު

16 May 2021

އިބާރާތްތައް ރީތިވުން ފިޔަވައި މޮޅު ކަމެއް ނެތް.... ހުސް ހާސަރު.... މި ހީވަނީ މަޒުމޫނެއްހެން.... އަސަރެއް ނެތް...

The name is already taken The name is available. Register?

ފާތީ

16 May 2021

އަހަރެމެންނަކީ ބޮޑުޢާއިލާއެއް. އަހަރުމެން ޢާއިލާގައި ބާލިޣު ވުމުން އަންހެންދަރިން ބުރުގާއެޅުވި، އެކަމް ސްކޫލްނިމުނީމަ މޫނު އަޅަނީ ބޭނުމިއްޔާ، ދައްތަ ނޭޅީ ޓީޗަރަކަށް ވާން ބޭނުންވެގެން، އަހަރެން މީ ފްރީލާންސް އާޓިސްޓެއް. ދެޖިންސްގެ ހަމަހަމަ ކަމުގަ ގޭތެރޭގައިވެސް ދިރިއުޅެނީ، ބޯއިސްވެސް ގާލްސްވެސް ދީން ހުއްދަ ކޮންމެ ކަެމެއް ކުރުމުގެ ހުއްދަ އޮވޭ. ކާވެނި ކުރީ އިންނަންބޭނުންވި މީހުންތެރެެއިން ބައްޕަ ގާތަށް އައި ކުއްޖާ އަހަންނަށްވެސް ކަމުދިޔައިމަ.

The name is already taken The name is available. Register?

ޢަލީ

16 May 2021

މިވާހަކަ ކިޔާ ނިމޭއިރު މިކަހަލަ މީހުންގެ ހަގީގަތް ފުރިހަމައަށް އެނގޭވަރަށް ތިލަކޮށްދިނުން އެދެން.ކިތަންމެ ދިގުވިޔަސް ވަރިހަމަ.މީ ހޭލުންތެރިވާން ޖެހިފައިވާ ދާއިރާއެއް.

The name is already taken The name is available. Register?

9961

16 May 2021

ދެން އެކަމަށްއެއްމެ މޮޅީ ބިއްމާޔޯ؟؟

The name is already taken The name is available. Register?

ފޭން އ

16 May 2021

ޔޭއި... ބިންމާބޭބެ އިޒް ބެކް

The name is already taken The name is available. Register?

ބަނިއާދަން

16 May 2021

ހާދަވަރެއް ދައްކާލާފަ މިއޮތީ.

The name is already taken The name is available. Register?

ޖިހާދީ

16 May 2021

ބޮޑު ޝަކުވާ ބޮނޑިއެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454