ސަލްމާނާއި އިއުލިއާގެ އަޑުން "ސުލްތާން"ގެ ލަވައެއް

ސަލްމާން ޚާން މީގެ ދުވަސްކޮޅެއް ކުރިން ބުނެފައިވަނީ ކައިވެނި ކުރަން ގަސްތުކުރާ ނަމަ ޓްވީޓަކުން އެކަން އެންމެންނަށް ވެސް އަންގާނެ ކަމަށެވެ. ނަމަވެސް ސަލްމާންގެ މިހާރުގެ ލޯބިވެރިޔާ ރޫމޭނިޔާގެ އިއުލިއާ ވަންތޫރާ އެކު އުޅޭ ގޮތުން ހީވަނީ ދެންމެ ދެންމެ ކައިވެނި ކުރަން އުޅޭ ހެންނެވެ.


ޕްރީތީ ޒިންޓާގެ ވެޑިން ރިސެޕްޝަނަށް ސަލްމާން ދިޔައީ އިއުލިއާ ގޮވައިގެންނެވެ. އަދި އާއިލާގެ މެމްބަރުންނާ އެކު ސަލްމާން ބޭރު ތެރޭން ފެންނަ ނަމަ ކައިރީގައި އިއުލިއާ އަބަދުވެސް ހުރެ އެވެ.

އެންމެ ފަހުން "ސުލްތާން"ގެ "ބޭބީ ނޫ ބޭސް ޕަސަންދްހޭ" ލަވައިގެ އާ ވާޝަން އެއް ވެސް މިހާރު ވަނީ ސަލްމާނާއި އިއުލިއާގެ އަޑުން ރެކޯޑްކޮށް ނެރެފަ އެވެ. ސަލްމާނާއެކު މި ލަވައިގައި އިއުލިއާ ބައިވެރިކުރުވަން ބާރުއަޅާފައިވަނީ ވެސް ސަލްމާނެވެ.

"ސުލްތާން"ގެ އަސްލުލލަވަ

"ސުލްތާން"ގެ މިއުޒިކް އުފެއްދި މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ވިޝާލް ދަދްލާނީ އާއި ޝޭކަރް ރާވްޖިއާނީ އަށް ވެސް މިކަން ވެފައި ވަނީ ވަރަށް މަޖާ ކަމަކަށެވެ. އެމީހުން އުފެއްދި ލަވަ މަޖަލަކަށް ހަދާފައި ސަލްމާނާއި އިއުލިއާގެ އަޑުން ކިޔާފައި ނެރުނީމަ އެވެ.

އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ ބޮލީވުޑް ލައިފްއާ ވާހަކަދައްކަމުން ވިޝާލް އާއި ޝޭކަރް ބުނި ގޮތުގައި އަލަށް ލަވަކީ މީހަކާ ބަލާފައި އިއުލިއާ އެ ލަވަ ކިޔާފައިވަނީ ހައިރާންވާހާ މޮޅަށެވެ. އަދި އަމުދުން އިއުލިއާ އަށް އެއްގޮތަކަށް ވެސް ހިންދީ ބަހުން ވާހަކަ ދައްކަން ނޭނގޭއިރު އެ ލަވައިގެ ބަސްތައް އޭނާ ކިޔާފައިވާލެއް ރީތިކަމަށް ވެސް ވިޝާލް ތައުރީފު ކުރި އެވެ.

ސަލްމާން އާއި އިއުލިއާގެ އަޑުން ކިޔާފައިވާ ލަވަ

ވިޝާލް ބުނި ގޮތުގައި "ސުލްތާން"ގެ މިއުޒިކް ތައްޔާރުކުރަމުން ދިޔައިރު އެމީހުންނަށް ޓްރެކްތައް ނިންމޭ ވަރަކުން ސަލްމާނަށް ކަމުދޭތޯ ބަލަން އަޑުއަހާލަން ފޮނުވަ އެވެ. އަދި ސަލްމާނަށް ކަމުގޮސްފި ނަމަ ވަރަށް ރަނގަޅޭ އަބަދުވެސް ބުނެ އެވެ. އެހެންކަމުން ފިލްމުގެ އެ ލަވައަށް އޭނާގެ އަމިއްލަ ވާޝަން އެއް ތައްޔާރުކުރުމަކީ އެ ލަވަ އޭނާޔަށް ވަރަށް ކަމުދިޔަ ކަމުގެ ހެއްކެއް ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ. ނަމަވެސް ސަލްމާން އޭނާގެ ލޯބިވެރިޔާއާ އެކު މި ލަވަ ކިޔައި ރެކޯޑްކުރުމަށް ޚިޔާލުކޮށް އެފަދަ ކަމެއް ކުރީތީ ވިޝާލް-ޝޭކަރް ވަނީ ވަރަށް ހައިރާންވެފަ އެވެ.