މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ: ބޮޑު ސިއްރު

ބުދަ ދުވަހާ ގުޅޭ

"އަސްލު ކޮބާ މައްސަލައަކީ؟" ޖީޒާ ސުވާލުކުރިއެވެ.

އެ ސުވާލުގެ ޖަވާބުދޭން ރާމިޒާ އަނގަ ހުޅުވައިލިހެން ވެސް ޖީޒާއަށް ހީވިއެވެ. އެކަމަކު، ހަމަ އެ ވަގުތު ރާމިޒާގެ ހިޔާލު ބަދަލުވި ކަހަލައެވެ.

"މި ބުނީނު! ކުއްލިއަކަށް އޭނަގެ ބައްޕަ ނިޔާވީމަ އޭނަ މާ ބޮޑަށް ދެރަވީ،" ރާމިޒާ ޖަވާބުދިނެވެ. "މާ ބޮޑަށް އޭނަ އެކަނިވަނީ. ހަސްނާ މީހަކާ ދެވުން ނޫން ހައްލެއް އަހަންނަކަށް ހަމަ ނުފެނޭ."

ޖީޒާއަކަށް އެ ވާހަކަތަކެއް ހަމައެއް ނުޖެހެއެވެ. އެއް ވާހަކަ އަނެއް ވާހަކައަކާ ދިމައެއް ނުވެއެވެ. އެކަމަކު، ރާމިޒާއަކީ ޖީޒާގެ އެންމެ ގާތް އެކުވެރިޔާއެވެ. ޖީޒާއަކަށް ރާމިޒާ އޮޅުވައެއް ނުލާނެއެވެ. ދޮގެއް ނަހަދާނެއެވެ. ޖީޒާ ހިތުގެ އަޑިން ޔަގީންކުރާ ގޮތަކީ އެއީއެވެ.

"އެކަމަކު މީހަކާ ދެވޭނީ ހަސްނާއަށް ކަމުދާ މީހަކު ވެސް ފެނިގެނެއްނު!" މައްސަލަ ތަހުގީގުކުރުމުގެ ބަދަލުގައި، ރާމިޒާ ބޭނުންވާ މިސްރާބަށް ޖީޒާ ވާހަކަ ދީލައިލިއެވެ. "ހަސްނާއަކީ ގެއިން ނުކުންނަ ކުއްޖެއް ނޫން. މީހަކާ ވާހަކަދައްކާ ކުއްޖެއް ނޫން."

"ހަސްނާ މީހަކާ ވާހަކަނުދެއްކިޔަސް ހަސްނާޔާ ވާހަކަދައްކަން ބޭނުން ނުވާނީ ކާކު؟" ފުންކޮށް ވިސްނަމުން ރާމިޒާ ބުންޏެވެ. "ރިއްފަތު ރަނގަޅުވާނެ. އަހަންނަށް ހީވޭ ހަސްނާއަށް ވެސް ރިއްފަތު ކަމުދާހެން."

ރިއްފަތަކީ، ހަސްނާގެ ގޭ ކުރިމަތިން ކަހަލަ ގޮތަކަށް ހުންނަ ގޭގައި އުޅޭ، ހަސްނާޔާ ދާދި އެއް އުމުރެއްގެ ޒުވާނެކެވެ. ޒިންމާދާރުވެފައި، ސިފަ ވެސް ރީއްޗެވެ. އޭނަ ބޮޑުވީ ރާމިޒާގެ ލޯ ކުރިމަތީގައެވެ. އެ އާއިލާ ވެސް ރާމިޒާ ދަނެއެވެ. ފެންވަރުގެ ގޮތުން ބަލާ އިރު ވެސް ހަމަހަމައެވެ. ރިއްފަތަށް ހަސްނާ ރީތިވެގެން އުޅޭ ވާހަކަ، ރިއްފަތުގެ މަންމަގެ ފަރާތުން ރާމިޒާއަށް އޮތީ އެނގިފައެވެ. އެކަމަކު ރިއްފަތަކީ، ލަދުރަކި ގޮތެއް ހުންނަ ކުއްޖެކެވެ. ލޯބިވާ ވާހަކަ ބުނަން ރިއްފަތަށް ނުކެރެނީއެވެ. ނަފުސާނީ ގޮތުން ހަސްނާއަށް ކުރިމަތިވެފައިވާ މައްސަލައަކީ، ދުރުން ބަލާ މީހަކަށް ފަރުދާވެފައިވާ ސިފައެކެވެ. އެއަކުން ހަސްނާގެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. ރާމިޒާ އުންމީދުކުރަނީ، ބައްޕަ ވަކިވުމުން ހަސްނާގެ ހިތަށް ވެރިވި ފަޅުކަން ރިއްފަތު ފިލުވައިދޭނެކަމަށެވެ. ރިއްފަތަކީ "ހުރިހާ މައްސަލައެއްގެ" ހައްލަކަށް ވާނެކަމުގައެވެ.

ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ރާމިޒާ ގެއަށް ވަން އިރު ގޭތެރެ އޮތީ ފަޅުކޮށެވެ. ހަމަހިމޭންކޮށެވެ. އެކަަމަކު، ހަސްނާ ގިސްލާ އަޑު، ވަރަށް މަޑުމަޑުން އިވިއިވި ހުއްޓެވެ. ރާމިޒާ ގޮސް ހަސްނާ ކޮޓަރީގެ ދޮރު ކައިރިއަށް ހުއްޓުނު އިރު ދޮރު ހުރީ ރަނގަޅަށް ނުލެއްޕިއެވެ. ހަސްނާ އިނީ އެނދު ކަނުގައި ކުރުގެޅިގެންނެވެ. ވެގެން ވަންޏާ އެ ވަގުތުން އެ ވަގުތަށް ވެސް ހަސްނާ މީހަކާ ދެވަން ރާމިޒާ ބޭނުމެވެ. އެހެނަސް އެއީ އެ ގޮތަށް ކުރެވޭނެ ކަމެއް ނޫނެވެ. ހަސްނާގެ ރުހުމާ ނުލައި ކުރެވޭނެ ކަމެއް ވެސް ނޫނެވެ. ޖީޒާގެ އެހީޔާ އެކުގައި ރާމިޒާ އިހުތިޔާރުކުރީ ދިގުމަގެވެ.

އަޖުވަދު ނިޔާވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. ގޭގައި ކެއްކުންތައް ކައްކައި، ސައި ތައްޔާރުކޮށް، މީހަކަށް ދައުވަތު ދޭން މާ އަވަހެވެ. އެހެންކަމުން، ފަހާފޮށީގެ ރޮދި މައްސަލަޖެހިގެން ކަމަށް ހަދައިފައި ހާނިމާ ގެއަށް ގެނައެވެ. ހާނިމާއަކީ ރިއްފަތުގެ މަންމައެވެ. ފަހާ މީހެކެވެ. ފަހާފޮށީގެ ކުދިކުދި މައްސަލަ ހައްލުކުރަން ވެސް ހާނިމާއަށް އެނގެއެވެ. ހާނިމާ ގެއަށް އައިސް ބެލި އިރު ފަހާފޮށީގެ ރޮއްޖަކު މައްސަލައެއް ނެތެވެ. އެހެނަސް، އެ ކަމުގައި އުޅުމުގެ ތެރޭގައި ހަސްނާގެ ވާހަކަ ނެގުނެވެ. ނެގުނީކީ ނޫނެވެ. ހާނިމާ ލައްވައި ނެގުވީއެވެ. އަޖުވަދު ނިޔާވުމުން ހަސްނާ ދެރަވެގެން އުޅޭ ވާހަކައާއި، އެކަނިވެގެން އުޅޭ ވާހަކައާއި، އެ ކަމާ ރާމިޒާ ފިކުރު ބޮޑުވެގެން އުޅޭ ވާހަކަ ވެސް ދެކެވުނެވެ.

"ދެން ހަސްނާ މީހަކާ ދެވަންވީނު!" ރާމިޒާ ބޭނުންވި ވާހަކަ ހާނިމާ އިސްވެ ބުންޏެވެ. "ގޭތެރެ ވެސް މިހާރު މާ ފަޅުކޮށް މި އޮންނަނީ."

ކުއްލިއަކަށް އެ ކަމަށް ތާއީދުކުރާކަށް ރާމިޒާ ނޫޅެއެވެ. ރާމިޒާ ބޭނުންވީ ހުރިހައި ވާހަކައެއް ހާނިމާ ލައްވައި ދައްކުވާށެވެ. "އޭނަ މިހާރު ބޭނުމެއް ނޫން ބޭރަށް ނުކުންނާކަށް ވެސް،" ރާމިޒާ ދައްކަން ތައްޔާރުވެގެން ހުރި ވާހަކަ ފެށުނެވެ. "ދެން ކާކު ހަސްނާޔާ އިންނާނީ؟"

ރާމިޒާ ބޭނުންވި ޖަވާބެއް ހާނިމާ ނުދިނެވެ. ހާނިމާގެ ވާހަކަ ހުރީ މުޅީން އެހެން ގޮތަކަށެވެ.

"އިރާދަކުރެއްވިއްޔާ އަދި ރަނގަޅުވާނެ،" ހިތްވަރުދޭ ރާގެއްގައި ހާނިމާ ބުންޏެވެ. "ހިސާބުގަނޑުގަ ވެސް ރަނގަޅު ކުދިން އެބަ އުޅެއެއްނު!"

ރާމިޒާ މަސައްކަތް ހުއްޓައެއް ނުލައެވެ. ހަވީރު ގަޑީގައި ސައި ހަދައިފައި ވެސް ހާނިމާ ގެއަށް ގެންނަން ފެށިއެވެ. ގުޅުން ބަދަހިކުރަން ފެށިއެވެ. މަޑުމަޑުން، ލަސްލަހުންނެވެ. ހަސްނާ ވެސް ކޮޓަރިން ނެރެ ސައިގައި ބައިވެރިކުރަން ފެށިއެވެ. ފުރަތަމަ އެ ކަން ކުރީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.

ކުޅިފާރޮށި ހެދުނު ދުވަހަކު، ރިއްފަތަށް ކުޅިފާރޮށި މީރު ވާހަކަ ހާނިމާއަށް ބުނެވުނެވެ. ދެން ކުޅިފާރޮށި ހެދި ދުވަހު ހާނިމާ އައީ ރިއްފަތު ވެސް ގޮވައިގެންނެވެ. ގެއަށް ވަންނަން ބޭނުންވެފައި ހުރި ރިއްފަތަށް ލިބުނީ ރަނގަޅު ބަހަނާއެކެވެ. ރިއްފަތު ފެނިފައި ހަސްނާ ސިއްސައިގެން ގޮސް ލޯބި އޮހިގަތް ތަނެއް ރާމިޒާއަކަށް ނުފެނުނެވެ. ރިއްފަތަށް ބަލައި، ހިނިތުންވި ތަނެއް ވެސް ނުފެނުނެވެ. އެކަމަކު، ކޮންމެވެސް ވަރަކަށް ގަޔާވިހެން ރާމިޒާއަށް ހީވިއެވެ.

ރާމިޒާގެ އެއްވެސް ބާރުއެޅުމަކާ ނުލައި، މަޑުމަޑުން ފެވެމުން ގޮސް ހަސްނާގެ ހިތުގައި ރިއްފަތުގެ ނަން ފެވުނު އިރު، އަޖުވަދު ނިޔާވިތާ އަހަރެއް ވެއްޖެއެވެ. ހަސްނާ ދެކެ ރިއްފަތު ވަރަށް ލޯބިވެއެވެ. ރިއްފަތު ދެކެ ހަސްނާ ރުޅިއެއް ނާދެއެވެ. ހަސްނާ ދެކޭ ހިތުން ރިއްފަތު ހުންނަނީ މޮޔަވެފައެވެ. ރިއްފަތު ނުފެނުނަކަސް ހަސްނާއަށް މައްސަލައެއް ނެތެވެ. ކަން އޮތީ އެހެންނެވެ. ރާމިޒާ އުންމީދުކުރީ ވެސް އެ ވަރެވެ. ހަސްނާއަށް ދިމާވި ކަންތައްތަކާ ބަލައިފައި ރާމިޒާއަށް އެ ވަރު ފުދެއެވެ.

ގޭގައި ކުލަގަދަ ހަފުލާއެއް ބާއްވައިފައި ރިއްފަތާއި ހަސްނާގެ ކައިވެނިކުރެވުނެވެ. އެއީ، ދުވަސްތަކަކަށް ފަހު ގެއަށް އައި އުފާވެރި އީދެކެވެ. ހަސްނާގެ އުމުރަކީ ފަނަރަ އަހަރެވެ. އެއީ ފޮޓޯނެގުން ފަސޭހަ ޒަމާނެއް ނޫނެވެ. ކޮންމެ ކޮންމެ މީހެއް އަތަކު ކެމެރާއެއް ނޯވެއެވެ. ފޮޓޯ ނަގަންޏާ ކެމެރާއަށް ފިލްމު ލައްވަންޖެހެއެވެ. ފަހުން ފިލްމު ސާފުކުރަން ޖެހެއެވެ. އެ ހުރިހާ ކަމަކާ ހަވާލުވީ ފާއިޒެވެ. ފޮޓޯނަގާ މީހަކު ގެނެސް، ފޮޓޯނަގަންވާ ގޮތް ކިޔައިދިނީ ވެސް ފާއިޒެވެ.

ކައިވެންޏަށް ފަހު ހަސްނާގެ ދިރިއުޅުމަށް އެދެވޭ ބަދަލެއް އައެވެ. ތުންފަތުން ކުލަ ފަނޑުވެފައިވާ ހިނިތުންވުމަށް އަލި ރަތްކުލައެއް ވެރިވެގެންދިޔައެވެ. އެއީ ރާމިޒާ އުންމީދުކުރި ގޮތެވެ. އަބަދުވެސް ހަސްނާއާއި ރިއްފަތު އުޅެނީ އެކުގައެވެ. އެ ދެމެދުގައި އުފެދިފައިވަނީ ވަރުގަދަ ދަމާބާރެކެވެ. ރާމިޒާ ކުރިން ބުނި ވާހަކަ ޖީޒާއަށް ގަބޫލުކުރެވުނެވެ. ހަސްނާގެ ހުރިހައި ވެސް މައްސަލައަކީ ބައްޕަ ވަކިވެގެންދިޔުމެވެ. އެ ލޯބިން މަހުރޫމުވުމެވެ. ރިއްފަތު އައުމުން އެ ހުސްތަން ފުރުނީއެވެ.

ކައިވެންޏަށް ހައެއްކަ މަސް ފުރުނު ތަނާ، ރިއްފަތު އިންޑިޔާއަށް ފުރަން ޖެހުނެވެ. ރިއްފަތުގެ ބައްޕަ ބަލިވެގެން ބައްޕަޔާ އެއްކޮށެވެ. އެ ދަތުރުގައި ބައިވެރިވާން ހަސްނާ ބޭނުންވިއެވެ. އެކަމަކު، ކަންދިމާވި ގޮތުން ހަސްނާއަށް ޕާސްޕޯޓު ނުހެދުނީއެވެ. މަޑުކުރެވެން ނެތިގެން ރިއްފަތު ފުރަންޖެހުނީއެވެ. ދަތުރު ފަސްކޮށް، ދުވަސް ބަދަލުކުރަން ރާމިޒާ ވަރަށް މަސައްކަތް ކުރިއެވެ. ރިއްފަތު ނުގޮސް ފަރުޖެއްސޭތޯ ވެސް ބެލިއެވެ. އެއް ކަމެއް ވެސް ކާމިޔާބެއް ނުވިއެވެ. ކުރިން ސުރެ ރާމިޒާ ރާވައިފައިވާ އުމުރާ ދަތުރު ވެސް ދިމާވީ އެ ދުވަސްވަރާއެވެ. ދެ ދަތުރުން ކުރެ އެއްވެސް ދަތުރަކަށް ބަދަލެއް ނުގެނެވުނެވެ.

ރިއްފަތު ފުރިއެވެ. ކުރަން ދިޔަ ކަންތައް ނިންމައި ރިއްފަތަށް މާލެނާދެވެނީސް ރާމިޒާ ފުރަން ޖެހުނެވެ. ފުރަތަމަ މާލެއާދެވުނީ ރިއްފަތަށެވެ. ރާމިޒާ މާލެއައި އިރު ގޭތެރޭގެ މަސްރަހު އޮތީ ބަދަލުވެފައެވެ. ރިއްފަތާއި ހަސްނާ ވާހަކައެއް ނުދައްކައެވެ. ދެމެދުގައި ކުރިން އޮތް ގުޅުމެއް ނެތެވެ. ލޯތްބެއް ނެތެވެ. ރިއްފަތު ބަލަނީ ވީހާ ވެސް ގިނަ ވަގުތު ގެއިން ބޭރުގައި އުޅެވޭތޯއެވެ. ރާމިޒާ ބިރުގަތްކަމަކީ އެއީއެވެ. ދެމަފިރިންނަށް ނަސޭހަތްދީ، ކައިވެނި ސަލާމަތް ނުކުރެވިގެން ރާމިޒާ އުޅެނިކޮށް ރިއްފަތު ގެއަށް ބަދަލުވެއްޖެއެވެ. ރިއްފަތުގެ ގެ ހުންނަނީ ހަސްނާ ގޭގެ ކުރިމަތީގައެވެ. ދެތިން ފިޔަވަޅު ދުރުމިނުގައެވެ. ރިއްފަތާ ވާހަކަދައްކަން ރާމިޒާ އެ ގެއަށް ދިޔައެވެ. ހާނިމާގެ ހާޒިރުގައި މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރިއެވެ. ވާހަކަދައްކަން ރިއްފަތު އެއްބަސްކުރުވަން ޖެހުނީ ވެސް ގަދަކަމުން ކަހަލަ ގޮތަކަށެވެ.

"ކޮބާ މައްސަލައަކީ؟" ރާމިޒާ ސުވާލުކުރިއެވެ.

"... ހަސްނާ ކައިރީގަ އަހާ!" ވަރަށް މަސައްކަތުން ރިއްފަތު ޖަވާބުދިނެވެ.

"ދެން ބުނެބަލަ ދަރިފުޅާ!" ހާނިމާ ވެސް ބާރުއެޅިއެވެ. "ކައިވެންޏަށް އަދި އަހަރު ނުވޭ! މިހާ އަވަހަށް ތިހާ ބޮޑު މައްސަލައެއް ޖެހެންވީ ކީއްވެ؟ ގޭގެ އެހެން މީހަކާ މައްސަލައެއް ޖެހުނީތަ؟ ހަސްނާ މި ގެއަށް ގެންނަންވީނު."

ރިއްފަތު ޗޮކެއްކަނޑައިލިއެވެ.

"މި ދުވަސްކޮޅު ބައްޕަ ވެސް ބަލިވެ އެ އުޅެނީ،" ހާނިމާ ބުންޏެވެ. "ތި ކަމާ ވިސްނީމަ ބައްޕަ ހައްތަހާ ... ބައްޕަ ގަދަވަންދެން އިހަށް އެ ގެއަށް ދާންވީނު."

ރިއްފަތު އަނެއްކާ ވެސް ޗޮކެއްކަނޑައިލިއެވެ.

"ހިނގާ ހަސްނާ ވެސް ބައިންދައިގެން ވާހަކަދައްކަމާ!" ހާނިމާ އެހެން ގޮތެއް ހުށައެޅިއެވެ.

"ބައްޕަ ބޭސްކާ ގަޑިޖެހެނީ!" ކުއްލިއަކަށް ތެދުވެފައި، ހިނގައިގަންނަމުން ރިއްފަތު ބުންޏެވެ.

ރާމިޒާއަށް ރިއްފަތުގެ އަތުގައި ހިފުނީހެވެ. އޭނަގެ ވިސްނުން ބަދަލުކުރަން އިތުރަށް ވާހަކަދެއްކުނީހެވެ. އެކަމަކު، އެ ކަން ނުކުރެވޭނެކަން ރާމިޒާއަށް އެނގެއެވެ. ހާނިމާއަށް އަސްލު މައްސަލަ ރިއްފަތު ނުކިޔައިދޭ ހެއްޔެވެ؟ އެ ވާހަކަދައްކަން ހާނިމާ ފަސްޖެހެނީ ހެއްޔެވެ؟ އޭގެ ޖަވާބެއް ވެސް ރާމިޒާއަކަށް ނޭނގެއެވެ. ކޮންމެ އާއިލާއެއްގައި ވެސް ބޮޑު ސިއްރެއް އޮވެއެވެ. އެތައް މައްސަލައެއްގެ ހައްލަކީ އެއީއެވެ. ދައްކަން ބޭނުން ނުވާ ވާހަކައަކީ ވެސް އެއީއެވެ. ރާމިޒާ ގެއަށް ދިޔަ ތަނާ ފޯނެއް އައެވެ.

"ހަސްނާ ވަރިކޮށްފި!" ހާނިމާ ބުންޏެވެ.

-ނުނިމޭ-

1 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 10%
icon angry icon angry 30%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަގުޑި

07 June 2021

ޢެއޮތީ ވަރިކޮށްފަ ދެން ނިމުނީނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454