މުނިފޫހިފިލުވުން / ވާހަކަ

ބޮޑު ސިއްރު

އާދިއްތަ ދުވަހާ ގުޅޭ

"ހަސްނާ ވަރިކޮށްފި!" ހާނިމާ ބުންޏެވެ.

ރާމިޒާ ސިއްސައިގެނެއް ނުދިޔައެވެ. ސުވާލެއް ނުއުފެދުނެވެ. އެއީ ނައިސް ނުދާނެ ދުވަހެއްކަން ރާމިޒާއަށް އެނގޭ ކަހަލައެވެ. ހާނިމާ އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމަކު ހާނިމާ ހީކުރީ ރާމިޒާ އެތައް ސުވާލެއް ކުރިމަތިކުރާނެކަމަށެވެ. އިރުކޮޅަކު ފޯނު ހިފައްޓައިގެން ހުރެފައި ރާމިޒާ ފޯނު ބޭއްވިއެވެ. ފުން ނޭވައެއް ބޭރުކޮށްލިއެވެ. ހިތަށްއެރިއެވެ. ކައިވެނިކޮށްފައި ރިއްފަތުގެ ގެއަށް ހަސްނާ ފޮނުވުނު ނަމަ ކައިވެނި ސަލާމަތްކުރެވުނީސް ބާއެވެ؟

ކައިވެންޏަށް އަހަރު ނުވަނީސް ހަސްނާ ވަރިކުރީ ކީއްވެގެން ހެއްޔެވެ؟ އާއިލާ އެތައް ބަޔެއްގެ ހިތުގައި އެ ސުވާލު އުފެދުނެވެ. ޖީޒާ ވެސް އެ ސުވާލުކުރިއެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ؟ ކޮންމެވެސް ސަބަބެއް ދައްކަން ރާމިޒާއަށް މަޖުބޫރުވިއެވެ. މީހުންގެ އަނގަމަތީގައި އަތް އެޅުމަށް ޓަކައެވެ.

"އަބަދާއަބަދު ރޯ މީހަކާ އިނދެގެން ކިހިނެއް އުޅޭނީ؟" ރާމިޒާ ސުވާލު އުފެއްދިއެވެ. "ރިއްފަތަށް ވެސް ވަކި ވަރަކަށް ކެތްކުރެވޭނީ. ބައެއް ރޭރޭ ދަންވަރު ދޭއްޖަހާ އިރު ވެސް ރުއިންގަނޑު މައިތިރިއެއް ނުވޭ!"

"އެކަމަކު އިންތާ ކައިރީގަ ހަސްނާ އެހާ އުފާވެފަ ހުރީ ކީއްވެބާ؟" ޖީޒާ ވެސް ސުވާލެއް އުފެއްދިއެވެ.

"ތީތާ އަހަންނަށް ވެސް ނުވިސްނިގެން މި އުޅޭ އެއްޗަކީ." ރާމިޒާ ޖަވާބުދިނެވެ.

މީހުންނަށް ރަނގަޅު ޖަވާބެއް ލިބުނެވެ. ސުވާލުކުރުން ހުއްޓައިލިއެވެ. އެކަމަކު، މައްސަލަ އެ ހިސާބުން އަދި ކިރިޔާ ފެށުނީއެވެ. ހަސްނާ ބަނޑުބޮޑެވިއެވެ. އާދަޔާ ހިލާފަށް ހޮޑުލާން ފެށިއެވެ. އެއްޗެއް ނުކެވެއެވެ. އަނެއްކޮޅުން، ރިއްފަތެއް ނާދެއެވެ. ކުރިމަތީގައި ގެ ހުންނަ އިރު ވެސް ވެހެވެ. ރިއްފަތު އާއިލާގެ މީހަކު ވެސް ހަސްނާގެ ހާލު ބަލައެއް ނުލައެވެ. ބޮޑު ސިއްރު ފަޅާއެރީކަން ރާމިޒާއަށް ޔަގީންވާން ފެށީ އެ ހިސާބުންނެވެ. އެ ލަދުވެތިކަން ހިލިހިލާގަނޑަކަށް ބަދަލުވެ، ރާމިޒާގެ ދެފައި ބަނދެލިއެވެ. ރިއްފަތުގެ ގެއަށް ވަނުން ރާމިޒާ ހުއްޓައިލިއެވެ. އެ އާއިލާ މީހުންނާ ހަތަރުކަޅި ހަމަކުރަން ވެސް ރާމިޒާ ފަސްޖެހުނެވެ. މީހަކު އެއްޗެއް ބުނެގެނެއް ނޫނެވެ. އެއީ، ހީއެއްގެ މައްޗަށް ރާމިޒާ ބިނާކުރި ފާރެކެވެ.

މާބަނޑުވުމަކީ، އަންހެނެއްގެ ހަޔާތަށް ބޮޑު ބަދަލުތަކެއް އަންނަ ކަމެކެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ ހިމާޔަތަށް ޓަކައި، ބޭނުން ކިތަންމެ އެއްޗެއް ނުކައި ދޫކޮށްލަން ޖެހެއެވެ. ބޭނުން ނޫން ކިތަންމެ އެއްޗެއް ކާން މަޖުބޫރުވެއެވެ. ބަނޑުބޮޑުވަމުން އަންނަ އިރު، ކޮންމެކޮންމެ ގޮތަކަށް އޮށޯވެގެނެއް ނޯވެވެއެވެ. އިށީނދެގެނެއް ނީނދެވެއެވެ. ދަރިފުޅުގެ ރައްކާތެރިކަމަށް ވިސްނަން ޖެހެއެވެ. އެކަމަކު، ހަސްނާގެ ފަރާތުން ފެނުނީ އެ މަންޒަރެއް ނޫނެވެ. ބަނޑުގައި އޮތް ދަރިފުޅު ހަސްނާއަށް މުހިންމު ނޫން ކަހަލައެވެ. މާބަނޑުކަން އަބަދުވެސް އޮންނަނީ ހަސްނާއަށް ހަނދާންކޮށްދޭން ޖެހިފައެވެ. ކުޑަދަރިފުޅަށް ރަނގަޅަކަށޭ ކިޔައިފައި ހަސްނާ އެއްވެސް ކަމެއް ނުކުރެއެވެ. ތަނަކަށް އަރަން ޖެހުނަސް، ތަނެއްގައި ހުރެފައި ފުންމައިލަން ޖެހުނަސް ހަސްނާ ޖެހިލުމެއް ނުވެއެވެ. ޑަކުޓަރަށް ދައްކަން ޖެހޭ ދުވަސްތައް ވެސް ހަނދާންބަހައްޓަން ޖެހެނީ ރާމިޒާއެވެ. ރިއްފަތު އެންމެ ފަހަރަކު ވެސް ނުގުޅައެވެ. ވާނުވާއެއް ނުބަލައެވެ.

ހަސްނާގެ ބަނޑަށް އަށް މަސް ފުރުނު އިރު ހަސްނާގެ ރުޅި އަބަދުވެސް ހުންނަނީ ސަތޭކައިގައެވެ. ފަށަނީ ސަތޭކަ އެކަކުންނެވެ. ވާހަކަދައްކާ އިރު ހީވަނީ ހަސްނާ ދައްކާ ވާހަކަ، ބަނޑުގައި އޮންނަ ދަރިފުޅަށް އިވޭނެހެންނެވެ. އެ ކުއްޖާފުޅަކީ ކުށްވެރިއެއްހެންނެވެ. ހަސްނާގެ އަޑު ގަދަވެގެން ރާމިޒާ ވަންނަ އިރު ހަސްނާ އިންނާނީ ލޯގަނޑުން ބަނޑަށް ބަލަހައްޓައިގެންނެވެ.

"ކިތައް ފަހަރު ބުނެފިން ތަދުވެޔޭ މައިތިރިވެގެން އޮންނާށޭ!" ރާމިޒާ ވަން ވަގުތު ހަސްނާ ބުންޏެވެ. "އެއްފަހަރު ފައިން ޖަހާނެ. އަނެއް ފަހަރު ބޮލުން ޖަހާނެ. ގޮސް ކަލޭ ބައްޕައަށް ތި ހުރިހާ ޖެއްސުމެއް ކޮށްބަލަ!"

"އެކަމަކު ދަރިފުޅާ!" ހަސްނާގެ ރުޅި މައިތިރިކުރަން ރާމިޒާ މަސައްކަތް ފެށިއެވެ. "ތިހެން ކިޔާކަށް ނުވާނެއްނު! މަންމަގެ ބަނޑުގަ ދަރިފުޅު އޮތް އިރު ދަރިފުޅު ވެސް އެ ހުރިހާ ކަމެއް ކުރިޔޭ! އެކަމަކު މަންމަ ތިހާ ރުޅިއެއް ނާދެޔޭ!"

ހަސްނާ ގޮށްމުށްކަވައިލިއެވެ. ލޯގަނޑުގައި ތަޅަން ފެށިއެވެ. ރާމިޒާ އަވަހަށް އައިސް ހަސްނާގެ އަތުގައި ހިފޭއްޓިއެވެ. ލޯގަނޑު ތަޅައިގެން ހިނގައިދާނެތީއެވެ. އެ ވަރުން ވެސް ލޯގަނޑުގައި ރެނދުލިއެވެ.

"އަހަންނަކީ މި ކަހަލަ ދަރިޔެއްތަ؟" ރާމިޒާގެ އަތް ފޮޅުވައިލައިފައި، ބަނޑަށް އިޝާރާތްކުރަމުން ހަސްނާ ހަޅޭއްލަވައިގަތެވެ.

"ދަރިފުޅު ކީއްވެގެންތަ ތިހާ ރުޅިއަންނަނީ؟" ރާމިޒާ ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. "ތިހެން ބުނާކަށް ލަދެއް ނުގަނޭތަ؟"

"މަންމަ ކީއްވެގެންތަ ނޭނގޭކަމަށް ހަދަނީ؟" ހަސްނާގެ އަޑު ކުރިޔަށް ވުރެ ބާރުވިއެވެ. "މަންމަ ލަދެއްނުގަނޭތަ؟ ބައްޕަ ހުރި ނަމަ ލާހިކެއް ނޫން އަހަންނަށް މިހެން ވާކަށް. ބައްޕާ! ބައްޕާ!"

ހަސްނާ ރޯން ފެށިއެވެ. ރާމިޒާ ނިކަން ލޯބިން ހަސްނާ ގައިގައި ބައްދައިލިއެވެ. ހިތްވަރުދިނެވެ. ކޮށްދެވޭނެ އިތުރު ކަމެއް ނެތެވެ. ދުނިޔޭގެ ލަދަށް ޓަކައި ރާމިޒާ އިހުތިޔާރުކުރީ ހަނުހުރުމެވެ. ރުއިމުގައި ރާމިޒާ ބައިވެރިވިއެވެ. އެ ވަރުން ނުފުދޭނެކަން އެނގިހުރެއެވެ. އެ ވަގުތު ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. ހަސްނާ ހަމައަކަށް އަޅުވައިފައި ރާމިޒާ ގޮސް ދޮރު ހުޅުވައިލި އިރު ދޮރުމަތީގައި ހުރީ ނަސީމެވެ. ނަސީމަކީ އަޖުވަދުގެ ދޮންބެއެވެ. ހަސްނާގެ ބޮޑުބޭބެއެކެވެ. ސިފައިންގެ މީހެކެވެ. އޭރު ވެސް އޭނަ ހުރީ ރަސްމީ ޔުނީފޯމުގައެވެ. ހަސްނާ ދެކެ ނަސީމު އަބަދުވެސް ވަރަށް ލޯބިވެއެވެ. ހަދިޔާ ގެނެސްދެއެވެ. ނަސީމުގެ ދަރިން ތިއްބަސް، އެ ކުދިންނަށް ވުރެ ބޮޑަށް ނަސީމު ލޯބިވަނީ ހަސްނާ ދެކެއެވެ. ހުންނަލެއް ލޯބިކަމުން، ފެންނަ ކޮންމެ މީހެއްގެ ހިތުގައި ހަސްނާގެ ފިޔަވަޅު ހަރުލައެވެ.

"ހަސްނާ ކިހިނެއް؟" ނަސީމު ސުވާލުކުރިއެވެ.

ރާމިޒާ ވަކި ޖަވާބެއް ނުދެއެވެ. ބޮލުން ހަސްނާއަށް އިޝާރާތްކޮށްލައިފައި ރާމިޒާ ނުކުމެގެން ދިޔައެވެ. އަތުގައި އޮތް ކޮތަޅު އެނދުމަތީގައި ބަހައްޓަމުން އެނދުގައި ނަސީމު އިށީނެވެ. އެ ވަގުތު ހަސްނާއަށް އުނދަގޫވިއެވެ. ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ހިތްވަރުދޭން ބުނާނެ ވަކި އެއްޗެއް ނަސީމަކަށް ނޭނގެއެވެ.

"ހަސްނާއަށް އާފަލު ވަރަށް މީރެއްނު!" ކޮންމެވެސް އެއްޗެއް ބުނުމުގެ ބޭނުމުގައި ނަސީމު ބުންޏެވެ. "ހުންނާނެ މުރާތްކާ ޖޭމު ވެސް. ތިހެން ރޯން ނީނދެ ހިނގާބަލަ ހިނގާލަން ދާން."

ހަސްނާ ޗޮކެއްކަނޑައިލިއެވެ. އެއްވެސް މީހަކާ ވާހަކަދައްކާކަށް ހަސްނާ ބޭނުމެއް ނޫނެވެ.

"ދެން ހިނގާބަލަ!" ހަސްނާގެ އަތުގައި ހިފަމުން ނަސީމު ބުންޏެވެ.

އެ ވަގުތަކީ ފާއިޒު ދޮރުމައްޗަށް ހުއްޓުނު ވަގުތެވެ. ނަފުރަތުގެ ނަޒަރަކުން ނަސީމާ ދިމާއަށް ފާއިޒު ބަލައިލިއެވެ. ހަސްނާ އިނީ އިސްޖަހައިގެންނެވެ. ނަސީމު ތެދުވިއެވެ. ފާއިޒާ ދިމާއަށް ނަސީމު ވެސް ބެލީ ކުލުނުގެ ނަޒަރަކުން ނޫނެވެ. އެހެނަސް، އެއްޗެއް ނުބުނެ ނަސީމު ނުކުމެގެން ދިޔައެވެ. ލޯމަތިން ގެއްލެންދެން ނަސީމާ ދިމާއަށް ފާއިޒު ބެލިއެވެ.

ލިބެން އުޅޭ މާމަދަރިޔަށް ބާޒާރުކުރަން ރާމިޒާ ނުކުތް ދުވަހެކެވެ. އެކުގައި ހަސްނާ ގެންދިޔައެވެ. އޭނަގެ ރުހުމަކު ނޫނެވެ. އެއްވެސް ފިހާރަޔަކުން ހަސްނާ ގަޔާވާ ކަހަލަ ފޮތިކޮޅެއް ފެނުނުކަމަކަށް ނުވިއެވެ. ބޭބީކޮޓްންގެ ކިތަންމެ މަޑު ފޮތިކޮޅެއް ދެއްކިޔަސް ހަސްނާ ކަނޑައިލަނީ ޗޮކެކެވެ.

"މިހާރު ކިތައް ފިހާރަޔަށް ވަދެވިއްޖެ؟" ޝަކުވާގެ ރާގެއްގައި ރާމިޒާ ބުންޏެވެ. "މަންމަ ބުނަން ރަނގަޅު ވާހަކައެއް ދަރިފުޅާ! އަމިއްލަ ދަރިފުޅު ދެކެ ތިހާ ފޫހިވާކަށް ނުވާނެ. ކޮބާ އޭނަގެ ކުށަކީ؟"

"ކޮބާ އަހަރެންގެ ކުށަކީ؟" ނަސީބަކުން ހަސްނާ އެހެން ބުނީ ތަންކޮޅެއް މަޑުންނެވެ. "ކޮބާހޭ އަހަރެން ކުރި ކުށަކީ؟"

ރާމިޒާ އިސްޖަހައިލިއެވެ. މާ އަޑުގަދަވެދާނެތީ އެ ފިހާރައިން ނުކުންނަން ހިނގައިގަތެވެ. ހަސްނާ އެ ބުނީ ކީކޭކަން ރާމިޒާއަށް ވިސްނެއެވެ.

"މަންމަ ލޯބިވާ ވަރަށް ވެސް ތި ކުއްޖާ ދެކެ ދަރިފުޅު ލޯބިނުވޭ!" މަގުމައްޗަށް ނުކުމެފައި ރާމިޒާ ބުންޏެވެ.

"އަހަރެން މަންމައަށް ކުއްޖާ ދީފާނަމޭ!" ފަސްފަހަތުން އައިސް ރާމިޒާޔާ އަރައި ހަމަކޮށްފައި ހަސްނާ ބުންޏެވެ. "އަހަންނަކަށް ނޭނގޭނެ ކުދިން ބަލާކަށް. އެނގުނަސް، މި ކުއްޖާ ބަލާކަށް ބޭނުމެއް ނޫން."

ވިއްސާރަ މޫސުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ހަސްނާ ވިހެއެވެ. ލިބުނީ އަންހެންކުއްޖެކެވެ. ހަމަ ހަސްނާ ކަހަލަ ލޯބިލޯބި ކުއްޖެކެވެ. ކުލަޔާއި ސިފަ ވެސް ވަރަށް އެއްގޮތެވެ. އެކަމަކު، ހަސްނާއާއި ރާމިޒާ ދެމައިންކުރެ އެކެއްގެ ތުންފަތަކަށް ވެސް އުފާވެރިކަމެއް ވެރިއެއް ނުވިއެވެ. ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ވިހެއުމާއެކު ހަސްނާގެ މޮޔަކަން އިތުރުވީމައެވެ. ކިޔޭނުކިޔޭ އެއްޗެއް އޭނަޔަކަށް ނޭނގެއެވެ. ދައްކާ ވާހަކައެއް ހަމައެއްނުޖެހެއެވެ.

މަންމައެއްގެ ޒިންމާނަގަން ހަސްނާ ދެކޮޅުހެދިއެވެ. ހިތަކު ރަހުމެއް ނެތެވެ. ދުލަކު އޯގާތެރިކަމެއް ނެތެވެ. ކޮންމެ ދުވަހަކީ ރާމިޒާއަށް ކުރިމަތިވާ އާ އިމްތިހާނެކެވެ. ހީވަނީ ރާމިޒާއަށް ދަރިޔަކު ލިބުނުހެންނެވެ. ހަސްނާ ވިހެއިކަން އެކަންޏެވެ. ދަރިފުޅު ބަނޑުހައިވެގެން ރޯއަޑު ވެސް އިވެންޖެހެނީ ރާމިޒާއަށެވެ. ހީވަނީ ރާމިޒާއަށް ގޮތްހުސްކޮށްލަން ހަސްނާ ފޫގަޅައިފައިވާހެންނެވެ.

އުޑުމަތި ބަނަކޮށް އޮތް ރެޔެކެވެ. ވައި ގަދައެވެ. ނަސީމުގެ މަގުމަތީ ފޯރި ރެއެވެ. އޭރު ކަންތައް އޮންނަ ގޮތުން، ކޮންމެ ރެޔަކު ވެސް ދަންވަރުގަޑީގައި ސިފައިން ރަށުތެރޭގައި ފޯރިމަރައެވެ. އާދައިގެމަތިން ނަސީމު ބައިސްކަލުގައި ބުރުޖަހަމުން ގޮސް ލޮނުޒިޔާރަތްކޮޅަށް ފޭބިއެވެ. އެއީ ދުވާލު ވެސް ފަޅުކޮށް އޮންނަ ހިސާބެކެވެ. ރޭގަނޑު އަށެއް ޖެހުމުން އެ ހިސާބުގަނޑުގެ ފަޅުކަން އަމުދުން އިތުރުވެއެވެ. ނަސީމަށް އެ މަގަށް ލަނބައިލެވުނު އިރު ރޭގަނޑު އެގާރަޖަހަނީއެވެ. އެ ޒަމާނުގައި އެއީ ދަންވަރެވެ. ކުއްލިއަކަށް ނަސީމުގެ ލޮލުގައި އަޅައިގަތީ ތޮށިގަނޑު މަތީގައި ހުރި އަންހެނެކެވެ. އޭނަ ހުރީ މޫދަށް ކުރިމަތިލައިގެންނެވެ. ތޮށިގަނޑާ ދިމާގައި ދިއްލައިފައި ހުރި ހޮޅިބުރި ހުރީ ފިޔަޖަހަޖަހައެވެ. މާ ބޮޑު އަލިކަމެއް ނެތެވެ. ވަކި ހިސާބަކަށް ކައިރިވުމުން އެ އަންހެންމީހާ އަތުގައި ފޮތި ކޮތަޅެއް އޮތްކަން ނަސީމަށް ފާހަގަވިއެވެ. އޭރު އޭނަ އުޅެނީ އެ ކޮތަޅު މޫދަށް އެއްލައިލާށެވެ. ނަސީމު އެންމެ ހައިރާންވީ އެ އަންހެނަކީ ހަސްނާހެން ހީވީމައެވެ.

"ހަސްނާ؟" ކައިރިއަށް ބައިސްކަލު މަޑުކޮށްލަމުން ނަސީމު ގޮވައިލީ ސުވާލަކަށް ވާ ކަހަލަ ގޮތަކަށެވެ.

ކޮތަޅު އެއްލައިލަން ހަރަކާތް ކޮށްލައިފައި އެ އަންހެންމީހާ އެނބުރިލިއެވެ.

ނުނިމޭ

9 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 60%
icon angry icon angry 0%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމީ

11 June 2021

ހަސްނާއާ ބެހެނީ ބައްޕައާ ބޮޑު ބޭބެ ކަމަށް ވާނީ.. ފާއިޒު އަށް އެކަން އެނގިގެން ކަންނޭނގެ ބައްޕަ މަރާލީ..

The name is already taken The name is available. Register?

ތުނިޔަ

10 June 2021

ބައްޕަ މަރާލީވެސް ފާއިޒު ހެން ހީވަނީ..އަދި ތިދަރިވެސް. ޢޭނަގެ ކަމަށް.

The name is already taken The name is available. Register?

ދެރަ

10 June 2021

ޢެއީ ފާއިޒްގެ ދަރިއެއް އެހެންވެ މަންމަ ސިއްރުކުރަނީ. ބޮޑުބެނަމަ ސިއްރެއްނުކުރާނެ.

The name is already taken The name is available. Register?

ސުހާނީ

09 June 2021

އަލޭ ކުރީގެ ބައިތައް ހަދާން ނެތުނީތަ...ބައްޕަ ނިޔާވިތާ އަހަރެއްފަހުން ކައިވެނި ކުރީ...ހަމަސް ފަހުން ބަނޑުބޮޑުވީ....ދެން ކިހިނެތް ބައްޕަގެ ދަރިއަކަށް ވާނީ ...ނަސީމް ނޫނީ ފާއިޒުގެ ދަރިއެއް ކަންނޭގެ..ހަމަ ގައިމުވެސް ބައްޕަގެ ދަރިއެއްނޫން...

The name is already taken The name is available. Register?

ޢައިމިނަ

09 June 2021

ނަސީމުގެ ދަރިއެއްބާ

The name is already taken The name is available. Register?

2021

09 June 2021

ޔޭ މަ ☝ ބައްޕަގެ ދަރި ކަނޑުފައްތަނީ...

The name is already taken The name is available. Register?

އއމނ

09 June 2021

ބައްޕައެއް ނޫން. ބޭބެހެން ހީވަނީ، ނޫނީ ބޮޑުބޭބެ.

The name is already taken The name is available. Register?

2022

09 June 2021

ފަސްޓުވީމަ ނޭނގުނުދޯ ކުރީ ދުވަހުގެ ބައިގަ ވީ ގޮތެއްވެސް. ބައްޕަ މަރުވިތާ އަހަރު ދުވަސްވީ ފަހުން ރިއްފަތާ އިނީވެސް. އިނދެގެން ދުވަސްގަނޑެއްވެފަ ވަރިވީ ފަހުން ބަލިވެއެއިނީ. އެވާނީ ފާއިޒުގެ ކުއްޖެއްކަމަށް.

The name is already taken The name is available. Register?

ސެނީ

09 June 2021

ބައްޕަ ދަރިއަށްވާންވީ ކީތްވެޔޯ ބައްޕަ މަރުވިތާ އަހަރެއް ފަހުން މީހަކާ އިނީވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454