މުނިފޫހިފިލުވުން

ކެރިއަރާ މެދު އެހާ ހިތްހަމައެއްނުޖެހޭ: ޕަރިނީތީ

ޕަރިނީތީ.

އެންމެ އުންމީދުކުރި ގޮތަށް ފިލްމީ ކެރިއަރު އަދިވެސް ބައްޓަން ނުވާތީ ކެރިއަރާ ދޭތެރޭ އެހާ ހިތްހަމަނުޖެހޭ ކަމަށް ބަތަލާ ޕަރިނީތީ ޗޯޕްރާ ބުނެފި އެވެ.

މި އަހަރުގެ މިހާތަނަށް ތިން ފިލްމަކުން ފެނުނު ބަތަލާ އީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރޭގައި ވަރަށް ކަމުނުދާ އަދި އެ ފިލްމުތަކަށް ސޮއިކުރި އިރު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަހަލަ ފިލްމުތަކެއް ވެސް އެބަހުރި ކަމަށެވެ.

ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ ދެބެއިންގެ ދެދަރި ޕަރިނީތީ ބުނި ގޮތުގައި ކަމުނުދާ ފިލްމުތަކެއް ކުޅެވިފައި ހުއްޓަސް މި ފަހުން ކުރެވުނު ބައެއް މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހެ އެވެ. އެގޮތުން ފެބްރުއަރީގައި ރިލީޒްކުރި "ދަ ގާލް އޮން ދަ ޓްރެއިން" އަކީ ހަމައެކަނި އެ ފިލްމުގެ މަސައްކަތަށް ފޯކަސްކޮށްގެން މަސައްކަތްކުރަން ލިބުނު ފިލްމަކަށްވުމުން އެކްޓަރެއްގެ ހައިސިއްޔަތުން އެ ފިލްމަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހުނު ކަމަށް ބުންޏެވެ.

"އެ ފިލްމުގެ ކެރެކްޓާ އަށް މެންޓަލީ ރެޑީވާން ވެސް ގާތްގަނޑަށް ދެ މަސް ދުވަހުގެ މުއްދަތެއް ލިބުނު. ލަންޑަނުގައި ފިލްމު ޝޫޓްކުރީ ވެސް ހަމައެކަނި އެއަސް ފޯކަސްކޮށްގެން،" ހޮލީވުޑްގެ ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން" ރިމެކާ ބެހޭ ގޮތިން ޕަރިނީތީ ބުންޏެވެ.

މި އަހަރު ރިލީޒްވި އޭނާގެ ތިން ފިލްމުގެ ތެރެއިން ބްލެކް ކޮމެޑީ "ސަންދީޕް އޯރް ޕިންކީ ފަރާރު" އަކީ މިހާތަނަށް ޕަރިނީތީ ކުޅުނު ފިލްމުތަކުގެ ތެރެއިން ކްރިޓިކުންގެ ތައުރީފު އޭނާ އަށް އެންމެ ބޮޑަށް ލިބުނު ފިލްމެވެ. އަދި އެ ފިލްމަކީ ކެރިއަރުގައި ވަރަށް ފާހަގަކޮށްލެވޭ ފިލްމެއް ކަމަށް ބުންޏެވެ.

މި އަހަރު ރިލީޒްވި ޕަރިނީތީގެ އަނެއް ފިލްމަކީ އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާ "ސައިނާ" އެވެ.

"ކުރާ މަސައްކަތް ގިނަ ބަޔަކަށް ކަމުދިއުމަކީ ހަމަ ޔަގީނުން ވެސް ކޮންމެ މީހަކު ވެސް އުފާވާނެ ކަމެއް. ސަންދީޕް އޯރް ޕިންކީ ފަރާރް އިން ލިބުނު ކޮމެންޓްތައް ބަލައި ގަންނަން. ވަރަށް އުފާވޭ އަހަރެންގެ އެކްޓިން ގިނަ ބަޔަކަށް ކަމުދިޔައިމަ،" އޭނާ ބުންޏެވެ. "މަސައްކަތްތަށް ބަލައިގަތުމާއި މަސައްކަތްކުރެވޭ ގޮތުގެ ސަބަބުން ހަގީގަތުގައި މަސައްކަތަށް ދެވޭ ސަމާލުކަން ވެސް ބަދަލުވޭ. އަހަރެން މިހާރު ހުރި ހިސާބުގައި ހުރެ ވިސްނައިލާ އިރު ގަބޫލުކުރަނީ ދެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް."

ފިލްމު "ލޭޑީސް ވާސަސް ރިކީ ބާލް" އިން 2011 ގައި ބޮލީވުޑަށް ނުކުތް ބަތަލާ ބުނި ގޮތުގައި ދެން ފިލްމުތަކަށް ސޮއިކުރާނީ އަމިއްލަ ޒަމީރު އެ ޕްރޮޖެކްޓަކަށް ސަތޭކަ ޕަސެންޓް ރުހޭ ނަމަ އެވެ.

"ފިލްމެއްގެ ކާމިޔާބީ އާއި ނާކިޔާބީ ގުޅެނީ ތަގުދީރާ. އަހަރެން ގަބޫލުކުރަނީ އެކްޓަރަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަށް ވާނީ އޭނާ ޕްރޮފެޝަނަލްކޮށް ނިންމާ ނިންމުމަކާ ދޭތެރޭ ހިތްހަމަޖެހުން. އެ ވިސްނުން ބަހައްޓައިގެން ދެން ފިލްމުތަކަށް އާނއެކޭ ނުވަތަ ނޫނެކޭ ބުނާނީ،" ޕަރިނީތީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެކްޓިންއާ ދޭތެރޭ މައްސަލަތަކެއް ހުރިކަން ބަޔަކު ފާހަގަކުރާ ނަމަ އެކަންކަން ރަނގަޅުކުރަން އަބަދު ވެސް ބަލާނެ އެވެ. އެކަމަކު މުޅި ކެރިއަރު ބަޔަކު ބުނާހާ އެއްޗަކަށް ބަލައިގެން ބައްޓަންކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

ބަތަލާއެއްގެ ގޮތުގައި އަދި މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ޕަރިނީތީގެ ފިލްމުތަކުގެ ތެރޭގައި ވެސް މާ ފާހަގަކޮށްލެވޭ ފިލްމުތަކެއް އަދިއެއް ނެތެވެ. އަނެއްކޮޅުން ބޮލީވުޑްގެ އެންމެ ނަގާކިޔާ ޑައިރެކްޓަރުންނާ އެކު މަސައްކަތްކުރާކަށް އަދިއެއް ފުރުސަތެއް ވެސް ލިބިފައެއް ނެތެވެ.

ޕަރިނީތީ، 32، ގެ ކުރިއަށް ހުރި ފިލްމުތަކަކީ "ދަ ގާލް އޮން ދަ ޓްރެއިން" ގެ ޑައިރެކްޓަރު ރިބޫ ދާސްގުޕްތާގެ އެކްޝަން ފިލްމަކާއި ރަންބީރް ކަޕޫރްގެ "އެނިމަލް" އާއި ވަރުން ދަވަންގެ "ސާންކީ" އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454