"ޗައިވާލާ" އެންމެ ފަހުން ވީޑިއޯ ލަވަޔަކުން

ޕާކިސްތާންގެ އިސްލާމްއާބާދުގެ މަގުމަތީގައި ސައި ވިއްކަން އުޅުނު އާދަޔާހިލާފު ރީތި ޒުވާނެއްގެ ވާހަކަ ދާދި އިހަކަށް ދުވަހު އިންޓަނެޓްގައި ވައިރަހެން ހެން ފެތުރުނެވެ.


ނޫ ކަޅިއެއްގެ ވެރި އަރްޝަދު ހާން ތަށިތަކަށް ސައި އަޅަން ހުއްޓައި ޕާކިސްތާންގެ ފޮޓޯގްރާފަރެއް ކަމަށްވާ ޖިއާހް އަލީ ނެގި ފޮޓޯ "ޗައިވާލާ" ގެ ކެޕްޝަނާ އެކު އިންޓަނެޓްގައި ބޮޑު ހުމެއްހެން ފެތުރި އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބި ކުއްލިއަކަށް ބަދަލުވީ "ސެލެބްރިޓީއަކަށެ"ވެ.

ނޭނގި ހުއްޓައި ލިބުނު މަޝްހޫރުކަމާ އެކު، އަރްޝަދް ހާން 18، އަށް ހުށަހެޅުންތައް އޮހެން ފެށި އެވެ. އޭގެ ތެރޭގައި ފިލްމު ކުޅުމަށާއި މޮޑެލް ކުރުން އަދި ޓީވީ ކޮމާޝަލްތައް ވެސް ހިމެނެ އެވެ.

އެކަމަކު 18 މެމްބަރުން ހިމެނޭ އާއިލާއަކަށް ނިސްބަތްވާ ވަރަށް އާދައިގެ އަރްޝަދު ބުނަމުން ދިޔައީ މަޝްހޫރުކަމާއި ގްލެމާގެ ދުނިޔެ އަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

އަރްޝަދު ޓީވީ ޝޯއެއްގައި: ބޮޑު މަޝްހޫރު ކަމެއް ވަނީ ލިބިފައި

ނަމަވެސް މި ޒުވާނާގެ ދިރިއުޅުން މިހާރު މި ވަނީ ވަރަށް ބޮޑަަށް ބަދަލުވެފަ އެވެ. މަޝްހޫރުކަމަށް ޝައުގުވެރިކަމެއް ނެތޭ ބުންޏަސް އެ ދިމާލަށް ނުގޮސް މަޑެއް ނުކުރެވުނެވެ. ނަތީޖާ މިއޮތީ ފެންނާށެވެ.

އަރްޝަދުގެ ފުރަތަމަ ވީޑިއޯ ލަވަ "ޗައިވާލާ" މިހާރު ވަނީ އާންމުކޮށްފަ އެވެ.

"ޗާއިވާލާ" ގެ ނަމުން މަޝްހޫރުވި އަރްޝަދުގެ ވީޑިއޯ ލަވަ

ލަވައިގައި ވެސް ދައްކަނީ އޭނާ ސައި ހަދައިދޭ ތަނާއި ޒުވާން އަންހެން ކުދިން އޭނާއާ އެކު ސެލްފީ ނަގާ މަންޒަރުތަކެވެ. ލަވައިގައި އަރްޝަދު ހުންނަނީ ވަރަށް ރީތިކޮށް ހެދުން އަޅައި، ނަލަހެދިގެންނެވެ. އެ ލަވައިގައި ހަމައެކަނި އޭނާ ފެންނަނީއެއް ވެސް ނޫނެވެ. ރެޕް ކުރުމުގެ ހުނަރު ވެސް ދައްކައިލަ އެވެ.

މި ވީޑިއޯ ލަވަ ތައްޔާރުކޮށްފައި ވަނީ ޕާކިސްތާންގެ ދެ އާޓިސްޓުން ކަމަށްވާ ސިދް މިސްޓަ ރެޕާ އާއި ޑީޖޭ ޑެނީ އެވެ.