ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރެއްގެ ތައުރީފް "ޑިއާ ޒިންދަގީ" އަށް

ބޮލީވުޑްގެ ފިލްމުތަކަށް ހޮލީވުޑްގެ ޑައިރެކްޓަރުން ތައުރީފު ކުރުމަކީ އާންމު ކަމެއް ނޫނެވެ. އެފަދަ ކަމެއް ވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ސުރުހީއެކެވެ.


މި ފަހަރު މިއޮތީ އެކަހަލަ ސުރުޚީއެކެވެ. މިދިޔަ ހަފުތާގެ ހުކުރު ދުވަހު ރިލީޒް ކުރި ޑައިރެކްޓަރު ގޯރީ ޝިންޑޭގެ ފިލްމު "ޑިއާ ޒިންދަގީ" ބަލައިފައި ހޮލީވުޑްގެ ވަރަށް މަޝްހޫރު ޑައިރެކްޓަރަކު މި ވަނީ އެ ފިލްމަށް ތައުރީފުކޮށްފަ އެވެ.

އެއީ "ގޯސްޓްބަސްޓާސް"، "ބްރައިޑްސް މެއިޑް" އަދި "ސްޕައި" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޕޯލް ފެއިގެވެ.

އޭނާ "ޑިއާ ޒިންދަގީ" ބެލުމަށް ފަހު، އެ ފިލްމުގެ ބަތަލާ އާލިއާ ބަޓާއި ފިލްމުގައި ހާއްސަ ރޯލެއް ކުޅުނު ޝާހްރުކް ހާނަށް ތައުރީފުކޮށް ޓްވީޓްކޮށްފައިވެ އެވެ.

އޭނާ ބުނީ ފިލްމުގައި ތަރިން ދައްކާފައި ހުރި އެކްޓިން ވަރަށް މޮޅު ކަމަށެވެ. އަދި ގޯރީއަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން ވަރުގަދަ ލިޔުންތެރިއެއް ކަމަށް ވެސް ބުންޏެވެ.

ޕޯލް ކުރި އެހެން ޓްވީޓެއްގައި "ޑިއާ ޒިންދަގީ" ގެ ޕްރޮޑިއުސަރު ކަރަން ޖޯހަރަށް ވެސް ތައުރީފުކުރި އެވެ. ކަރަންގެ ޓްވީޓެއްގައި ބުނީ ޕޯލް އަށް "ޑިއާ ޒިންދަގީ" ކަމުދިޔަކަން އެނގުމުން ޝާހް ރުކާއި އާލިއާ ވަރަށް އުފާވާނެ ކަމަށެވެ.

ޕޯލްގެ ޓްވީޓެއް.

ޕޯލްގެ ޓްވީޓްތަކާ ގުޅިގެން ޝާހް ރުކް ދިން ރައްދަށް ވެސް ޕޯލް ޖަވާބުދިނެވެ.

ޝާހް ރުކް ކުރި ޓްވީޓްގައި ބުނީ ތަންކޮޅެއް ލަހުން ޖަވާބު ދެވުނީ "ގޯސްޓްބަސްޓާސް" ބަލަން ހަދައިގެން ކަމަށެވެ.

އެ ޓްވީޓަށް ޕޯލްގެ ޖަވާބަކަށް ވީ އޭނާގެ ފިލްމު ޝާހް ރުކަށް ކަމުދިއުމުން ވަރަށް އުފާވެއްޖެ ކަމެވެ.

ފާޑުކިޔާ މީހުންގެ ތައުރީފް "ޑިއާ ޒިންދަގީ" އަށް ވަރަށް ބޮޑަށް ލިބިފައިވެ އެވެ. ސްރީދޭވީ ލީޑް ރޯލް ކުޅުނު "އިންގްލިޝް ވިންގްލިޝް" އާ އެއްގޮތަށް، "ޑިއާ ޒިންދަގީ" ގައި ވެސް ދައްކައި ދެނީ ދިރިއުޅުމުގައި އަންހެން ކުއްޖަކަށް ދިމާވާ މައްސަލަތަކެކެވެ.

މި ފިލްމުގެ ޑައިރެކްޓަރު ގޯރީއަކީ އެހާމެ ކުޅަދާނަ ލިޔުންތެރިއެއް އަދި ޑައިރެކްޓަރެއް ކަމަށްވާ އާރް ބަލްކީގެ އަންހެނުންނެވެ.

"ޑިއާ ޒިންދަގީ" ގެ ޓްރެއިލާ

"ޕާ" އާއި "ޗިނީ ކުމް" ފަދަ މޮޅު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ބަލްކީ އެންމެ ފަހުން ޑައިރެކްޓް ކުރީ ކަރީނާ ކަޕޫރާއި އަރުޖުން ކަޕޫރު ލީޑް ރޯލް ކުޅުނު "ކީ އެންޑް ކާ" އެވެ.