ފަހު މެޗަށް އިޓަލީ ނުކުންނާނީ ނުވަ ބަދަލަކާ އެކު

ޕެރިސް، ފްރާންސް (ޖޫން 19) - ޔޫރޯގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަޔަލެންޑާ ދެކޮޅަށް ބުދަ ދުވަހުގެރޭ އިޓަލީ ނުކުންނައިރު އެ ޓީމަށް ގްރޫޕުގެ އެއް ވަނަ ކަށަވަރުވެފައިވާތީ، އެ މެޗުގެ ފުރަތަމަ 11 އަށް އިޓަލީން ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ފުރަތަމަ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އޮތް އިޓަލީ އަށް އެއް ވަނަ ކަށަވަރުވީ، ދެ ވަނައިގައި އޮތް ބެލްޖިއަމަށް މެތެމެޓިކަލީ އެ ޓީމަށް ވުރެ ކުރި ހޯދޭނެ ގޮތެއް ނެތުމުންނެވެ. އެހެންވެ އަޔަލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ އެއްވެސް ބޭނުމެއް އިޓަލީ އަށް ނެތެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެންމެ ފަހު ދެ މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އަޔަލެންޑާ ދެކޮޅަށް ފުރަތަމަ 11 ގައި ކުޅުމުގެ ފުރުސަތު ދޭނީ ޑިފެންޑަރު އަންދްރޭ ބަރްޒާގްލީ އާއި މިޑްފީލްޑަރު އަލެސަންދްރޯ ފްލޮރެންޒީ އަށް އެކަންޏެވެ.

ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އާއި ދެ ސެންޓްރަލް ޑިފެންޑަރުން ކަމަށްވާ ޖިއޯޖިއޯ ޗިއެލީނީ އަދި ލިއޮނާޑޯ ބޮނޫޗީ ކާޑުގައި ތިބުމާ އެކު އެ މެޗުން އެ ތިން ކުޅުންތެރިންނަށް ފުރުސަތު ނުދޭނެ އެވެ. އަނެއްކޮޅުން ބުފޮން އަށް ރޯގާ ޖެހި އޭނާ މުޅިން ފިޓެއް ވެސް ނޫނެވެ. އެ މެޗުގައި ގޯލް ބަލަހައްޓާނީ ޕީއެސްޖީގެ ސަލްވާޓޯ ސިރިގޫ އެވެ.

އެ މެޗުގައި ޑިފެންސް ލައިނުން ފުރުސަތު ދޭނެ ކަމަށް ބެލެވެނީ ވެސްޓްހޭމް ޔުނައިޓެޑުގެ ޑިފެންޑަރު އެންޖެލޯ އޮގްބޮނާ އާއި މަޓެއޯ ޑި ސިގްލިއޯ އަދި މަޓެއޯ ޑާމައިން އަށެވެ. މެދުތެރެއިން ތިއާގޯ މޮޓާ އާއި ސްޓެފާނޯ ސްޓުރާރޯ އަށް ފުރުސަތު ދޭއިރު ފޯވާޑް ލައިން ބަލަހައްޓާނީ ސިމޮނީ ޒަޒާ އާއި ސްޓެފަން އައް ޝާރަވީ އަދި ޗީރޯ އިމޮބިލޭ އެވެ.

ދެ ވަނަ ބުރުގައި އިޓަލީ ބައްދަލުކުރަން ޖެހޭނީ ގްރޫޕް ޑީ ގެ ދެ ވަނަ ޓީމާ އެވެ. އެ މަގާމަށް ދާނެ ކަމަށް ބެލެވެނީ ކްރޮއޭޝިއާ ނުވަތަ ޗެކް ރިޕަބްލިކެވެ.