ސްވިޑަން ކަޓައި ބެލްޖިއަމާއި އަޔަލެންޑް ކޮލިފައިވެއްޖެ

ނީސް، ފްރާންސް (ޖޫން 23) - ސްވިޑަން އަތުން 1-0 އިން މޮޅުވެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ބެލްޖިއަމް މިރޭ ޖާގަ ހޯދިއިރު އިޓަލީ އަތުން 1-0 އިން މޮޅުވެ، އަޔަލެންޑް ވެސް ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.


ހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި އިޓަލީ މެޗުގެ ކުރިން ވެސް ދެ ވަނަ ބުރަށް ގޮސްފައިވާއިރު ބެލްޖިއަމް ދެ ވަނަ އަށް ދިޔައީ ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ. އަޔަލެންޑް ހަތަރު ޕޮއިންޓާ އެކު ތިން ވަނަ އަށް ދިޔައިރު އެ ޓީމަށް ދެ ވަނަ ބުރުން ފުރުސަތު ލިބުނީ، ތިން ވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭ ހިމެނިގެންނެވެ. އެއް ޕޮއިންޓާ އެކު ގްރޫޕުގެ ފުލަށް ދިޔަ ސްވިޑަން ވަނީ މުބާރާތުން ކަޓައިފަ އެވެ.

ދެ ވަނަ ބުރުގައި ސްޕެއިނާ ދެކޮޅަށް އިޓަލީ ކުޅޭއިރު، ބެލްޖިއަމް ލައްވާލީ ހަންގޭރީއާ އެވެ. އަދި އަޔަލެންޑް ބައްދަލުކުރަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ފްރާންސާ އެވެ.

ސްވިޑަން އަތުން ބެލްޖިއަމް މޮޅުވީ މެޗުގެ 84 ވަނަ މިނެޓުގައި ރަޒާ ނައިންގޫލަން ޖެހި ލަނޑުންނެވެ. އޭރިއާ ބޭރުން ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ނައިންގޫލަން ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މިރޭގެ މެޗާ އެކު ސްވިޑަންގެ ކެޕްޓަން ޒަލަޓާން އިބްރަހިމޮވިޗް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މިރޭގެ މެޗަކީ ގްރޫޕް ސްޓޭޖުގައި އިބްރަހިމޮވިޗް އެންމެ މޮޅަށް ކުޅުނު މެޗެވެ. ބެލްޖިއަމް ގޯލަށް ގިނަ ހަމަލާތަކެއް އޭނާ ފޮނުވާލި އެވެ.

ދެ ވަނަ ބުރުގެ މެޗުތައް:

ސްވިޒަލެންޑް - ޕޮލެންޑް

ވޭލްސް - ނޮދަން އަޔަލެންޑް

ކްރޮއޭޝިއާ - ޕޯޗުގަލް

ފްރާންސް - އަޔަލެންޑް

ޖަރުމަން - ސްލޮވާކިއާ

ހަންގޭރީ - ބެލްޖިއަމް

އިޓަލީ - ސްޕެއިން

އިންގްލެންޑް - އައިސްލެންޑް

އިޓަލީ އަތުން އަޔަލެންޑަށް ތާރީހީ މޮޅެއް

އާއްމުކޮށް ފުރަތަމަ 11 ގައި ކުޅޭ ނުވަ ކުޅުންތެރިޔަކު ނުލައި ކުޅުނު އިޓަލީ އަތުން އަޔަލެންޑް މޮޅުވީ މެޗުގެ ފަހުކޮޅު ނޯވިޗް ސިޓީގެ މިޑްފީލްޑަރު ބޮބީ ބްރޭޑީ ޖެހި ލަނޑުންނެވެ. މީގެ ކުރިން ވާދަވެރި މެޗަކުން އިޓަލީގެ މައްޗަށް އަޔަލެންޑަށް ކުރި ހޯދާފައިވަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެކަންޏެވެ. މިއީ އިޓަލީއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން އަޔަލެންޑް މޮޅުވި ތިން ވަނަ މެޗެވެ.