ފޭވަރިޓެއް ނެތް، ދެ ޓީމަށް އޮތީ ހަމަހަމަ ފުރުސަތެއް: ޑެލް ބޮސްކޭ

ޕެރިސް، ފްރާންސް (ޖޫން 27) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ ސްޕެއިނާއި އިޓަލީ ބައްދަލުކުރާ މެޗުގެ ފޭވަރިޓެއް ނެތް ކަމަށާއި ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށް ސްޕެއިނުގެ ކޯޗު ވިސެންޓެ ޑެލް ބޮސްކޭ ބުނެފި އެވެ.


އެންމެ ފަހުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު 1-1 އިން އެއްވަރުވިއިރު ފައިނަލުގައި ސްޕެއިން ވަނީ 4-0 އިން މޮޅުވެފަ އެވެ.

"އެއީ ވަރަށް އެހެން ކަހަލަ މެޗެއް. އިޓަލީ އެ ފަހަރު އޮތީ އަނިޔާ އާއި ވަރުބަލިކަމުގެ މައްސަލަ ދިމާވެފައި. މާޒީ އަކީ މިހާރު މާބޮޑު އަގެއް އޮތް އެއްޗެއް ނޫން. ހިނގަމުންދާ މެޗަކުން މޮޅުވާނީ އެ މެޗެއްގައި ކުރާ މަސައްކަތަކުން. މިއީ ދެ ޓީމަށް ވެސް ވަރަށް އުނދަގޫ މެޗަކަށް ވާނެ. އަހަރެމެންނަކީ ފޭވަރިޓުންނެއް ނޫން. ދެ ޓީމަށް ވެސް އޮތީ 50-50 ފުރުސަތެއް،" ޑެލް ބޮސްކޭ ބުންޏެވެ.

އިޓަލީ އަކީ ސެންޓްރަލް ޑިފެންސަށް ތިން ޑިފެންޑަރުން ލައިގެން، ކުޅޭ ޓީމެކެވެ. ސްޕެއިނަށް ވަނީ މީގެ ކުރިން މި ސިސްޓަމަށް ކުޅޭ ޓީމުތައް ކައިރީ މައްސަލަ ދިމާވެފަ އެވެ. ޑެލް ބޮސްކޭ ވެސް ބުނީ އެއީ ރަނގަޅު ވާހަކައެއް ކަމަށާއި އެކަމަކު މިރޭ ސްޕެއިނުން އަމިއްލަ ގޭމް ކުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"އަހަރެމެން، އަހަރެމެންގެ ގޮތުގައި ކުޅެފި ނަމަ އިޓަލީން ޖެހޭނީ އަހަރެމެންގެ ސިސްޓަމަށް ހޭނެން،" ޑެލް ބޮސްކޭ ބުންޏެވެ. "އިޓަލީގެ އޮވޭ ވަކި ހާއްސަ ގޮތެއް ކުޅެން. އެގޮތުގައި ކުޅެން އެ ޓީމު ވަރަށް މޮޅުވާނެ."

އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އިޓަލީ އަކީ ފަސޭހައިން ބަލިކުރެވޭނެ ޓީމެއް ނޫން ކަމަށާއި ސްޕެއިނުން މޮޅުވާން ބޭނުން ނަމަ ޖެހޭނީ ބުރަ މަސައްކަތުން އެކަން ހާސިލްކުރަން ކަމަށެވެ.

"ކުޅުންތެރިން ތިބީ ރަނގަޅު ހާލަތެއްގައި. އުނދަގޫ މެޗެއް ކާމިޔާބުކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތަކަށް ކުޅުންތެރިން ތިބީ ތައްޔާރުގައި. އަހަންނެއް ވެސް އަދި ކުޅުންތެރިންނެއް ވެސް ބޭނުމެއް ނޫން ގެޔަށް ދާކަށް. ސްޕެއިނުގެ ގުރުބާން ކަންބަޅިއަކަށް އަހަރެމެން ނުވާނަން. ސްޕެއިން މޮޅުވެއްޖެއްޔާ މަރުހަބާ ކިޔާނަން. އެކަމަކު ސްޕެއިނުން ޖެހޭނީ އަހަރެމެން އަތުން މޮޅެއް ހާސިލްކުރަން. އެހާ ފަސޭހައެއް ނުވާނެ،" ކޮންޓޭ ބުންޏެވެ.

ވާދަވެރި މެޗެއްގައި ސްޕެއިން އަތުން އިޓަލީ އެންމެ ފަހުން މޮޅުވީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގަ އެވެ. އޭރު ކޮންޓޭ އަކީ ކުޅުންތެރިއެކެވެ. އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނީ ސްޕެއިން އަތުން މޮޅުނުވާތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް މިހާތަނަށް ސްޕެއިނަށް އެންމެ އުނދަގޫކުރި ޓީމަކީ އިޓަލީ ކަމަށެވެ.

"ރަނގަޅު މިދިޔަ ފައިނަލުގައި 4-0 އިން ބަލިވި. އެކަމަކު އޭރު އަހަރެމެން ތިބީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބަލިކަށިކޮށް. އޭގެ ކުރިން ކުޅުނު ތިން މެޗު ވެސް އެއްވަރުވީ. އެހެންވީމާ ސްޕެއިނަށް އެންމެ އުނދަގޫ ބޮޑުކުރި ޓީމަކަށް ވާނެ އަހަރެމެން،" ބުފޮން ބުންޏެވެ.

އިޓަލީ އާއި ސްޕެއިން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރެވެ. މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ޖަރުމަނާ ދެކޮޅަށެވެ. މި މުބާރާތަށް ފަހު ދެ ޓީމުގެ ކޯޗުން ވެސް މަގާމުން ވަކިވާނެތީ ޔަގީނުން ވެސް މިރޭގެ މެޗަކީ ކޮންމެވެސް އެއް ކޯޗެއްގެ ފަހު މެޗެވެ.