ސްޕެއިން އަތުން ބަދަލު ހިފައި އިޓަލީ ކުއާޓާ އަށް

ޕެރިސް، ފްރާންސް (ޖޫން 27) - އެންމެ ފަހު ދެ ޔޫރޯގެ ޗެމްޕިއަން ސްޕެއިން 2-0 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައި އިޓަލީން، 2012 ވަނަ އަހަރުގެ ފައިނަލުގައި ސްޕެއިން އަތުން ބަލިވި ބަލިވުމުގެ ބަދަލު ހިފައިފި އެވެ.


މި މޮޅާ އެކު ކުއާޓާ ފައިނަލުގައި އޮންނާނީ އިޓަލީ އަދި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ ކުރިމަތިލުމެކެވެ. އިޓަލީން ވަނީ އެންމެ ފަހުގެ ޔޫރޯ އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުން ޖަރުމަން ކަޓުވާލައިފަ އެވެ.

ހީކުރި ގޮތާ ހިލާފަށް މިރޭގެ މެޗު ފަށައިގެން އިޓަލީން ވަނީ އެޓޭކިން ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި ގިނަ ވަގުތު މެޗު ކޮންޓްރޯލްކޮށް ރަނގަޅު ހަމަލާތައް އެ ޓީމުން އުފެއްދި އެވެ. މެޗުގެ ކުރީކޮޅު އިޓަލީގެ ޕެލާ އަދި އެމެނުއަލް ޖެކިރީނީ ނުރައްކާތެރި ދެ ބޯޅަ ފޮނުވާލި އިރު އެ ބޯޅަތައް ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

ސްޕެއިނަށް ގޯލަށް ފޮނުވާލެވުނު ފުރަތަމަ ހަމަލާއަކީ 28 ވަނަ މިނެޓުގައި އަންދްރޭ އިނިއެސްޓާ ފޮނުވާލި ބޯޅަ އެކެވެ. އިޓަލީ ކުޅުންތެރިއެއްގެ ފައިގައި ޖެހި ކޮންމެވެސް ވަރަކަށް މިސްރާބު ބަދަލުވި، އެ ބޯޅަ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ އުނދަގުލަކާ ނުލާ މަތަކޮށްފަ އެވެ.

އިޓަލީން ލީޑު ނެގީ 33 ވަނަ މިނެޓުގައި ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ ޖެހި ލަނޑުންނެވެ. ހިލޭ ޖެހުމަކުން އެޑާ ފޮނުވާލި ބޯޅަ ސްޕެއިން ކީޕަރު ޑެހެއާ ބްލޮކްކުރި ވަގުތު އެ ބޯޅަ ލިބުނީ ޖެކީރީނީ އަށެވެ. އެކަމަކު ޑެހެއާގެ ގައިގައި އަޅައިގަނެ ޖެރިކީނީ ވެއްޓުމާ އެކު އެ ބޯޅަ ކިއެލީނީ އަށް ލިބި އޭނާ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

އޭގެ ފަހުން އިޓަލީގެ މާކޯ ޕަރޯލޯ ހުހަށް އަރައި ބޮލުން ޖެހި ބޯޅަ ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު ޖެކެރީނީ ގޯލުގެ މަތީ ކަނަށް އަމާޒުކުރި ބޯޅަ ޑެހެއާ ވަނީ ހުށިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ.

އިޓަލީގެ ޕެލާ (ވ) އާއި ސްޕެއިނުގެ ސާޖިއޯ ބުސްކެޓްސް ބޯޅައަށް އަރަނީ. --ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފުގައި އިޓަލީ ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. އެކަމަކު މި ހާފުގެ ކުރީކޮޅު އިޓަލީގެ އެޑާ އަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ޕެލާ ޖައްސާލި ބޯޅައަށް އަރައި، ސްޕެއިނުގެ ޑިފެންޑަރު ކައިރިން ދެމި ގަނެ އޭނާ ފޮނުވާލި ބޯޅަ ސްޕެއިން ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި މަޓިއާ ޑި ސިގްލިއޯ އޭރިއާ ތެރެއަށް ނުރައްކާތެރި ބޯޅައެއް ހުރަސްކުރި އިރު އެ ބޯޅަ ސްޕެއިން ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ.

މެޗުގެ ފަހުކޮޅު ސްޕެއިނުން ކުރިއަށް ޖެހި ހަމަލާތައް ވަރުގަފަކުރިއިރު އިނިއެސްޓާ އާއި ޖެރާޑް ޕީކޭ ގޯލެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު ދެ ކުޅުންތެރިންގެ ހަމަލާތައް ވެސް އިޓަލީ ކީޕަރު ބުފޮން ހުށިޔާރުކަމާ އެކު މަތަކުރި އެވެ. އޭގެ ކުރިން އަލްވާރޯ މޮރާޓާ ހުހަށް އަރައި ބޮލުން ފޮނުވާލި ބޯޅައެއް ވެސް އޭނާއާ އެކު މިދިޔަ ދެ ސީޒަނުގައި ޔުވެންޓަސް އަށް ކުޅުނު ބުފޮން ވަނީ މަތަކޮށްފަ އެވެ.

ފަހު ހާފުގައި އެރި ސްޕެއިނުގެ ފޯވާޑް އަރިޓް އަޑުރިޒް އަށް އަނިޔާވެ ބާލަން ޖެހުމާ އެކު ސްޕެއިނުގެ މެޗުގެ ފަހު 10 މިނެޓު ކުޅުނީ ސެންޓަ ފޯވާޑެއް ނެތި އެވެ. އޭނާގެ ބަދަލުގައި އެރީ ވިންގަށް ކުޅޭ ޕެޑްރޯ އެވެ.

އިޓަލީން މެޗުން މޮޅެއް ކަށަވަރުކުރީ އިތުރު ވަގުތުގެ ތެރޭ ޕެލާ ޖެހި ލަނޑުންނެވެ. ލޮރެންޒޯ އިންސިނޭ އުފެއްދި ހަމަލާއެއްގައި އޭނާ އަރިމަތީގައި ހުހަށް ހުރި މަޓެއޯ ޑާމައިން އަށް ދިން ބޯޅަ އޭނާ ވަނީ ގޯލް ކުރިމަތީ ހުހަށް ހުރި ޕެލާ އަށް ދީފަ އެވެ. ފުރަތަމަ މެޗުގައި ބެލްޖިއަމް ކޮޅަށް ވެސް ފަހު ވަގުތު ލަނޑު ޖެހި ޕެލާ ވަނީ ފަސޭހަކަމާ އެކު ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

މިރޭގެ މެޗާ އެކު، އެންމެ ފަހުގެ ދެ ޔޫރޯ ސްޕެއިނަށް ކާމިޔާބުކޮށްދިން ކޯޗު ވިސެންޓެ ޑެލް ބޮސްކޭ މަގާމުން ވަކިވާނެ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓުމުން ފާޑުކިޔުން އަމާޒުވި ނަމަވެސް އިތުރު ދެ އަހަރު ޓީމުގައި މަޑުކުރަން ޑެލް ބޮސްކޭ ނިންމީ އެވެ.