އިޓަލީ އަތުން ހޯދި ފުރަތަމަ މޮޅާ އެކު ޖަރުމަނު ސެމީ އަށް

ބޯޑޯ، ފްރާންސް (ޖުލައި 2) - ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން 6-5 އިން މޮޅުވެ، ވާދަވެރި މުބާރާތަކުން އިޓަލީ އަތުން ހޯދި ފުރަތަމަ މޮޅާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖަރުމަން ޖާގަ ހޯދައިފި އެވެ.


މެޗުގެ ފުރިހަމަަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ޖަރުމަނަށް ލީޑު ނަގައިދިނީ މެސުޓް އޮޒިލް އެވެ. އިޓަލީ އަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން ލިއަނާޑޯ ބޮނުޗީ އެެވެ. ޕެނަލްޓީން އިޓަލީގެ ނުވަ ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބު ކުރެވުނުއިރު، ޖަރުމަނު މޮޅުވީ ނުވަ ޕެނަލްޓީގެ ތެރެއިން ހަ ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.

އިޓަލީގެ ޕެނަލްޓީތައް ކާމިޔާބުކުރީ ލޮރެންޒޯ އިންސިގްނޭ، އަންޑްރެއަ ބަރްޒާލީ، އެމަނުއެލް ގިއަކެރީނީ، މާކޯ ޕަރޯލޯ އަދި މަޓިއޯ ޑިސީލިއޯ އެވެ. ސިމޯން ޒާޒާ، ލިއަނާޑޯ ބޮނޫޗީ، ގްރަޒިއާނޯ ޕެލާ އަދި މަޓިއޯ ޑާމިއަން ފޮނުވާލި ޕެނަލްޓީ ކާމިޔާބެއްނުވި އެވެ.

ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ޖަރުމަނަށް މޮޅުވާން ފުރުސަތު ލިބުނެވެ. ނަމަވެސް ފަސް ވަނަ ޕެނަލްޓީ ތަޖުރިބާކާރު ބަސްޓިއަން ޝްވައިންސްޓައިގާ އަތުންވީ ބޭކާރެވެ. އަދި އެ ޓީމުގެ މެސުޓް އޮޒިލް އާއި ތޯމަސް މުލާ އަށް ވެސް ޕެނަލްޓީ ކާމިޔާބު ނުކުރެވުނެވެ. ޖަރުމަނުން ޕެނަލްޓީ ކާމިޔާބުކުރީ ޓޮނީ ކްރޫސް، ޖޫލިއަން ޑްރެކްސްލާ، މެޓް ހަމެލްސް، ޖޯޝުއާ ކިމިޗް، ޖެރޯމް ބޯޓެން އަދި ޔޮނަސް ހެކްޓާ އެވެ. ޖަރުމަނުގެ މައްޗަށް ލީޑު ނަގަން އިޓަލީ އަށް ލިބުނު ތިން ފުރުސަތު ވެސް ވީ ބޭކަރެވެ.

އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ ތިއާގޯ މޮޓާ އާއި ޑަނިއެލޭ ޑި ރޯސީ ނުލާ ކުޅުނު އިޓަލީގެ މައްޗަށް ފުރަތަމަ ހާފުގައި ޖަރުމަން ކޮންޓްރޯލް ނެގި ނަމަވެސް މާ ރަނގަޅު ފުރުސަތެއް ނުހޯދެ އެވެ. މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިޓަލީގެ ސްޓެފާނޯ ސްޓުރާރޯ އަށެވެ. އެކަމަކު އެމެނުއަލް ގިއެކެރީނީ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އޭނާ ހުހަށް ޖެހުމުން ޖަރުމަން ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.

އޮޒިލް ޖަރުމަނަށް ލީޑު ނަގައިދިނީ މެޗުގެ 65 ވަނަ މިނިޓްގަ އެވެ. މާރިއޯ ގޯމޭޒް އުފެއްދި ހަމަލާއެއްގައި އޭރިއާ ތެރެއިން ލިބުނު ބޯޅައެއް އޮޒިލް ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ގޯމޭޒަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

އިޓަލީން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން 12 މިނިޓަށް ވެފައިވަނިކޮށެވެ. ޕެނަލްޓީއަކުން ބޮނޫޗީ ލަނޑު ޖެހިއިރު މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ޖަރުމަނުގެ ޑިފެންޑަރު ޖެރޯމް ބޯޓެން ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އިތުރު ވަގުތުގެ ދެ ހާފްގައި ދެ ޓީމުގެ ފަރާތުން ލަސްކުޅުމެއް ފެނުނުއިރު މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

މިރޭގެ މެޗުގެ ކުރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި މިދެ ޓީމު ކުޅުނު މެޗަކުން ޖަރުމަނު މޮޅުވެފައި ނުވެ އެވެ. ހަތަރު މެޗުން އިޓަލީ މޮޅުވިއިރު އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. ސެމީގައި ޖަރުމަނު ކުޅޭނީ މާދަމާ ފްރާންސާއި އައިސްލެންޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.