ނިޔަފަތިތައް ބުއްފުޅިއެއްގެ ގޮތަށް!

އަންހެނުންގެ ރީތިކަމަށް ފުރިހަމަކަން ގެންނަން ބޭނުންވާ ނަމަ އަތުގެ ނިޔަފަތިތަކަށް ވެސް ހާއްސަ ސަމާލު ކަމެެއް ދެވެ އެވެ. އެގޮތުން މެނިކިއޯ ހަދައިގެން ނިޔަފަތީގެ ތާޒާކަމާއި އޮފްކަން ގެނައުމުގެ އިތުރަށް ނެއިލް ޕޮލިސްޓަތަކުން މި ފަހަކަށް އައިސް ގެންނަ ތަފާތު އެކި ކަހަލަ ކުލަގަދަ ޑިޒައިންތައް ފާހަގަކޮށްލެވެ އެވެ.


އެކަމަކު މިއީ އަދި މާ ބޮޑަށް ވެސް ތަފާތު ސްޓައިލެކެވެ. ނިޔަފަތިތައް މި ހުންނަނީ ތުއްތު ކުދިންގެ ބުއް ފުޅީގެ ތުން ހުންނަ ގޮތަށެވެ. އަދި އެވަރަކުން ވެސް ނުނިމެ އެވެ. މި ނިޔަފަތިތަކުގެ ތެރޭގައި "ކިރު" ވެސް ހުރެ އެވެ. މީތި ތައްޔާރުކޮށްފައި ހުންނަނީ ސިރިންޖަރަކުން ކިރު އެޅޭ ގޮތަށެވެ. އެހެންވެ އެ ނިޔަފަތިތަކަށް ބަލައިލުމުން ހީވަނީ ކުޑަވަރެއްގެ ބުއްފުޅިއެއްހެންނެވެ.

އިންސްޓްގަރާމްގައި "ބުއްފުޅި ނިޔަފަތި" މިހާރު އަންނަނީ ވަރަށް ބޮޑަށް ޓްރެންޑްވަމުންނެވެ. އަދި މިއީ ކިރުމައިންނަށް މާ ފަސޭހަ ގޮތަކަށް ވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބުއްފުޅި ނިޔަފަތީގެ ވީޑިއޯއެއް.

ނަމަވެސް ރަޝިއާގެ މެނިކިއުރިސްޓެއްގެ މި އާދަޔާހިލާފު އީޖާދަށް ބައެއް މީހުން ދަނީ ފާޑު ވެސް ކިޔަމުންނެވެ. ސޯޝަލް މީޑިއާގައި ފާޑުކީ މީހަކު ބުނަނީ ފެޝަނޭ ކިޔައިގެން ބައެއް މީހުން ހާވަނީ ހަޑި ކަމަށެވެ. އަދި މިއީ ރީތި ގޮތެއް ވެސް ނޫން ކަމަށާއި ބުއްފުޅި ނިޔަފަތި ވަރަށް މުޑުދާރު ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮންމެއަކަސް ޒަމާނީ ފެޝަނަށް އަންނަ މި ކަހަލަ ބަދަލުތަކާ އެކު، ހީވެސް ނުކުރާހާ ގޮތްގޮތަށް ޓްރެންޑް ބަދަވަމުން ދާނެ އެވެ.