އެންމެ ބޮޑު އާމްދަނީއެއް ލިބުނު މޮޑެލްއަކީ މި އަހަރު ވެސް ކެންޑަލް ޖެނާ

މި އަހަރު ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މޮޑެލްއަކީ ކެންޑަލް ޖެނާ ކަމަށް ފޯބްސް އިން ބުނެފި އެވެ.


ފާއިތުވި އެއް އަހަރުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު މޮޑެލުން ހިމަނައިގެން ފޯބްސް އިން އެކުލަވައި ލިސްޓްގެ ކުރި ކާޑޭޝިއަން އާއިލާ އަށް ނިސްބަތްވާ ކެންޑަލް އަށް ލިބުނީ 22.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ. މިދިޔަ އަހަރު ވެސް މި ލިސްޓްގެ އެއް ވަނައިގައި އޮތީ 23 އަހަރުގެ ކެންޑަލް އެވެ. އެއީ 22 މިލިއަން ޑޮލަރާ އެކުގަ އެވެ.

ބޮޑު އަގަކަށް ފެޝަން ރޭމްޕްތަކަށް އެރުމުގެ އިތުރަށް މަޝްހޫރު ބައެއް ފެޝަން ކުންފުނިތަކުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށް އަދި ފެޝަނާ ގުޅުން ހުރި އެކި ކަހަލަ ކަލެކްޝަންތައް ނެރެގެން ވެސް ކެންޑާލް ބޮޑު އާމްދަނީއެއް ލިބެ އެވެ.

ޖޫން، 1، 2017 އިން ޖޫން 1، 2018 އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު 10 މޮޑެލުންނަށް ބަލާ އިރު ލިސްޓްގެ ދެވަނައިގައި 13 މިލިއަން ޑޮލަރާ އެކު އޮތީ ކާލީ ކްލޮސް އެވެ. ތިން ވަނަ އިން ދެ މޮޑެލަކު ޖާގަ ހޯދާފައި ވަނީ 11.5 މިލިއަން ޑޮލަރާ އެކުގަ އެވެ، އެއީ ކްރިސީ ޓީގަން އާއި ރޯޒީ ހަންޓިންގްޓަން-ވައިޓްލީ އެވެ.

ފޯބްސްގެ ޓްވީޓެއް.

ލިސްޓްގެ ފަސް ވަނައިން ވެސް ދެ މޮޑެލްއަކަށް އެއްވަރުގެ އާމްދަނީއެއް ލިބިގެން ޖާގަ ލިބިފައިވެ އެވެ. އެއީ 10 މިލިއަން ޑޮލަރާ އެކު ކާރާ ޑެލެވީން އާއި ޖިޒޭލް ބަންޗެން އެވެ.

ލިސްޓްގެ އަށް ވަނައިން 9.5 މިލިއަން ޑޮރަކާ އެކު ޖާގަ ހޯދީ އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކްގެ ލޯބިވެރިޔާ ޖިޖީ ހަޑީޑް އެވެ. އަދި ނުވަ ވަނައިން ވެސް ދެ މޮޑެލްއަކަށް ޖާގަ ލިބިފައިވެ އެވެ. އެއީ 8.5 މިލިއަން ޑޮލަރާ އެކު ޖޯން ސްމޯލްސް އާއި ޖިޖީގެ ކޮއްކޮ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ދަ ވީކެންޑްއާ އެންގޭޖްވާން ތައްޔާރުވަމުން އަންނަ ބެލާ ހަޑީޑް އެވެ.

ގަދަ 10 ގެ ފުލުގައި 8 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އޮތީ ޑޫޒެން ކްރޯ އެވެ.