މި ފަޓުލޫނު 100 އަހަރު ގެންގުޅެވޭނެ

ފަޓުލޫނެއް 645 ޑޮލަރު ދީފައި ގަންނާނެ މީހުން ގިނައެއް ނުވާނެ އެވެ. މި އަގު ބޮޑު އުފެއްދުން ތައްޔާރުކުރި އިނގިރޭސިވިލާތުގެ ކުންފުނި ވޮލެބެކް އިން ބުނާ ގޮތުގައި މިއީ ހަލާކު ވާނެ ފަޓްނޫލެއް ނޫނެވެ. ތަފާތަކީ އެއީ އެވެ.


މި ހަލާކުވެ ނުވެ 100 އަހަރަށް ބޭނުން ކުރެވޭނެ ކަމުގެ ގެރެންޓީ އެ ކުންފުނިން ދެ އެވެ. އެހެންވެ ގަރުނެއްގެ ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ކަމަށް ބުނާ މި ފަޓްލޫނަކީ އެތައް ޖީލަކަށް ފޯރާނެ އެއްޗެކެވެ. އެ ހިސާބުން އަގުގެ ވާހަކަ އޮބިދާނެ އެވެ.

ވޮލެބެކްގެ އެއް ބާނީ ސްޓީވް ޓިޑްބޯލް ބުނި ގޮތުގައި ލައިގެން ވެސް ހުންނަން އަރާމުކޮށް ތައްޔާރުކޮށްފައިވާ ފަޓުލޫނު ފަރުމާކޮށްފައި ވަނީ ތިން ފަށަލައަކަށެވެ.

ބޭރުގައި އިންނަ ފަށަލައަކީ ފެން ކިތަންމެ ވަރަކަށް، ކިތަންމެ ދިގު މުއްދަތަކަށް ފެނުގައި އޮތަސް ގެއްލުމެއް ނުވާ ގޮތަށް ފަރުމާކޮށްފައިވާ ފަށަލައެކެވެ. މެދު ފަށަލަ ތައްޔާރުކޮށްފައި ވަނީ އަލިފާން ނުހިފާ ގޮތަށް އަދި ފިނިހޫނުމިން ކޮންޓްރޯލްކޮށްދޭ ގޮތަށް އެއާބޭގް ވެސް ހިމެނޭ ގޮތަށެެވެ.

ވޮލެބެކްގެ ޓްވީޓެއް.

ބިއްލޫރި ފަދަ އެއްޗެހިން ނުކެފޭ ފަށަލައެއް އިންނާތީ މިއީ ލައިގެން ހުންނަ އިރު ވެސް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިކޮށް އުފެއްދުމެކެވެ.

ވޮލެބެކްގެ ޓްވީޓެއް.

"ގިނަ ފަޔާ ރެސިސްޓަންޓް އުފެއްދުންތަކަކީ ބަރު އަދި ލައިގެން ހުންނަ އިރު ހަށިގަނޑަށް އުނދަގޫ އިހުސާސް ކުރެވޭ އެއްޗެހި. އެކަމަކު އަހަރެމެންގެ މި އުފެއްދުމަކީ ލައިގެން ހުންނަ ފަސޭހަ އަރާމު އަދި ލުއި އެއްޗަކަށް ވާނެ،" ސްޓީވް ބުންޏެވެ. "އެހެން ގޮތަކަށް ބުނާ ނަމަ މިއީ އާދައިގެ ފަޓްލޫނެއް ނުވަތަ ޖީންސެއް ލައިގެން ހުރުން ކަހަލަ ކަމެއް."

އޭނާ ބުނި ގޮތުގައި ދިގު މުއްދަތަކަށް ބޭނުން ކުރެވިދާނެ މި ފަޓްނޫލަކީ ކުރިން އަލިފާން ނިއްވުން ކަހަލަ މަސައްކަތްތައް ކުރާ މީހުންނަށް ނުވަތަ އަސްކަރީ މަސައްކަތްތަކުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ތައްޔާރު ކުރަން ހިޔާލަށް އައި އެއްޗެކެވެ. އެކަމަކު ފަހުން ފަޓްލޫނު ފަރުމާކޮށް ނިންމައިލީ އާދައިގެ މީހަކަށް ވެސް ހަމަ އާދައިގެ އަންނައުނެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށެވެ.

ވޮލެބެކްގެ މި ފަޓްލޫނަކީ އެ ކުންފުނިން އުފެއްދި މިފަދަ ފުރަތަމަ ފަރުމާއެއް ނޫނެވެ. މިދިޔަ އަހަރު އެތަނުން ވަނީ ގަރުނަކަށް ބޭނުން ކުރެވިދާނެ ކަހަލަ ހުޑީއެއް ވެސް ނެރެފަ އެވެ.