ރިއާނާ ފެޝަން ބްރޭންޑެއް ލޯންޗްކުރަނީ

"ފެންޓީ ބިއުޓީ" ގެ ނަމުގައި 2017 ގައި ކޮސްމެޓިކް ބްރޭންޑް ލޯންޗްކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ފެޝަން ބްރޭންޑެއް ލޯންޗްކުރަން ނިންމައިފި އެވެ.


ވިމެންސް ވެއާސް ޑެއިލީ (ޑަބްލިއުޑަބްލިއުޑީ) އިން ބުނި ގޮތުގައި މި އަހަރުގެ ފަހުކޮޅު ލޯންޗް ކުރާނެ ކަމަށް ބެލެވޭ ފެޝަން ބްރޭންޑް ވުޖޫދަށް އަންނާނީ ފްރާންސްގެ މަޝްހޫރު ފެޝަން ކުންފުނި އެލްވީއެމްއެޗްއާ ގުޅިގެންނެވެ. އެ ކުންފުނީގެ ދަށުން ހިންގާ ބްރޭންޑްތަކުގެ ތެރޭގައި ޑިއޯ، ސެލީން، ގިވެންޗީ އަދި ލުއި ވުއިޓަން ހިމެނެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އެލްވީއެމްއެޗުން މިހާރު ވަނީ ރިއާނާގެ ފެޝަން ބްރޭންޑްގެ މަސައްކަތަށް ހާއްސަ ޓީމެއް އެކުލަވާލައި އޭނާއާ އެކު ވަރަށް ގާތުން މަސައްކަތް ކުރަން ފަށައިފަ އެވެ. އަދި ބްރޭންޑް ލޯންޗް ކުރާނީ މި އަހަރު ނެރެން ނިންމާފައިވާ ރިއާނާގެ ނުވަ ވަނަ އަލްބަމާ އެކުގައި ކަމަށްވެ އެވެ.

ގްރެމީ ހާސިލުކޮށްފައިވާ 30 އަހަރުގެ ލަވަކިޔުންތެރިޔާ ލަގްޒަރީ ފެޝަން ބްރޭންޑްގެ ދަށުން ތަފާތު އެކި ކަހަލަ ކަލެކްޝަންތަކެއް ނެރޭނެ އެވެ. އޭގެ ތެރޭގައި އިނަ ވެއާ އާއި އެކިއެކި މުނާސަބަތުތަކާ ގުޅޭ ހެދުން ތަފާތު ޑިޒައިންތަކުގެ އަންނައުނުގެ އިތުރުން ހިތްގައިމު އެކްސެސަރީޒް ހިމެނޭނެ އެވެ.

ރިއާނާ ފެޝަން ބްރޭންޑެއް ލޯންޗް ކުރާ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ފެންޓީ ބްރޭންޑްގެ އަވި އައިނެއް އަޅައިގެން ހުއްޓައި ފެނުމާ ގުޅިގެންނެވެ.

އެކަމާ ގުޅުވައިގެން މީޑިއާތަކުން ބުނީ އެއީ ފެޝަން ބްރޭންޑެއް ލޯންޗް ކުރަން އުޅޭކަން ނުރަސްމީކޮށް އޭނާ ދިން އިޝާރާތެއް ކަމަށެވެ.

ބާބެޑޯސް އުފަން ކާމިޔާބު ލަވަކިޔުންތެރިޔާ އެކި ކަހަލަ ވިޔަފާރިތަކަށް އިންވެސްޓް ކުރަމުން އަންނަ އިރު މިދިޔަ ހަފުތާގެ ތެރޭގައި ރިއާނާ ވަނީ އޭނާ ޓްރޭޑް މާކެއްގެ ގޮތުގައި ބޭނުން ކުރާ ފެންޓީ ހިމަނައިގެން ބައްޕަ، ރޮނާލްޑް ފެންޓީ، "ފެންޓީ އެންޓަޓައިންމަންޓް" ގެ ނަމުގައި ކުންފުންޏެއް ހިންގާތީ އެކަމާ ދެކޮޅަށް ދައުވާ ވެސް ކޮށްފަ އެވެ.