މި ސްނިކާޒްގެ މައްސަލަ ވެސް ބޮޑުވެއްޖެ

މިދިޔަ އަހަރު އިޓަލީގެ ގޯލްޑެން ގޫސް އިން ވިއްކި، ހަލާކުވެ ޓޭޕް އަޅާފައި ހުންނަ ގޮތް ސިފަކޮށްދޭ ބޫޓް ކަލެކްޝަނެއްގެ މައްސަލަލަ ބޮޑުވި އެވެ. އެއީ ފަގީރުންނަށް މަލާމަތް ރައްދުވާ ކަމަށް ބުނެ އެވެ.


މި ފަހަރު އަނެއްކާ ވެސް އިޓަލީގެ މަޝްހޫރު އެހެން ކުންފުންޏެއްގެ ބޫޓެއް މި ވަނީ ފާޑުކިޔުންތަކާ އެކު، އެތައް ބައެއްގެ ރާޑަރަށް އަރައިފަ އެވެ. ގުޗީ މިފަދަ މަޅިއެއްގައި މި ބެދުނީ ނަސްލީ ތަފާތުކުރުން ސިފަވާ ކަމަށް ބުނާ ޖަމްޕަރެއް ނެރެ މިދިޔަ ހަފުތާގައި ވިއްކަން ފެށުމުންނެވެ. މިހާރު އެ ވިއްކުން ހުއްޓާލައިފި އެވެ.

ގުޗީން މި ފަހަރު ނެރުނީ ކިލާވެފައިވާ ގޮތަށް ފެންނަ ސްނީކާޒްއެކެވެ. ހަޑިވެފައި ހުންނަ ގޮތަށް ސިފަކޮށް ދިނަސް، މިއީ ގުޗީގެ ތަނަވަސް ހިޔާލުގެ ތެރެއިން ގެނައި ފަރުމާއެއް ކަމަށްވެ އެވެ. "ހަޑިވެފައި" ހުންނަ ސްނީކާޒްގެ އަގަކީ 615 ޕައުންޑް (791.06 ޑޮލަރު) އެވެ.

ގުޗީގެ ވެބްސައިޓްގައި "ހަޑިވެފައި" ހުންނަ ބޫޓް ސިފަކޮށްފައި ވަނީ ފިރިހެނުނާ ގުޅޭ "ވިންޓޭޖް، ޑިސްޓްރެސްޑް އަދި އޯލްޑް ސްކޫލް ޝޭޕްސް" ގެ ފަރުމާއެއްގެ ގޮތުގަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ބޫޓްގެ ގިނަ ކުލަތަކެއް ލިބޭނެ އެވެ.

ގުޗީން ކިތަންމެ ފަހުރުވެފައި މި ބޫޓް ކަލެކްޝަން ޕްރޮމޯޓް ކުރިޔަސް، ގިނަ ބަޔަކު ދަނީ ޓްވިޓާގައި އެ ކުންފުންޏަށް މި އުފެއްދުމާ ގުޅިގެން އެއްޗެހި ކިޔަމުންނެވެ. އަދި ކަސްޓަމަރުންގެ އަތުން ފައިސާ ހޯދަން ބޭނުން ނަމަ ތަންކޮޅެއް ހަރުދަނާ އެއްޗެއް ވިއްކަން ބައެއް މީހުން ވަނީ ގޮވާލައިފަ އެވެ.

މިފަދަ ބޭކާރު ފަރުމާތަކުން ދައްކުވައި ދެނީ ފެޝަން ކުންފުނިތަކުގެ އުފެއްދުންތެރިކަން ކުޑަވަމުން ދިއުން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.