އަތްދަބަސް ކުޑަކަމުން ޖޯކު ޖަހަނީ

ފެޝަނޭ ކިޔާފައި ފެޝަން ކުންފުނިތަކުން ކޮންމެ ފަދަ ފަރުމާއެއް ވެސް ނެރެފާނެ އެވެ. އަތުގައި އޮންނަ މޮބައިލް ފޯނާއި އަންހެންވެރިން ގެންގުޅޭހާ މޭކާޕް ސާމާނާއި އޭތިމީތި ލެވޭވަރުގެ އަތްދަބަހެއް ނޫން ނަމަ އެފަދަ ދަބަހެއްގެ ބޭނުމެއް އޮންނާނެ ހެއްޔެވެ؟


އެކަމަކު އެކަހަލަ އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައި ފަރުމާކޮށްފައިވާ ކަމަށް ބެލެވޭ ދެ އިންޗީގެ އަތްދަބަސް ފްރާންސްގެ ޕެރިސް ފެޝަން ވީކްގައި ވަނީ ދައްކާލައިފަ އެވެ. މޮޑެލުން ވަނީ އިންތިހާ އަށް ކުޑަ މި އަތްދަބަހާ އެކު ރޭމްޕް މަތީގައި ކެޓްވޯކް ޖައްސައިފަ އެވެ.

ފިޔާތޮށްޓާއި ރަތް ކުލައިގެ ޝޭޑްސް އެކުލެވޭ ކުދި އަތްދަބަސް ކަލެކްޝަނަށް ދީފައިވާ ނަމަކީ "ލެ މިނީ ޗިކިއުޓޯ" އެވެ. މިއީ ފްރާންސްގެ މަޝްހޫރު ފެޝަން ބްރޭންޑް ޖެކްއެމަސްގެ އުފެއްދުމެކެވެ. ދަބަހުގެ އަގަކީ 522 ޑޮލަރު (8،023.14ރ.) އެވެ.

މި އަތްދަބަސް ދައްކައިލުމާ އެކު ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ވަނީ މިއަށް ޖޯކް ޖަހައިފަ އެވެ. އެއް ބަޔަކު ބުނީ ތި ދަބަހަށް ލެވޭނީ ދެތިން ގުޅަ ޕެނަޑޯލް ކަަމަށެވެ. ޓްވިޓާގައި އެހެން މީހަކު ސިފަކުރީ އެއީ ޕީނަޓެއް ލާން ހަދާފައިވާ އެއްޗެއް ކަމަށެވެ.

ދަބަހަށް ޖޯކް ޖެހި އެހެން މީހަކު ބުނި ގޮތުގައި މިއީ އޭނާގެ ސިކުނޑީގެ ދެތިން ސެލްއެއް ރައްކާކޮށްލަން ފައްކާ އެއްޗަކަށް ވެދާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ލެ މިނީ ޗިކިއުޓޯ" ކިތަންމެ ކުޑަޔަސް، ފެޝަނަށް ލޯބި ކުރާ އަންހެނުންގެ މެދުގައި މި ދަބަސް ވަރަށް މަގުބޫލެވެ. އެހެންވެ މީގެ ޑިމާންޑް ވެސް ވަރަށް ބޮޑު ކަމަށްވެ އެވެ.

އެކަމަކު ގިނަ ބައެއްގެ ސުވާލަކީ މި ދަބަށް ލާނީ ކޯޗެއް ހެއްޔެވެ؟ ފަހަރުގައި އެއީ ކައިފައި އުކާލާ ޗުއިންގަމްކޮޅަށް ވެސް ވެދާނެ ދޯ އެވެ؟