ރިއާނާގެ ފެޝަން ލައިން ލޯންޗްކުރުން މި މަހުގެ 22 ގައި

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ ފެޝަން ލައިން މި މަހު ލޯންޗްކުރާނެކަން ކަށަވަރުކޮށްދީފި އެވެ.


"ފެންޓީ ބިއުޓީ" ގެ ނަމުގައި މިހާރު ވެސް މޭކަޕް ސާމާނު ނެރެމުން އަންނަ، ބާބެޑޯސް އަށް އުފަން ލަވަކިޔުންތެރިޔާ ބުނި ގޮތުގައި "ފެންޓީ" ގަ ނަމުގައި އޭނާގެ ފެޝަން ލައިން ލޯންޗް ކުރާނީ މި މަހުގެ 22 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގަ އެވެ.

ރިއާނާގެ ފެޝަން ލައިން ލޯންޗް ކުރަނީ އެލްވީއެމްއެޗާ ގުޅިގެންނެވެ. އެގޮތުން "ފެންޓީ" ގެ ދަށުން ހެދުމާއި ބޫޓާއި ފައިވާނާއި އެކްސެސަރީޒް ނެރޭނެ އެވެ. އަދި ރިއާނާއަކީ އެ ކުންފުންޏާ ގުޅިގެން އޮރިޖިނަލް އުފެއްދުންތަކެއް ގެނެސްދޭ ފުރަތަމަ އަންހެން ފަންނާނު ވެސް މެ އެވެ.

އެލްވީއެމްއެޗުން ބުނި ގޮތުގައި އެ ކުންފުންޏާ ގުޅިގެން ރިއާނާ އޭނާގެ އަމިއްލަ ތަސައްވުރާ އެއްގޮތަށް ފެޝަނުގެ ގިނަ އުފެއްދުންތަކެއް ގެނެސް ދޭނެ އެވެ. އަދި މިއީ ފެޝަނަށް ލޯބި ކުރާ މީހުން ވަރަށް ގަޔާވާނެ އުފެއްދުންތަކެއް ވާނެ ކަމަށް ބުންޏެވެ.

"އަހަރެމެން އެންމެންނަށް ވެސް އެނގޭ ރިއާނާއަކީ ވަރަށް ވެސް ހުނަރުވެރި މޮޅު ލަވަކިޔުންތެރިއެއްކަން. އެކަމަކު ފެންޓީއާ އެކު އޭނާ އަންނަނީ ވަރުގަދަ އަންހެން ވިޔަފާރިއެއްކަން ވެސް ސާބިތުކޮށް ދެމުން،" އެލްވީއެމްއެޗްގެ ޗެއާމަން އަދި ސީއީއޯ ބާނާޑް އެނޯލްޓް ބުންޏެވެ.

އެލްވީއެމްއެޗަކީ މިހާރު ވެސް އޭގެ ދަށުގައި ލުއީ ވިޓަން، ފެންޑީ، ގިވެންޗީ އަދި ސެލީން ފަދަ މަޝްހޫރު ބްރޭންޑްތައް ހުރި ކުންފުންޏެކެވެ.

ރިއާނާ، 31، ފެންޓީ ލޯންޗް ކުރީ 2016 ގަ އެވެ.