ނައިކީގެ އާ ބޫޓު ހެދީ "ދުވަން ފޫހިވާ މީހުންނަށް"

ދުވުމަކީ އުނދަގޫ ނުވަތަ ފޫހި ކަމެއްގެ ގޮތުގައި އިހްސާސްކުރެވޭ މީހުންނަށް ހާއްސަކޮށް، ހާއްސަ ސިފަތަކެއް ހިމަނައިގެން ނައިކީ ކުންފުނިން ބޫޓެއް އުފައްދައިފި އެވެ.


އެ ކުންފުނިން ބުނި ގޮތުގައި "ޖޯއިރައިޑް ރަން ފްލައިނިޓް" ގެ ނަން ދީފައިވާ ބޫޓަކީ އޭގެ ދަށްފުށުގައި ފުންނާބާ ދިމާލުން ބޭނުންކޮށްފައިވާ ބީޑްސްގެ ސަބަބުން، ބޫޓަށް އަރައިގެން އިންނަ އިރު، ފައިގެ ހަރަކާތްތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް ފަޔަށް އަރާމުކަމާއި ފަސޭހަކަން ލިބޭނެ ބޫޓެކެވެ. އެހެންވެ މިއީ ހިނގާށާއި ދުވަން ވަރަށް ރަނގަޅު އުފެއްދުމަކަށް ވާނެ ކަމަށް ބުންޏެވެ.

ނައިކީން ބުނަނީ އެހެން ކުންފުނިތަކުން ނެރެފައިވާ މި ބާވަތުގެ ބޫޓްތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް "ޖޯއިރައިޑް ރަން ފްލައިނިޓް" ފައްކާވާނެ ކަމެވެ.

"މިއަށް އަރައިގެން ހުންނަ އިރު އިހުސާސް ކުރެވޭނީ ބަބަލްއެއްގެ މަތީގައި ހުރެވޭ ކަހަލަ އިހުސާސެއް،" ނައިކީން ބުންޏެވެ. "މީގެ އެންމެ ހާއްސަ ސިފަ އަކީ ބޫޓްގައި ހިމަނާފައިވާ ބީޑްސް. އެއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް އަދި ވަރަށް ގިނަ ޓެސްޓްތަކަކަށް ފަހު ފައިނަލްކޮށްފައިވާ ހާއްސަ ސިފަތަކެއް އެކުލެވޭ ބީޑްސްތަކެއް."

"ޖޯއިރައިޑް ރަން ފްލައިނިޓް" މިހާރު ނައިކީގެ މެމްބަޝިޕް ކަސްޓަމަރުންނަށް ގަންނަން ލިބޭނެ އެވެ. އަދި އާންމުކޮށް ނެރެން ނިންމާފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ.