ގެއްލުންވާތީ ޒަރާގެ 1،200 ފިހާރައެއް ބަންދުކުރަން ނިންމައިފި

ކޮވިޑް-19ގެ ސަބަބުން ފިހާރަތަކުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން، ސްޕެއިންގެ މަޝްހޫރު ފެޝަން ބްރޭންޑް ޒަރާގެ 1،200 ފިހާރައެއް ބަންދުކުރަން ނިންމައިފި އެވެ


މިކަމާ ބެހޭ ގޮތުން ޒަރާގެ ބެލެނިވެރި ކުންފުނި އިންޑިޓެކްސް އިން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އައުޓްލެޓްތަކުގެ ތެރެއިން 1،200 ތަނެއް ބަންދުކުރަން ނިންމާފައިވާ ކަމަށާއި އެއީ އެ ކުންފުނީގެ އައުޓްލެޓްތަކުގެ 16 ޕަސެންޓް ކަމަށެވެ.

ފިހާރަތައް ބަންދުކުރަން ނިންމި މައިގަނޑު އެއް ސަބަބަކީ ކޮވިޑާ އެކު ކުރިމަތިވި ލޮކްޑައުންގައި ފިހާރަތައް ބަންދުކުރަން ޖެހުމުން އެ ތަންތަނުގެ ވިޔަފާރި ދަށްވެ، ތަންތަން ހިންގަން ކުރާ ހަރަދު ސަލާމަތްކުރުމަށެވެ. އިންޑިޓެކްސް އިން ބުނި ގޮތުގައި ފިހާރަތަކުގެ ވިޔަފާރި ދަށްވި ނަމަވެސް ޒަރާގެ އޮންލައިން ވިޔަފާރި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި 95 ޕަސެންޓް މައްޗަށް އަރާފައިވެ އެވެ.

އައުޓްލެޓްތައް ބަންދުކުރަން ނިންމި ތަންތަނުގެ ތެރޭގައި އުތުރާއި ދެކުނު އެމެރިކާގައި ހުރި ބައެއް ތަންތަނާއި އޭޝިއާ އާއި ޔޫރަޕްގެ އެކި ގައުމުތަކުގައި ހުރި ތަންތަން ހިމެނެ އެވެ. އެގޮތުން މި އަހަރުގެ ތެރޭގައި 600 ފިހާރައެއް ބަންދުކޮށް، އަންނަ އަހަރުގެ ތެރޭގައި އިތުރު 600 ތަނުގައި ބަންދު ބޯޑު އަޅުވާނެ އެވެ.

އިންޑިޓެކްސް އިން ބުނިގޮތުގައި ފެބްރުއަރީ މަހުގެ 1 އިން ފެށިގެން އެޕްރީލް މަހުގެ 30 އަށް ޒަރާގެ އައުޓްލެޓްތަކުގެ ވިޔަފާރި އަށް 44 ޕަސެންޓްގެ ވެއްޓުމެއް އައިސްފައިވާ އިރު، އަހަރުގެ ފުރަތަމަ ކުއާޓަރުގައި 463 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވެ އެވެ.

ފިހާރަތަކެއް ބަންދުކުރަން ނިންމައި އިންޑިޓެކްސް އިން ވަނީ ޒަރާގެ އޮންލައިން ވިޔަފާރި ފުޅާކޮށް ވަރުގަދަކުރަން ކުރިއަށް އޮތް ތިން އަހަރު އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރަން ވެސް ނިންމައިފަ އެވެ. މީގެ އިތުރުން ފިހާރަތަކުގެ އަދަދު މަދުކޮށް، އެފަދަ ތަންތަން އިތުރަށް އަޕްގްރޭޑް ވެސް ކުރަން ވެސް ނިންމައިފަ އެވެ.

ޒަރާ އަކީ ފެޝަނުގެ ވިޔަފާރީގައި އެންމެ ކާމިޔާބު އެއް ބްރޭންޑެވެ.