މަރުވުމުގެ ކުރިން ޖަހަން ބޭނުންވި ޓެޓޫ 103 އަހަރުގައި ޖަހައިފި

ގަރުނެއް ވަންދެން ދުނިޔޭގައި ހުރެއްޖެ ނަމަ ލައްކަ ބައިވަރު ކަންކަން ތަޖުރިބާކުރެވިފައި ހުންނާނެ އެވެ. އެއީ ކުރަން ބޭނުންވާ ކަންކަމާއި ހާސިލުކުރަން ބޭނުންވާ ކިތަންމެ ކަމެއް ހާސިލުވާން ވެސް ލިބޭނެ ފުރުސަތެކެވެ.


މިއީ އުމުރުން 103 އަހަރުގެ ޑޮރޯތީ ޕޮލޮކެވެ. ދިރިއުޅެނީ އެމެރިކާގެ މިޝިގަންގަ އެވެ. ޖޫން މަހު 103 އަހަރު ފުރުނު އިރު މި އަންހެން މީހާގެ ބަކެޓްލިސްޓްގައި ކުރަން ބޭނުންވެ، ހާސިލުނުކުރެވިފައި އޮތް ކަމެއް އޮތެވެ. އެއީ ހަށިގަނޑުގައި ޓެޓޫއެއް ޖެހުމެވެ. އެހެންވެ މަރުވުމުގެ ކުރިން އޭނާ މިހާރު ވަނީ އެ އެދުން ވެސް ހާސިލުކޮށްފަ އެވެ. ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޓެޓޫއެއް ޖަހަން ހިތުލައިގެން އުޅުނު ޑޮރޯތީ ޓެޓޫއަކަށް ވާތުގައި ޖެހީ ބޮކެއްގެ ކުރެހުމެވެ. ކަޅާއި ފެހި ކުލައިންނެވެ.

އޭނާގެ މާމައެއް ދަރިއެއް ކަމަށްވާ ތެރީޒާ ޒެވިޒް-ޖޯންސް ސީއެންއެން އަށް ބުނިގޮތުގައި ނާސިން ހޯމެއްގައި ހުރި މާމަ ކޮވިޑް-19 ގެ މި ހާލަތުގައި މިހާރު ހުރީ އާއިލާގެ އެހެން މީހުންނާ އެކު ގޭގަ އެވެ. ސަތޭކަ ތިން ވަނަ އުފަން ދުވަސް އައީ މިކަމުގެ ތެރޭގަ އެވެ. އެކަމަކު ޓެޓޫ ޖަހާލަން ރަނގަޅު ދަނޑިވަޅެއް ލިބުނީ މިދިޔަ ހުކުރު ދުވަހު އެވެ. އެހެންވެ ޓެޓޫ ޖަހާތަނަކަށް ވެސް ބަކެޓްލިސްޓަށް ޓިކެއް އިތުރުކޮށްލީ އެވެ.

ޑޮރޯތީގެ އަތުގައި ޖެހި ޓެޓޫ.

"މާމަ އަބަދު ވެސް ބޭނުންވި ބޮކެއް ސިފަވާ ޓެޓޫއެއް ޖަހަން. އެހެންވެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އެކަން ކޮށްދިނީ،" ތެރީޒާ ބުންޏެވެ. "މާމަގެ ބަކެޓްލިސްޓްގައި ހިމެނުނު އެކަން ހާސިލުކޮށް ދެވުމަކީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް."

ޑޮރޯތީ ކިޔައިދިން ގޮތުގައި މީގެ އަހަރުތަކެއް ކުރިން އޭނާގެ ފިރިހެން ފަރިފުޅު ވެސް ޓެޓޫއެއް ޖަހައިދޭން އުޅުނެވެ. އެކަމަކު އޭރު އެ ފުރުސަތު ދޫކޮށްލީ ކަމަށް ބުންޏެވެ.

"އެކަމަކު އޭރު ވެސް ހިތުލައިގެން ހުރީ ކޮންމެވެސް ދުވަހަކުން ޓެޓޫއެއް ޖަހަން. އެކަން އެހެން އޮތްވައި އަނެއްކާ ވެސް އެތައް އަހަރެއް ފަހުން ޓެޓޫ ޖަހަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް،" ޑޮރޯތީ ބުންޏެވެ. "ޓެޓޫއަކަށް ބޮކެއް ޖަހަން ބޭނުންވީ އަހަންނަށް ބޮކަކީ ވަރަށް ކަމުދާ އެއްޗަކަށްވާތީ."

އޭނާ އަށް ޓެޓޫ ޖަހައިދިން "އޭޑަބްލިއުއޯއެލް ކަސްޓަމް ޓެޓޫއިން" ގެ ރޭ ރީޒަނާ ޖޫނިއާ ބުނީ 100 އަހަރުން މަތީގެ އަންހެނަކު ޓެޓޫއެއް ޖަހަން އައުމަކީ މުޅިން އާ ކަމެއް ކަމަށެވެ. އަދި އެ އުމުރުގެ މީހަކަށް ޓެޓޫއެއް ޖަހައިލަން ކެތްވާނެތޯ ސުވާލު އުފެދުނު ކަމަށް ވެސް ބުންޏެވެ.

"އެކަމަކު އަހަރެން ހީކުރި ވަރަށް ވުރެ ހިތްވަރު ގަދަ މީހެއް ޑޮރޯތީ އަކީ. ވަރަށް މަޑުމައިތިރިކަމާ އެކު ނިމެންދެން ވެސް އޭނާ އިނީ،" ރޭ ބުންޏެވެ. "އަދި އަހަންނަށް މިއީ ވަރަށް ތަފާތު ތަޖުރިބާއެއް ވެސް މެ. އެހާ ދުވަސްވީ މީހަކަށް ޓެޓޫއެއް ޖަހައި ދިނުމަކީ ލިބުނު ޝަރަފެއްގެ ގޮތުގައި ދެކެނީ."

ޓެޓޫއެއް ޖަހައިލުމުގެ އިތުރަށް ދެން ޑޮރޯތީގެ ބަކެޓްލިސްޓްގައި އޮތް އަނެއް ކަމަކީ ސައިކަލެއްގައި ބުރެއްޖަހައިލުމެވެ. އެކަން ވެސް އޭނާ ހާސިލުކޮށްފި އެވެ. ދަރިއެއްގެ ސައިކަލެއްގެ ފަހަތަށް އަރައިގެން ޖެހި ބުރަކީ ވެސް ޑޮރޯތީގެ ހަޔާތުގެ ހާއްސަ އެއް ކަންތަކެވެ.