ފެޝަން ޝޯގެ މައްސަލާގައި ރިއާނާ މާފަށް އެދިއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ އަމިއްލަ ބްރޭންޑް ފެންޓީގެ ދަށުން މިދިޔަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "ސަވޭޖް އެކްސް ފެންޓީ" ޝޯގެ ބެކްގްރައުންޑް މިއުޒިކްގައި ކީރިތި ރަސޫލާގެ ހަދީސްތަކެއް ހިމެނި މައްސަލަ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން މާފަށް އެދިއްޖެ އެވެ.


މަޝްހޫރު މޮޑެލުންތަކެއް ނިވާކަން ކުޑަ އުފެއްދުންތަކެއް ވެސް ދެއްކި ޝޯގައި މިއުޒިކްގައި ހަދީސްތަކެއް ބޭނުންކުރީ އިސްލާމް ދިނަށް ފުރައްސާރަކޮށް، ހަދީސްތަކަށް ޖޯކް ޖަހައި، މުސްލިމުންނާ ދެކޮޅަށް ހިންގި އަމަލެއްގެ ގޮތުގައި ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރިއާނާ އާއި އޭނާގެ އުފެއްދުންތައް ބޮއިކޮޓްކުރަން ވެސް ބައެއް މީހުން ގޮވާލާފައިވެ އެވެ.

މި މައްސަލަ ހޫނުވުމުން، 32 އަހަރުގެ ފަންނާނު އެކަމަށް މާފަށް އެދި ބުދަ ދުވަހު އިންސްޓަގްރާމްގައި ސްޓޯރީގައި އާންމުކުރި ބަޔާނެއްގައި ބުނީ "ޑޫމް" ގެ ނަމުގައި އަންހެން އާޓިސްޓް ކުކޫ ކްލޯއީ ގެނެސްދިން މިއުޒިކްގެ ތެރެއަށް ހަދީސްތަކެއް ގެނެވުނީ ގަސްތުގައި ނޫން ކަމަށެވެ. އަދި އޭނާ އަކީ އަބަދު ވެސް ހުރިހާ ދީންތަކަށް އިހުތިރާމްކުރާ މީހެއް ކަމަށާއި މުސްލިމުންނާ ދެކޮޅު އެއްވެސް އެޖެންޑާއެއް ނެތް ކަމަށް ބުންޏެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން މިއުޒިޝަނުންގެ ތެރޭގައި ހިމެނޭ އަދި އަމިއްލަ ބްރޭންޑް "ފެންޓީ" އިން ނުފޫޒު ގަދަ ވިޔަފާރިވެރިއެއްގެ ދަރަޖަ ވެސް ހޯދާފައިވާ ރިއާނާ ބުނީ ފެޝަން ޝޯގެ ތެރެއިން މުސްލިމުންނަށް "ފުރައްސާރަކުރެވުނީތީ މައާފަށް އެދޭ" ކަމަށާއި "އެކަމަކީ ފަރުވާ ކުޑަކޮށްލުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް އަހަރެންގެ ފަރާތުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެން. އަދި މައާފު ދިން އެންމެންނަށް ޝުކިރު ވެސް އަދާކުރަން،" ރިއާނާ ބުންޏެވެ.

އޭނާގެ އިތުރުން ކްލޯއީ ވެސް ވަނީ މައާފަށް އެދިފަ އެވެ. އޭނާ ބުނީ "ޑޫމް" ގެ ތެރޭގައި ހަދީސްތަކެއް ހިމެނޭކަން ކުރިއަކުން ނޭނގޭ ކަމަށާއި އެ ލަވަ އަކީ ބެއިލް ފަންކްގެ ޓްރެކްތަކެއްގެ ތެރެއިން ސާމްޕަލްތަކެއް ނަގައިގެން ހެދި ލަވައެއް ކަމަށެވެ. އެހެންވެ އޭގައި ބޭނުންކޮށްފައި ހުރި ބައެއް އިބާރާތްތަކަކީ ހަދީސްތަކެއްކަން ނޭނގޭ ކަމަށް ބުންޏެވެ. ކްލޯއީ މިހާރު ވަނީ ހުރިހާ ސްޓްރީމިން ޕްލެޓްފޯމަކުން ވެސް "ޑޫމް" ބޭރުކޮށްލައިފަ އެވެ.