"އާޖެންޓީނާގެ އެހެން ކުޅުންތެރިން މެސީ އަށް އެހީވާން ޖެހޭ"

ބީނޯސް އޭރީޒް (އޭޕްރިލް 13) – ލިއޮނަލް މެސީ އަށް އެކަނިމާއެކަނި އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްނުދެވޭނެ ކަމަށާއި އޭނާ އަށް އެހީތެރިވުމަށްޓަކައި އެ ޓީމުގެ އެހެން ކުޅުންތެރިން ކުޅުމުގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކްލައުޑިއޯ ޓާޕިއާ ވިދާޅުވެއްޖެ އެވެ.


އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފައިނަލަށް އާޖެންޓީނާ ގޮވައިގެން މެސީ ދަތުރުކުރި ނަމަވެސް ފައިނަލުން ޖަރުމަން އަތުން 1-0 އިން ބަލިވީ އެވެ. ދަތި އުނދަގުލުން މި ފަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވެފައިވާއިރު މިއީ އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ އަށް ވޯލްޑް ކަޕް ކާމިޔާބުކުރަން ލިބޭ ފަހު ފުރުސަތަށް ވުން ގާތެވެ.

"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މިހިރީ އަހަރެމެންގެ ޓީމުގައި. އެކަމަކު އަހަރެމެން ޖެހޭނެ އޭނާ އަށް އެހީވާން. އޭނާ އަށް އެކަނި އެކަމެއް ނުވާނެ،" ޓާޕިއާ ވިދާޅުވި އެވެ. "އޭނާ އަކީ ވަރަށް ހަރުދަނާ ކުޅުންތެރިޔެއް، އަދި އޭނާ ހުރުމަކީ އަހަރެމެންނަށް ލިބޭ އިތުރު ކުރިއެރުމެއް. އޭނާ އަކީ އެއް ނަމްބަރު ކުޅުންތެރިޔެއް. އޭނާގެ އެބަހުރި މި ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އަޒުމް."

މެސީ ވަނީ ކްލަބް ލެވެލްގައި ބާސެލޯނާއާ އެކު ހުރިހާ ކާމިޔާބެއް ހާސިލްކޮށްފަ އެވެ. އަދި އަމިއްލަ ކެރިއަރުގައި ވެސް އެތައް އެވޯޑްތަކެއް ހޯދައިފި އެވެ. އެކަމަކު ގައުމީ ޓީމާ އެކު އެދެވޭ ކާމިޔާބެއް ނުހޯދެ އެވެ. އެއް ބަޔަކު ބުނަނީ އޭގެ ސަބަބަކީ އޭނާ އަށް ޕްރެޝަރު ބޮޑުވުމެވެ. އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީ ދާދި ފަހުން ބުނީ އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ މެސީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ގޮތުގައި ސިފަކޮށް ގިނަބަޔަކު ތިބީ އޭނާގެ "ބޮލުގައި ބަޑިޖައްސައިގެން" ކަމަށެވެ.

މެސީ ބޮލުގައި ހުރީ ބަޑިއެއް ޖައްސާފައި. އެޔަށް ކިޔަނީ ވޯލްޑް ކަޕް. އެ (ވޯލްޑް ކަޕް) ކާމިޔާބު ނުކޮށްފިނަމަ އޭނާ ބޮލަށް ބަޑިޖަހައި މަރާލާނެ. މީގެ ނަތީޖާ އެއްގެ ގޮތުުން މެސީ އަށް އޭނާގެ ހުނަރުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭ،" މެސީ އަށް ކުރިމަތިވެފައިވާ ޕްރެޝަރު ސިފަކޮށްދެމުން ސަމްޕައޯލީ ބުންޏެވެ.