ތާރީހުގެ ތެރެއިން: ވޯލްޑް ކަޕުގެ އެންމެ މޮޅު މެޗު!

އެއީ 1982 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕެވެ. ޑިއެގޯ މަރަޑޯނާ އާއި ޑެނިއަލް ޕަސަރެއްޔާ އަދި މާރިއޯ ކެމްޕެސް ފަދަ ކުޅުންތެރިންނާ އެކު އާޖެންޓީނާގައި އޮތީ ނުހަނު ވަރުގަދަ ސްކޮޑެކެވެ. ބްރެޒިލްގެ ވާހަކަ ދައްކާނެ ވެސް ކަމެއް ނެތެވެ. ފަލްކާއޯ އާއި ޒިކޯ އަދި ސޮކްރަޓީސްއާ އެކު އެއީ ވޯލްޑް ކަޕަކަށް މިހާތަނަށް ނެރުނު އެންމެ ވަރުގަދަ އެއް ޓީމެވެ. ދެ ވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމާ އެކު ދެން އޮތް އިޓަލީއާ މެދު ބަޔަކު މާ ބޮޑު އުއްމީދެއް ނުކުރެ އެވެ. ގްރޫޕް ސްޓޭޖުން ސަލާމަތްވީ އުނދަގުލުންނެވެ. ސަސްޕެންޝަނުގެ ސަބަބުން ދިގު މުއްދަތެއްގައި ކުޅުމާ ދުރުގައި ހުރުމަށް ފަހު ޓީމާ ގުޅުނު ފޯވާޑް ޕައޮލޯ ރޮސީ އަށް ގްރޫޕް ސްޓޭޖުގައި ލަނޑެއް ޖެހިފައެއް ނުވެ އެވެ.


އެކަމަކު ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި އާޖެންޓީނާއާ ދެކޮޅަށް އިޓަލީން ދެއްކީ ތަފާތު މަންޒަރެކެވެ. އިޓަލީގެ ކްލައުޑިއޯ ޖެންޓިލޭ މުޅި މެޗުގައި އާޖެންޓީނާގެ ހަލުވި ފޯވާޑް މަރަޑޯނާ ބަނދެލައިގެން ކުޅުމުގެ ނަތީޖާއަކަށް ވީ މަރަޑޯނާ އަށް ކަމެއް ނުކުރެވި، އިޓަލީ 2-1 އިން މޮޅުވުމެވެ. އަދި ޖެހިގެން އައި މެޗުން ބްރެޒިލް އަތުން 3-1 އިން ބަލިވެ އާޖެންޓީނާ ކެޓީ އެވެ. އެއާ އެކު ސެމީ ފައިނަލް ލިބޭނެ ޓީމެއް ކަނޑައެޅުން އޮތީ އިޓަލީ އާއި ބްރެޒިލް މެޗުންނެވެ. މޮޅުވާ ޓީމަކަށް ފުރުސަތު ލިބޭއިރު އެއްވަރުވެއްޖެ ނަމަ ފުރުސަތު އޮތީ ބްރެޒިލަށެވެ. ދެ ޓީމުގެ ފެންވަރަށް ބަލާއިރު އުނދަގުލެއް ނެތި ބްރެޒިލުން މެޗު ކާމިޔާބުކުރާނެ ކަމަށް ލަފާކުރެވުނެވެ.

ބާސެލޯނާގެ ސަރިއްއާ ސްޓޭޑިއަމުގައި ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އެންޓޯނިއޯ ކަބްރީނީ އަރިމަތިން ނެގި ހުރަހެއް އޭރިއާ ތެރެއިން ފުންމައިގެން އަރައި ބޮލުން ޖަހައި ތިރީ ކަނަށް ވައްދާލައި ރޮސީ އިޓަލީ އަށް ކުރި ހޯދައިދިނެވެ. މިއީ އޭނާ މުބާރާތުގައި ޖެހި ފުރަތަމަ ގޯލެވެ.

އެކަމަކު އިޓަލީ އަށް ލީޑު ދެމެހެއްޓުނީ ހަތް މިނެޓު ވަންދެންނެވެ. މެދުތެރެއިން ބްރެޒިލްގެ ސޮކްރަޓީސް ޖައްސާލި ބޯޅަ ޒީކޯ ހޯދައި އިޓަލީގެ ކުޅުންތެރިއެއް ކައިރިން ދެމިގަނެ ދެން ޖައްސާލީ އަލުން ހުހަށް ހުރެ ކުރިއަށް އެރި ސޮކްރަޓީސް އަށެވެ. އޭނާ ދުވެފައި ގޮސް އިޓަލީގެ ކީޕަރު ޑިނޯ ޒޮފުގެ ފައި ކައިރިން ގޯލުގެ ތިރީ ކަނުގައި ބޯޅަ ތަތްކޮށްލި އެވެ. މި ގޯލުން އެކަނި ވެސް ބްރެޒިލްގެ އޭރުގެ ފެންވަރު ވަޒަންކުރެވޭނެ އެވެ.

އެކަމަކު އިޓަލީ އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. ޓޮނީނިއޯ ސެރެޒޯ ފަހަތަށް ޖައްސާލި ބޯޅައެއް އަތުލައި ރޮސީ ވަނީ ޑީ އޭރިއާ ތެރެއިން އުންޑައެއްހެން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި 25 ވަނަ މިނެޓުގައި އިޓަލީ އަށް އަލުން ކުރި ހޯދައިދީފަ އެވެ.

ދެ ވަނަ ހާފުގައި ބްރެޒިލް ފެނުނީ ވަރަށް ނުރައްކާތެރިކޮށެވެ. އެކަމަކު އުމުރުން 40 އަހަރުގެ ކީޕަރު ޒޮފް ދިޔައީ ތަޖުރިބާގެ ބޭނުން ހިފައި ހަމަލާތައް މަތަކުރަމުންނެވެ. އެކަމަކު އެގޮތުގައި ހިފަހައްޓާލެވުނީ 68 ވަނަ މިނެޓާ ހަމަޔަށެވެ. އިޓަލީގެ ބްރޫނޯ ކޮންޓީ ކައިރިން ދެމިގަނެ ޖޫނިއޯ ޖައްސާލީ އޭރިއާ ބޭރު ރޮނގާ ދިމާލުން ހުސްވި ޒިކޯ އަށެވެ. އޭނާ މަޑުމަޑުން ކުރިއަށް ޖެހި، ދަނޑިވަޅު ބަލާފައި އޭރިއާ ރޮނގު މަތިން ފޮނުވާލި ބާރު ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

މެޗުގެ ފަހު ބަޔަށް ދިޔައިރު އިޓަލީގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. އެކަމަކު ކޮންމެހެން ވެސް މޮޅުވާން ޖެހޭ މެޗުގައި ދެން ފެނުނީ 74 ވަނަ މިނެޓުގައި ރޮސީ ލަނޑު ޖަހައި ހެޓްރިކެއް ފުރިހަމަކޮށް އިޓަލީ އަށް އަނެއްކާވެސް މެޗުގައި ކުރި ހޯދައިދިން ތަނެވެ.

"ކަލޭމެން ގަބޫލުކުރާނަންތަ؟" ފެންނަމުން ދިޔަ މަންޒަރުތަކާ އެކު، ހައިރާންވެފައި އިން ކޮމެންޓޭޓަރު ބެލުންތެރިންގެ ކައިރީ އެހި އެވެ.

މެޗުގެ ފަހު ވަގުތު ހީވީ ބްރެޒިލުން ދެންމެދެންމެ ލަނޑެއް ޖަހައިފާނެ ހެންނެވެ. އެގޮތުން އެ ޓީމުން ފޮނުވާލި ބޯޅައެއް ގޯލް ރޮނގު މަތިން ޒޮފް މަތަކުރި އެވެ.

"އަހަންނަކަށް ހިއެއްނުވޭ މިކަހަލަ ވޯލްޑް ކަޕެއް މެޗެއް ކުޅެވުނުހެން،" ކޮމެންޓޭޓަރު މެޗު ސިފަކޮށްދިނެވެ.

މެޗު ނިމުނީ ފުޓްބޯޅަ އަކީ ކޮންމެ ފަދަ ނަތީޖާއެއް ވެސް ފެނިދާނެ ކުޅިވަރެއްކަން ސާބިތުކޮށްދީފަ އެވެ. ގަދަފަދަ އާޖެންޓީނާ އާއި ބްރެޒިލް ކަޓުވާލުމަށް ފަހު އިޓަލީ ސެމީ ފައިނަލަށް ދިޔައީ އެވެ. ލަނޑެއް ނުޖެހި ތިން މެޗު ދިޔުމުން ވެސް ކޯޗު އެންޒޯ ބިއާޒޮޓް އިތުބާރުކުރި ފޯވާޑް ރޮސީ ހެޓްރިކެއް ހެދީ އެވެ.

އެ މެޗުގައި ދެއްކި މޮޅު ކުޅުމުން އިޓަލީ ހޯދި ހިތްވަރާ އެކު ސެމީގައި ޕޮލެންޑް 2-0 އިން ބަލިކޮށް އަދި ފައިނަލުގައި ހުޅަނގު ޖަރުމަން 3-1 އިން ބަލިކޮށް މުބާރާތް ވެސް ކާމިޔާބުކުރި އެވެ. އަދި އެ ދެ މެޗުގައި ރޮސީ ޖެހި ލަނޑުތަކާ އެކު މުބާރާތް ނިންމާލީ ހަ ލަނޑާ އެކު ރަން ބޫޓް ހާސިލްކޮށް އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިގެންނެވެ.

ހުނަރާއި މުނިފޫހިފިލުވައިދިން މިންވަރާއި ފޯރި އާއި ކަން ހިނގައި ދިޔަ ގޮތަށް ބަލާއިރު މިއީ ވޯލްޑް ކަޕުގެ ތާރީހުގައި މިހާތަނަށް ކުޅުނު އެންމެ މޮޅު މެޗު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.