ބޮޑު ވަޒީރު މާފަށް އެދެން ޑެހެއާ ޑިމާންޑްކޮށްފި

މެޑްރިޑް (ޖޫން 12) - އޭނާއާ ބެހޭގޮތުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ދެއްކެވި ވާހަކަތަކާ ގުޅިގެން އާންމުންގެ ކިބައިން ބޮޑުވަޒީރު މާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ސްޕެއިނަށް ކުޅޭ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ބުނެފި އެވެ.


މެޑްރިޑްގެ ހޮޓަލެއްގައި 2012 ވަނަ އަހަރު ޑެހެއާ ބޭއްވި ޕާޓީއެއްގެ ތެރޭގައި ހަށިވިއްކާ ދެ އަންހެނުންނާއި ދެ ފުޓްބޯޅަ ކުޅުންތެރިން ބައްދަލުކުރުވަން ޑެހެއާ މަސައްކަތްކުރި ކަމަށް ބުނެ އޭނާ ގޮވައިގެން ކޯޓަށް ވެސް ވަނީ ގޮސްފަ އެވެ. ޑެހެއާއާ ދެކޮޅަށް އެއް އަންހެނަކު ހެކިބަސް ދިން ނަމަވެސް މައްސަލަ ނިމުނީ އެކަމުގައި ޑެހެއާގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

ސްޕެއިންގެ ބޮޑުވަޒީރުގެ މަގާމާ މި މަހު ހަވާލުވި ޕެޑްރޯ ކުރިން އިދިކޮޅު ޕާޓީގައި ހުރެ 2016 ވަނަ އަހަރު ވިދާޅުވީ ޑެހެއާ ސްޕެއިން ގައުމީ ޓީމަށް ކުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރެއްވި އެވެ.

ބޮޑުވަޒީރު ޕެޑްރޯ މިދިޔަ ހަފްތާގައި ސްޕެއިން ޓީމުގެ ސްކޮޑާ ބައްދަލުކުރެއްވިއިރު ޑެހެއާ ގާތުގައި އެ ވާހަކަތަކަށް މާފަށް އެދިވަޑައިގެންނެވި އެވެ. އެކަމު ޑެހެއާ ބުނީ އެ ހިސާބުން އެކަން ނުނިމޭ ކަމަށެވެ.

"އަހަރެން އޭނަ (ބޮޑުވަޒީރު) އަށް މައާފްކޮށްފިން. އެކަމު ހަގީގަތުގައި އޭނާ ދެއްކި ވާހަކަތަކަކީ އާންމުންގެ ކުރިމަތީގައި ދެއްކި ވާހަކަތަކެއް. އެހެންވީމަ އޭނަ (ބޮޑުވަޒީރު) އެބަޖެހޭ އެންމެންގެ ކުރިމަތީގައި ވެސް އެ ވާހަކަތަކަށް މާފަށް އެދެން. ހަމައެކަނި އަހަރެން މައާފްކުރުމުން މި ކަމުގައި ގެއްލުން ލިބުނު އެންމެންގެ ހިތައް ލުޔެެއް ނުލިބޭނެ،" ޑެހެއާ ސްޕެއިންގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ސްކޮޑުގައި ޑެހެއާ ހިމެނުނީ ތިން ވަނަ ކީޕަރެއްގެ ގޮތުގަ އެވެ. އޭނާ އަކީ އެ މުބާރާތުގައި ސްޕެއިން ޓީމުން ކުޅުމުގެ ފުރުސަތު ނުލިބުނު ހަމައެކަނި ކުޅުންތެރިއާ އެވެ. އެކަމަކު އެ ފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓިއިރު، އޭގެ ފަހުން ސްޕެއިންގެ ގޯލު ބަލަހައްޓަމުން އަންނަނީ ޑެހެއާ އެވެ. ފްރާންސްގައި 2016 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ކުޅުނީ ޑެހެއާ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ ކީޕަރުގެ މަގާމު މި ސީޒަނުގައި ހޯދި ޑެހެއާ އަކި ގިނަ އަހަރުތަކެއް ވަންދެން ސްޕެއިންގެ ގޯލު ފުރިހަމަކުރާނެ ކީޕަރުކަމަށް ތަޖުރިބާކާރުން ބުނެ އެވެ.